ކެތްތެރި ކަމެއް ނެތިއްޔާ ކެރަމަލް ފޮޅި ތައްޔާރުކުރާނެ ކަމެއް ނެތް

ކެރަމަލް ފޮޅި: އަނގަޔަށް މީރު ފޮނި ހެދިކާގެ ބާވަތެއް--ފޮޓޯ/ފޭސްބުކް

މި އަހަރުގެ ރަމަޟާން މަހާ އަލްވަދާޢު ކިއުމަށް އަޅުގަނޑުމެން ތައްޔާރުވަމުން އަންނައިރު ގޭގެ ސުފުރާމަތިން އެންމެ ގިނައިން ފެނުނު ފޮނި ހެދިކާގެ ވައްތަރަކީ ކެރަމަލް ފޮޅިއެވެ. މިކަން ބައެއް އެކުވެރީންގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ބަލާލުމުން ދޭހަވެއެވެ.

މިއީ އަނގަޔަށް މީރު ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބާވަތެއް ނަމަވެސް ކެރަމަލް ފޮޅި ތައްޔާރުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ރީތި ސައިޒަކަށް ތުނިކޮށް ކެރަމަލް ފޮޅި އެޅޭނީ އެކަމުގެ ތަޖުރިބާހުރި, ކެތްތެރިކަމާ އެކު އެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައި ތިބި ބަޔަކަށެވެ.

"ވަރަށް މީރު އެއްޗެއް ކެރަމަލް ފޮޅި އަކީ. ފިރިމީހާއަށް ޚާއްޞަކޮށް ވަރަށް މީރު އެއްޗެއް. އެކަމަކު ވަރަށް ގިނައިރުން އެކަން ވަނީ،" 40 އަހަރުގެ އަންހެނެއްގެ ތަޖުރިބާއަކީ މިއީއެވެ.

"ކެރަމަލް ފޮޅި ތައްޔާރުކުރަން ވިސްނަނީ ވެސް ބަންދު ދުވަހަކާ ދިމާކޮށް. އެއީ ވަގުތު އޮވެގެން ވަރަށް ހަމަޖެހިލައިގެން އެ ތައްޔާރުކުރަން ވެގެން. ހިތަށް އަރާ ވަރަށް ކެތްތެރީންނަށޭ މި މަސައްކަތް ކުރެވޭނީ،" މިއީ ވެސް ބަދިގެތެރޭ އަވަދިނެތި މަސައްކަތް ކުރަމުންދިޔަ ޒުވާނެއްގެ ޚިޔާލުހުރިގޮތެވެ.

ކެރަމަލް ފޮޅި: ތައްޔާރުކުރަން ބައެއް މީހުންނަށް އުނދަގޫވި ނަމަވެސް މިއީ އެއްބަޔަކު ފަސޭހަކަމާއެކު ތައްޔާރުކޮށްލާ ބާވަތެއް--ފޮޓޯ/ފޭސްބުކް
ކެރަމަލް ފޮޅިއަކީ ބިހާއި، ގެރިކިރާއި، ވެނީލާ އެސެންސް، އަދި ބަޓަރު ނުވަތަ ތެޔޮ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ ބާވަތެކެވެ. ބައެއް މީހުން މި ތައްޔާރުކުރާއިރު ފުށް ވެސް ބޭނުންކުރެއެވެ. އެއީ ފޮޅި އަޅާއިރު ތަވާގައި ފޮޅިތައް ތަތްލަވާފާނެތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ފުށުގެ ބަދަލުގައި ބައެއް މީހުން ޕާން ފޯ ކުރުމަށްފަހު ކެރަމަލް ފޮޅި ބެޓާގެ ތެރެއަށް އަޅައިގެން ވެސް ތައްޔާރުކުރެއެވެ.

ކޮންމެއަކަސް ތަވާގައި ތަތްލެވުނަ ނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެތެރޭ ކެރަމަލް ފޮޅި އަޅަން ތައްޔާރުކުރި ދިޔާ ފުށްގަނޑު މަދުވެގެން 30 މިނެޓު ވަންދެން ސެޓުކުރުމަށް ބެހެއްޓިދާނެއެވެ. ފޮޅި އަޅަން ކޫރުން ނެތް އޮމާން ތަވައެއް ބޭނުންކުރުމުގެ އިތުރުން ކެރަމަލް ފޮޅި ފިހެން ރަބަރު ދޭފަތެއް ބޭނުންކުރެވިދާނެއެވެ.

އެންމެ މުހިއްމު އަދި އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނެ ކަމަކީ ވީހާވެސް މަޑު ގިނީގައި އުނދުން ބެހެއްޓުމަށެވެ. ކުރިންވެސް ފާހަގަކޮށްލެވުނުހެން ދިޔާ ފުށްގަނޑު ތަވާއަށް އެޅުމަށްފަހު ރަނގަޅަށް ފިހެވެންދެން ކެތްތެރިކަމާއެކު މަޑުކޮށްލަންވާނެއެވެ. އެހެންނޫނީ ފިރިމީހާއަށް ނުވަތަ އާއިލާގެ މެމްބަރުންނަށް ކާން ލިބޭނީ މާ ބޮޑަށް އަނދާފައި ހުރި ކެރަމަލް ފޮޅިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް