މާލީގޮތުން ރައީސް އަޅުއްވާ އިސްލާހީ ފިޔަވަޅުތަކަށް ޗައިނާގެ އެއްބާރުލުމަށް އެދިއްޖެ

ފޮރިން މިނިސްޓަރު މޫސާ ޒަމިރު، ޗައިނާގެ ފޮރިން މިނިސްޓަރު އެފެއާޒް ވަންގް ޔީ އާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އެކްސް: މޫސާ ޒަމީރު

މާލީ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ޒަމީރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސްޓޭޓް ގެސްޓް ހައުސްއަށް ވަޑައިގަތުމުން މިނިސްޓަރު ވަންގް ވަނީ ދިވެހި ވަފުދަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދުވަސްވީ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތްތަކަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެމުންގެންދާ އެހީތެރިކަމަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމިރު، ޗައިނާގެ ފޮރިން މިނިސްޓަރު އެފެއާޒް ވަންގް ޔީ އާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އެކްސް: މޫސާ ޒަމީރު

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ މާލީ އިސްލާހުތަކާ ގުޅޭ މައުލޫމާތު ޒަމީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކުގައި، ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަގީންކަން އައުކޮށް، ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައެވެ.

ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ދެން ވަޑައިގެންފައި ވަނީ:

  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
  • އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
  • ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް
  • ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން
  • ދިވެހި ސަރުކާރުގެ އިސްބޭފުޅުން

މިނިސްޓަރު ޒަމީރު ވަނީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި މިނިސްޓަރު ވަންގްގެ އަތްޕުޅަށް އަރުވާފައެވެ.

comment ކޮމެންޓް