ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ ތިން ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް

ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ ފުޖިއަން ސިޓީއަށް ރާޅު އަރަނީ -- ފޮޓޯ/އިންގްލިޝް އަރަބިއާ

ޗައިނާގެ އިރުމަތީ ސަރަހައްދަށް ތޫފާނެއް އަރައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ 300،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

ތޫފާން ގައިމީ ފުރަތަމަ އަރާފައިވަނީ ބުރާސްފަތި ދުވަހު ޓައިވާނަށެވެ.

ތޫފާން ގައިމީއަކީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އެ ގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ޗައިނާއަށް ތޫފާން އެރިއިރު އޭގެ ބާރު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތޫފާން އެރުމުގެ ސަބަބުން ޗައިނާގެ އިރުމަތީ ފުޖިއާންގެ ބިންގަނޑު ކަނޑައިގެންގޮސްފައިވެއެވެ.

ތޫފާން ގައިމީގެ ސަބަބުން ބޯކޮށްވާރޭވެހި ފެންބޮޑުވުން އެކަށީގެންވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުދީފައިވާއިރު، ފުޖިއަންގެ 290،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ބައެއް ސިޓީތަކުގެ އާންމު ދަތުރުފަތުރާއި އޮފީސްތަކާއި ސްކޫލްތަކާއި މާކެޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީވީން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒެޖިއަންގް ޕްރޮވިންސްގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

ނުވަ މިލިއަން މީހުން ދިރިއުޅޭ އެ ޕްރޮވިންސްގެ ވެންޒޯ ސިޓީން ގާތްގަނޑަކަށް 7،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ސީސީޓީވީން ބުނެއެވެ.

ޗައިނާގެ ރަސްމީ މޫސުމާބެހޭ ނެޓްވޯކާއި ހަވާލާދީ ސީސީޓީވީން ބުނީ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ހުޅަނގު އުތުރަށް ގަޑިއަކު ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށެވެ.

ތޫފާންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއްނުވެއެވެ.

ޗައިނާގެ އުތުރަށް ވެސް މި ހަފުތާގައި ވިއްސާރަކޮށްފައިވާއިރު، އެ ހާދިސާގައި އެ ގައުމުގެ ހުޅަނގު އުތުރުގެ ގަންސޫ ޕްރޮވިންސަށް ބޯކޮށް ވާރޭވެހި އެކަކު މަރުވެ، ތިން މީހަކު ވަނީ ގެއްލިފައެވެ.

comment ކޮމެންޓް