ވޭތުވެދިޔަ 44 އަހަރު، މޫސުމަށް އައި ކޮންމެ ބަދަލެއް އޭނާ ދެކިލެއްވިއެވެ. ސުނާމީގެ ރާޅާއި 1987ގައި މާލެއަށް އެރި ބޮޑު ރާޅު ވެސް ދެލޮލުން ދެކިލައްވައި އެ ބިރުވެރިކަން ތަޖުރިބާ ކުރެއްވެވިއެވެ. ސާޅީސް ހަތަރު އަހަރު ވަންދެން ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާއާ އެކު މޫސުން ދިރާސާކުރަން ފައްޓަވައެވެ. އެންމެ މުހިންމު ކަމަކަށް އެ މައުލޫމާތު ދުވާލަކު އެތައް ފަހަރެއްގެ މަތިން ދިވެހީންނަށް ފޯރުކޮށްދެއްވައެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެކަކަށް ވާނީ އަބްދުލް މުހުސިން ރާމިޒެވެ. ސާޅީސް ހަތަރު އަހަރުގެ ތަޖުރިބާއާ އެކު އޭނާ މިއަދު ގެއަށް ވަޑައިގެން ނަމަވެސް، އޭނާގެ ހިތް އަދިވެސް އޮތީ ޖައްވާއި ކާއިނާތުގެ ކަންކަމަށް ލެނބި ހުސްވެފައެވެ. އެންމެ ކުޑައިރު އުފެދުނު އެ ޝައުގު ފަނޑު ނުވެ، ފަޖުރުގެ ތަރި ފަދައިން މެދުއުޑުގައި މިއަދު ވެސް ފިޔަޖަހައެވެ.
ވިލާތަކާއި ތަރިއާއި ހަނދަށް ޝައުގުވެރިވެ، މޫސުން ދިރާސާކުރުމަށް
ލ. އަތޮޅު ފޮނަދޫއަށް އުފަންވި ނަމަވެސް އުމުރުން ހަ އަހަރުގައި މުހުސިންގެ ދިރިއުޅުން މާލެއަށް ބަދަލުކުރެއްވީ ތައުލީމު ހާސިލުކުރެއްވުމަށެވެ. އޭނާގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ ބޮޑު ޗުއްޓީތަކުގައި ރަށަށް ދިއުމެވެ. މިހާރާ ޚިލާފަށް އޭރު ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއްް ނެތުމުން ދިގު ދަތުރުތަކުގައި މުހުސިންގެ ބައިވެރިއަކަށް ވީ އުޑާއި ވިލާތަކެވެ. ދަތުރުގައި އޭނާ ފޫހި ފިލުވުމަށް އުޑާއި ވިލާތަކުގެ ދަތުރު ބަލައެވެ. އެކަމަށް ޝައުގުވެރިވެ މުޅި ދަތުރުގައި ވެސް އުޑަށާއި ވިލާތަކަށް އަންނާނެ ބަދަލުތައް ހިތުން ލަފާކުރެއްވިއެވެ.
"އެ ދަތުރުތައް ކުރާއިރުގައި ފެނޭ ވަރަށް ގިނައިން ވިލާތަކަށް ބަދަލު އަންނަތަން. ވަރަށް އަވަހަށް ވިލާތައް ބަދަލުވަމުން ދާތީއާ ވިލާތަކާ ބެހޭ މައުލޫމާތު ކޮންމެ ވެސް ވަރަކަށް ލިބިފައި ހުރީމައި އޭގެ ތެރެއިން ބޮޑަށް މޫސުމާބެހޭ ދާއިރާއަށް ވަނުމަށް ޝައުގުވެރިވީ،" މުހުސިން ވިދާޅުވިއެވެ.
މޫސުމާއި މޫސުން ދިރާސާކުރުމަށް އޭނާގެ ހިތުގައި އޭރުން ފެށިގެން ޝައުގުވެރިކަން އުފެދިއްޖެއެވެ. މިކަމަށް ޝައުގުހުރި ކަމަށް ވީނަމަވެސް ފުރަތަމަ ވަޒީފާ ލިބުނީ 15 ސެޕްޓެމަބަރު 1976 ގައި ފައިލޭރިޔާ ކުލިނިކުންނެވެ. އެ އޮފީހުގައި އަހަރެއްހައި ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު އެތަނުން ވަކިވެ ވަޑައިގެންނެވިއެވެ. އަދި، ދުވަސްކޮޅެއް ފަހުން މީޓިއޮރޮލޮޖިކަލް އޮބްޒާވަރުން ބޭނުންވެގެން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީއިން އިޢުލާންކުރުމުން, އެ މަޤާމާށް ކުރިމަތިލައްވައިގެން ވަޒީފާ ހަމަޖެހުމުން އެ އޮފީހަށް ބަދަލުވެލެއްވިއެވެ.
ރާއްޖޭގައި އުފެދުނު ފުރަތަމަ މީޓިއޮރޮލޮޖިސްޓުންގެ ތެރޭގައި މުހުސިން
ރާއްޖޭގައި ފުރަތަމަ މޫސުމާބެހޭ މަސައްކަތްތައް ހިންގަމުން އައީ އެކި މުއައްސަސާތަކުގެ ދަށުންނެވެ. މޫސުމާބެހޭ މަސައްކަތް ރާއްޖޭގައި ފެށިގެން އައިސްފައިވާ ކަމަށް ރިކޯޑްކުރެވިފައިވަނީ 1966 ގައެވެ. އޭރު މޫސުމާބެހޭ މަޢުލޫމާތުގެ ގޮތުގައި ނަގަމުން ދަނީ ދުވާލަކު ދެ ފަހަރު ވައިޖެހޭ މިސްރާބައި ބާރުމިނާއި, ފިނިހޫނުމިން އަދި ވާރޭވެހޭ މިންވަރެވެ. ޤަވާއިދުން މޫސުމާ ބެހޭ މަޢުލޫމާތު އެއް ކުރަން ފެށުނީ 1974 ގެ އޯގަސްޓް 1 ވަނަ ދުވަހު މީޓިއޮރޮލޮޖިކަލް ސެންޓަރު ޤާއިމުކުރެވުމުންނެވެ.
މީގެ އަހަރުތަކެއް ފަހުން 1 ޖުލައި 1980ގައި ވަކި މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި މީޓިއޮރޮލޮޖޮޖިކަލް މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމަށް, އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ޤައްޔޫމް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އުފެއްދެވުމުން، އެ އިދާރާގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާނުކުރިއެވެ.
އެ އިއުލާނުގެ ދަށުން ހަތަރު ވަރަކަށް ކުދިން ވަޒީފާއަށް ނެގިއިރު، މުހުސިނަކީ މެޓް އޮފީހުން ވަޒީފާ ދިން ފުރަތަމަ ބެޗުގައި ހިމެނިވަޑައިގެން މުވައްޒަފެކެވެ. އޭނާ މި ވަޒީފާއަށް ނުކުންނެވީ 16 ސެޕްޓެމްބަރު 1980ގައެވެ. އެ ހިސާބުން ފަލަކީ އިލްމު އުނގެނުމާއި މޫސުން ދިރާސާ ކުރުމުގެ މަސައްކަތް މުުހުސިން ފެއްޓެވީ ފަސްއެނބުރި ބެލުމެއް ނެތި ގަދަ ހިތްވަރާއި އަޒުމުގައެވެ.
މިއީ ފަންނީ އަދި ސައިންޓިފިކް ދާއިރާއަކަށްވުމުން ފުރަތަމަ ވެސް މެޓު އޮފީހުން މުވައްޒަފުންނަށް ދިނީ ތަމުރީނެކެވެ. އެ ތަމުރީނު ފުރިހަމަ ކުރެއްވުމުން މުހުސިން ވަޒީފާ ފަށައިގެންނެވީ މީޓިއޮރޮލޮޖިކަލް އޮބްޒާވަރެއްގެ ގޮތުގައެވެ.
އެ މީހުންގެ މަސްއޫލިއްޔަތަކީ، މޫސުމަށް އަންނަ ބަދަލުތައް ރިކޯޑުކޮށް، ބެލެހެއްޓުމެވެ. މި ވަޒީފާ ހަ އަހަރު އަދާކުރުމަށް ފަހު މޫސުން ކުރިއަށް ލަފާކުރުމުގެ ވަޒީފާ ނުވަތަ މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާ މުހުސިން އަދާކުރަން ފެއްޓެވީ 1986ވަނަ އަހަރުގެ މޭ މަހުން ފެށިގެންނެވެ.
"އޭގެ ކުރިން 1984ން ފެށިގެން އެ މަސައްކަތް ކުރެއްވީ އިންޑިއާގެ މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ އެމްއެސް ސިންހް. އޭނާ އެ މަސައްކަތް ކުރައްވަން ވަޑައިގަތީ އެއާޕޯޓްގެ މަސައްކަތްތައް ފުޅާކުރުމުގެ މަސްރޫއުއެއްގެ ދަށުން ހަޔާކުރައްވާފައިވާ އެކްސްޕާޓެއްގެ ހައިސިއްޔަތުން،" ވަޒީފާގެ ފުރަތަމަ އަހަރުތައް ދިޔަގޮތް ހަނދާނަށް ގެންނަވަމުން މުހުސިން ކިޔައިދެއްވިއެވެ.
މެޓް އޮފީހުގެ ފުރަތަމަ ދިވެހި ފޯކާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މުހުސިންގެ އިތުރުން އަލީ ޝަރީފެވެ.
މި މަސައްކަތުގެ ތެރެއަށް ވަދެވެމުން ދިޔަ ވަރަކަށް، ޖައްވީ ކަންކަމަށް މުހުސިންގެ ހިތުގައި އޮތް ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. މަސައްކަތުގެ ތަޖުރިބާގެ އިތުރުން އޭނާ މި ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލުކުރެއްވިއެވެ.
އެ ގޮތުން އިންޑިއާ، ޕާކިސްތާން، ހޮންގްކޮންގް، ފިލިޕީންސް އަދި އެހެން ގައުމުތަކުގައި ވެސް އޭނާ ވަނީ މި ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައެވެ.
ޓެކްނޮލޮޖީއާ އެކު ދާއިރާއަށް އައި ބަދަލުތައް މުހުސިންގެ ދުލުން
ޓެކްނޮލޮޖީއާއެކު ހުރިހާ ދާއިރާއަކަށް ވެސް ބަދަލުތަކެއް އައެވެ. ނަމަވެސް، އެންމެ ބޮޑު އެއް ކުރިއެރުމެއް އައި އެއް ދާއިރާއަކީ މުހުސިން މަސައްކަތް ކުރެއްވި ދާއިރާއޭ ބުނެވިދާނެއެވެ.
"އަޅުގަނޑުމެން ފުރަތަމަ މަސައްކަތް ފެށިއިރު އޮސްޓްރޭލިއާގެ ޑާވިންގެ ކޮންމެ ވެސް ވަރެއްގެ ޗާޓުތަކެއް ލިބޭ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ ޗާޓު ވެސް މަދުމަދުން ލިބޭ. މީގެ އިތުރުން އަޅުގަނޑުމެން ޗާޓު އެނަލައިޒް ކުރަން ޗާޓެއް ކުރަހަނީ. އެ ޗާޓާއި ސެޓެލައިޓް ފޮޓޯއާ އަޅާކިޔާ، ލިބެންހުރި ހުރިހާ މައުލޫމާތެއް ބޭނުންކޮށްގެން މޫސުން ލަފާކުރީ،" އޭރުގެ ހާލަތު ބަޔާންކޮށްދެއްވައި މުހުސިން ވިދާޅުވިއެވެ.
މީގެ އިތުރުން، އޭރު ޑޭޓާ ވެސް އެނަލައިޒްކުރަނީ މެނުއަލްކޮށެވެ. އަދި، ޖައްވުގެ ތަފާތު ފަށަލަތަކުގައި ވައި ހުންނަ މިންވަރާއި މިސްރާބު ވެސް ދެނެގަނެވެނީ ތިއޮޑޮލައިޓްއެއް ބޭނުންކޮށް ހަދާ މެނުއަލް އޮބްޒަވޭޝަންތަކަކުންނެވެ. މި އޮބްޒަވޭޝަންތައް އޭރު ހަދަނީ ދުވާލަކު އެއްފަހަރުއެވެ. ވިއްސާރަ މޫސުމެއް ނަމަ ދުވާލަކު ދެ ފަހަރެވެ.
ޓެކްނޮލޮޖީއާ އެކު މި ކަންކަން ވެސް މިހާރު ވަނީ ބަދަލުވެފައެވެ. އެ ގޮތުން، މިހާރު އަވަސްއަވަހަށް ސެޓެލައިޓު ފޮޓޯތައް މެޓް އޮފީހަށް ލިބެއެވެ. އަދި، މެޓް އޮފީހުގެ މަސައްކަތްތަކަށް އެންމެ ބޮޑު އެހީތެރިއެއްގެ ގޮތުގައި މިހާރު ވެދާ މޮޑެލް ބޭނުން ކުރާއިރު، ރާއްޖޭގެ އަމިއްލަ މޮޑެލްއެއް ވެސް މި މަސައްކަތުގައި ބޭނުން ކުރެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ބެލުމަށް ފަސް މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓްރީއާއި ޑޮޕްލާ ވެދާ ރާޑަރަކާއި, ރާއްޖޭގެ ސަރަހައްދުގައި 45 އޮޓޮމެޓިކް ވެދާ ސްޓޭޝަނާއި, ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ތިން ރަށެއްގައި ޓައިޑްގޭޖް މިހާރު ޤާއިމުކުރެވިފައިވެއެވެ. މޫސުމާ ބެހޭ ތަފާތު އާލާތްތަކުގެ އިތުރަށް ރާއްޖޭގައި މި ދާއިރާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައި މުހުސިން ސިފަކުރައްވަނީ ދާއިރާގައި މީޓިއޮރޮލޮޖީ ރޮނގުން މަތީ ތަޢުލީމުހާސިލުކޮށްފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ޚިދުމަތުގައި ތިބިކަމެވެ.
"މިހާރު މަސައްކަތުގެ ސްޓްރެސް އޭރަށްވުރެ ވަރަށް ބޮޑުތަން މަދުވެގެން އަންނާނެ. އެކަމަކު މަސައްކަތްތައް މަދެއް ނުވާނެ،" ދާއިރާއަށް އައި ކުރިއެރުންތައް ކިޔަދެއްވައި މުހުސިން ވިދާޅުވިއެވެ.
ޒަމާނާއެކު މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް މެޓް އޮފީހުން މިހާރު ވަރަށް ގިނައިން ކުރިއަށް ގެންދާކަން ފަޚުރުވެރިކަމާ އެކު އޭނާ ފަހަގަކުރެއްވިއެވެ. އަދި މިއީ ޒުވާނުން ވަންނަން ރަނގަޅު ދާއިރާއެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގޮންޖެހުންތަކަަށް ނުހުއްޓުވުނު ހިތްވަރުން ހާލަތު ބަދަލުކޮށްފި
ދާއިރާގައި މުހުސިނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އާލާތްތައް މަދުވެ، މަސައްކަތުގެ މާހައުލުގައި ގިނިކަންޏާ އުޅެން ޖެހިވަޑައިގަތުމެވެ. މެޓް އޮފީހުގައި މޫސުން ލަފާކުރަން ދެމީހުން މަސައްކަތްކުރާ އިރު، ކުރައްވަން ގިނަ މަސައްކަތްތަކެއް ވެސް އޮވެއެވެ. އެހެންކަމުން އޭނާގެ ގިނަ ވަގުތު ހޭދަކުރައްވަނީ ވެސް މަސައްކަތުގެ މާހައުލުގައެވެ.
މީގެ އިތުރުން، މަސައްކަތުގެ މެދުތެރެއިން އޭނާއަށް އަމިއްލަ މައްސަލަތަކެއް ދިމާވިއެވެ. ހުޅުލޭގައި މަސައްކަތްކުރައްވާއިރު، އޭނާގެ ދިރިއުޅުން ވިލިމާލެއަށް ބަދަލުކުރަންޖެހުން ވީ އޭނާގެ ދިރިއުޅުމުގައި ކުރަންޖެހުނު ވަރަށް ދަތި ތަޖުރިބާއަކަށެވެ.
"ވިލިމާލެއިން ފެރީއެއް ނަގައިގެން އަނެއްކާ ހިނގާފަ ގޮސް، އަމިއްލަ ނަފުސަށް ވަރަށް އުނދަގޫތަކެއް ތަހަންމަލުކުރަން ޖެހުނު އޭރު،"
ނަމަވެސް، އޭނާއަށް ފަރުވާކުޑަ ކުރައްވައި އޮފީހަށް ސަލާމް ވިދާޅުވެވޭކަށް ނެތެވެ. ދެ މީހުން މަސައްކަތް ކުރާއިރު، ވަގުތަށް ހާޒިރުވުމާއި މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމުމަކީ މުހުސިންގެ ތާވަލުގައި އެންމެ މުހިންމު ކަންތަކެވެ.
"އެއީ ހާޒިރުވުމުގައި ވަރަށް ބޮޑު ޗެލެންޖަކަށް ވޭ. އެކަމަކު ހާޒިރުވާން އެބަ ޖެހޭ. އަޅުގަނޑުމެން ދެ މީހުން ތިބެނީ. އެންމެ ދުވަހެއް ވެސް ވައްޓައެއް ނުލެވޭ. ކޮންމެ ދުވަހަކީ ވެސް މުހިންމު ދުވަހެއް. ގަޑިއަށް އައުމާ ގަޑިއަށް މަސައްކަތްތައް ކުރުމާ އެއީ ވަރަށް މުހިންމު ކަންކަން. މޫސުމަށް އަންނަ ބަދަލުތަކަކީ ވަގުތުން އެއަށް އެޑްރެސް ކުރަންޖެހޭ ކަންކަން،"
މި ދަތިތަކާ އެކު ވެސް މުހުސިން ކުރިއަށް ވަޑައިގަތީ މަސައްކަތަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. އަދި، ކައިރީ ތިބި މީހުން ދެއްވައި ހިތްވަރުން ހިތްވަރު އާކޮށް އޭނާ މަސައްކަތް ކުރެއްވީ އޭނާއަށް ކުރެވޭ އެންމެ ރަނގަޅަކަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެއްވުމަށެވެ.
މި ދާއިރާގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދެއްވި ބޭފުޅެއްގެ ގޮތުގައި މުހުސިން ފާހަގަކުރެއްވީ އަބްދުﷲ މަޖީދު އަބްދުލްގައްޔޫމެވެ.
"އަބްދުﷲ މަޖީދު ވަރަށް ބޮޑު އެހީތެރިކަމަކާއި ވަރަށް ބޮޑު ހިތްވަރެއް ދެއްވި. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ފަސޭހަފަސޭހަވެގެން ދިޔަ،"
ހަނދާނުން ނުފިލާނެ އެތައް ހާދިސާއެއް، އެންމެ ބިރުވެރީ ސުނާމީ
މޫސުން ދިރާސާކުރުމުގެ މަސައްކަތުގައި 44 އަހަރު ހޭދަކުރެއްވި އިރު، އެތައް ކަމެއް އޭނާ ތަޖުރިބާ ކުރައްވާފައި ހުންނަވާނެއެވެ. އެތައް ތަޖުރިބާއެއް ތެރެއިން ވެސް ހަނދާނުގައި އެންމެ ހަރުލާފައި ހުންނަނީ 2004ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ކާރިސާއެވެ.
"އަޅުގަނޑު ގޭގައި ހުއްޓަ އޮފީހުން ގުޅާފައި ބުނީ އޮފީހަށް އައިސްދޭން. އަޅުގަނޑު ވިލިނގިލީގައި އުޅެނީ ދެން ވީ އެންމެ އަވަހަކަށް އަޅުގަނޑު އޮފީހަށް ދިޔައިން. އޭރު އަދި ސުނާމީއެއް ނާރާ،"
ނަމަވެސް، ކުޑަ އިރުކޮޅެއް ފަހުން ބޮޑު ރާޅެއް ބާރު ސްޕީޑުގައި ހުޅުލެއަށް އަރާތަން ފެނުނެވެ. ރާޅު އަރާ ހުޅުލޭ ރަންވޭ އަޑިގައި އޮއްވާ ވެސް މުހުސިނަށް ފެނިވަޑައިގަތެވެ. އޭރު އޮފީހުގައި ތިބި އެންމެން ވެސް ތިބީ ދެންވާނެ ގޮތް ނޭނގި ހާސްކަމާ ބިރުވެރިކަމުގައެވެ. ނަމަވެސް، އެ މީހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން އެ ހާލަތުގައި ވެސް މަސައްކަތް ކުރަން މަޖުބޫރިވިއެވެ.
"އެ ތަން ވީޑިއޯކުރަން ވެސް ކުއްޖަކާ ހަވާލުކުރި. އެކަމަކު އެ ހާދިސާގެ ބިރުވެރިކަމުން ނެގި އެއްވެސް އެއްޗެއް ހުރީ ބޭނުން ކުރެވޭ ހާލަތެއްގައެއް ނޫން. އޭނާ ވެސް ބިރުން ތުރުތުރު އަޅާ ހާލަތުގައި ހުރީ،"
މުޅި ދުވަސް އޮފީހުގައި ހޭދަކުރަން ޖެހުނުއިރު، ރަށުގައި ތިބި މުހުސިންގެ އާއިލާއަށް ގުޅަން އޭނާ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެކަން ނުވުމުން އިހުސާސްވި ހިތްދަތިކަމާއި ބިރުވެރިކަމާ އެކު ވެސް އޭނާ އެ ދުވަހު ވެސް އިސްކުރެއްވީ މަސައްކަތާއި ރައްޔިތުންނެވެ.
އެ ދުވަހަކީ ޑިސެމްބަރު 26 ވުމުން އެހެން ޕެސިފިކް ސުނާމީ ވޯނިންގައި މަސައްކުރާ މުވައްޒަފުން ތިބީ ގޭގައެވެ. އެހެންކަމުން އެ ދުވަހު ސުނާމީއާ ބެހޭ މައުލޫމާތުތައް ހޯދަން ވެސް މެޓް އޮފީހަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވިއެވެ.
"ވަރަށް މުހިންމު އަގުހުރި ގައުމަށް ފައިދާހުރި މަސައްކަތެއްތަކެއް ކުރެވުނު ދުވަހެއް އެއީ މޫސުމާ ބެހޭ އޮފީހުން،"
މީގެ އިތުރުން، އެހެން ހާދިސާތައް ވެސް މުހުސިން ވަނީ ތަޖުރިބާ ކުރައްވައިފައެވެ. އެ ގޮތުން 1987ގައި މާލެއަށް ބޮޑުރާޅު އެރުން ވެސް އިއްޔެ ހިނގި ކަމެއްފަދައިން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.
"އެ ހާދިސާއަކީ ހަމައެކަނި މާލެއަށް ހިނގި ހާދިސާއެއް. އެހެންވީމާ އެ ހާދިސާގައި ގައުމުގެ އެހެން ދިމަދިމާލަށް އަސަރު ކޮށްފައެއް ނެތް،" މާލޭގެ ދެކުނު ފަރާތުން އެރި ބާނީގެ ވާހަކަ ވެސް މުހުސިން ސިފަކުރެއްވީ ބިރުވެރި ދުވަހެއްގެ ގޮތުގައެވެ.
އޭގެ ފަހުން 1991 ގައި އައްޑޫއަށް ކުރި އާދަޔާ ޚިލާފު ވިއްސާރަ ވެސް މުހުސިންގެ މަސައްކަތުގެ ހަޔާތުގައި ވަނީ ތަޖުރިބާ ކުރައްވައިފައެވެ.
"ޓައީ ބާލައި ގެއަށް، އެކަމަކު މަސައްކަތާ ދުރަކަށް ނުދެވޭނެ"
ގައުމީ ޚިދުމަތުގައި 44 އަހަރު ހޭދަކުރެއްވުމަށް ފަހު ޑިރެކްޓާ މީޓިއޮރޮލޮޖީގެ މަގާމުން މުހުސިން ވަކިވެވަޑައިގަތީ އުމުރުން 65 އަހަރުވުމުން ރިޓަޔާކުރަން މަޖުބޫރުވުމުންނެވެ. ނަމަވެސް، އޭނާގެ ހިތުގައި މި މަސައްކަތަށް އޮތް ލޯބި ކުޑަކޮށް ވެސް ފަނޑެއް ނުވެއެވެ.
އެހެންކަމުން އޭނާގެ އެންމެ ބޮޑު އުންމީދަކީ މި ދާއިރާ އިތުރަށް ކުރިއަރާ ދުވަހެއް ފެނުމެވެ.
"އަޅުގަނޑު އެތައް ދުވަހެއް ވަންދެއް މަސައްކަތްކުރި ދާއިރާ ﷲގެ ރަހުމަތްފުޅުން ތަރައްގީވެ، އިތުރަށް ކުރިއަށް ދާނެ ދުވަހެއް ފެނުމަކީ އަޅުގަނޑުގެ ދުއާއެއް. އެ ގޮތުން މޫސުމާ ބެހޭ ދާއިރާ، ކްލައިމެޓް ސާވިސް އެކި ދާއިރާތަކަށް ފުޅާވެގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާވެރިކަމާ އެކު ދެކެން ބޭނުންވާ ދުވަހެއް،"
"އަޅުގަނޑަކީ އިޖުތިމާއީ ގޮތުން ހަރަކާތްތެރިވުމަށް ވަރަށް ޝައުގުވެރިވާ މީހެއް. މިހާރު ދެން އޮތީ ހަމަ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައްކެއް އިޖުތިމާއީ ގޮތުން ކޮށްދިނުން،"