ސެންޑި ކަނޑަނީ ފޮންޏެއް ނޫން، ހަގީގަތުގައި ވެސް ހުވަދޫ ހަމަ ތަފާތީ!

ސެންޑި ހުވަދޫ އަތޮޅު ބަލަން ކުރާ ދަތުރުގެ ތެރެއިން --

ހުވަދޫ އަތޮޅޭ ބުނެފިނަމަ އެންމެ ފުރަތަމަ ވެސް ހިތަށް އަންނަނީ އެ މީހުންގެ ތަފާތު ބަހުރުވައެވެ. ނަމަވެސް މިފަހުން ޓިކްޓޮކްގައި ހުވަދޫ އަތޮޅޭ ކިޔައިގެން، ހުސައިން ރަޝީދު (ސެންޑި) ދައްކަނީ މާ ތަފާތު ވާހަކައެކެވެ. މާ ބޮޑެތި ބިޔަ ޅޮސްގަސް ތަކެއްގެ ވާހަކައަކާއި ހޯރަ އަރާ ރަށެއްގެ ވާހަކައެވެ. އަދި ހައުސްރީފް ތަކެއްގެ ވާހަކައާއި މިފަދަ ގުދުރަތީ އެތައް އަޖައިބެއްގެ ވާހަކައެވެ.

ގަބޫލު ކުރަން ދައްޗަސް ގަބޫލުނުކޮށް ވާކަށް ވެސް ނެތެވެ. މި ވާހަކަތައް އޭނާ ދައްކަނީ ލޮލުން ދެކެ އަތުން ހިފައިގެންނެވެ. ހުވަދޫ އަތޮޅު މީގެ ކުރިން ފެނިފައި ނުވާތީ، އެސްޑީއެމް ފާމްގެ ވެރިޔާ ސައްދާމާއެކު އޭނާ ފެށީ "އެކްސްޕްލޯ ހުވަދޫ"ގެ ނަމުގައި ދަތުރެކެވެ.

ސެންޑިއަކީ ކާކު؟ އެކްސްޕްލޯ ހުވަދޫއަކީ ކޮން ދަތުރެއް؟

ގިނަ ބައެއްގެ ހިތުގައި ދެން އުފެދޭނެ ސުވާލަކީ ސެންޑިއަކީ ކާކުތޯއެވެ. އަދި މި ވާހަކަތައް މާ ބާރުލާ އޭނާ ޓިކްޓޮކްގައި ދައްކަނީ ކީއްވެތޯއެވެ. ހުވަދޫ ފެނި އޭނާ މިވަރަކަށް އަޖައިބުވީ ކީއްވެތޯ ވެސް ބައެއް މީހުން ހިތަށް އަރާފާނެއެވެ.

ސެންޑި އަކީ ޑައިވަރެކެވެ. 1981 ވަނަ އަހަރު އެ ދާއިރާއަށް ތައާރަފްވެ، އޭނާވީ ރާއްޖޭގައި އުފެދުނު ތިންވަނަ ޕަޑީ ސެޓިފައިޑް ޑައިވިން އިންސްޓްރަކްޓަރަށެވެ. އަދި ފުރަތަމަ ޕަޑީ ކޯސް ޑިރެކްޓަރަށެވެ.

އޭނާގެ އުމުރުގެ ގިނަ ބައެއް ހޭދަކުރީ ފުޅި އަޅައިގެން ކަނޑު އަޑީގައެވެ. އޭގެ ފަހުން ވިލާ ކޮލެޖުގައި ކުދިންނަށް މެރިން ސައިންސް ކިޔަވައިދިނެވެ. އަދި މެރިން ފެކަލްޓީގެ ޑީންކަން ވެސް އޭނާ ކުރިއެވެ.

އެތައް ދުވަހަކު މޫދުގެ އަޑި ބަލާ، ހިތްހަމަޖައްސައި އޭނާ އެ މަސައްކަތުން ރިޓަޔާކުރީ 2017ވަނަ އަހަރުގެ ފަހުކޮޅެވެ.

އެއަށްފަހު ބ. ފުޅަދުއަށް ދިރިއުޅުން ބަދަލުކޮށް އުޅެނިކޮށް އޭނާއާ ދިމާވީ، ސައްދާމް އަލީއާއެވެ. ސައްދާމަކީ އެސްޑީއެމް ފާމްގެ ނަމުގައި ކުންފުންޏެއް އުފައްދާ ދަނޑުވެރިކަން ކުރާ މީހެކެވެ. އަދި ގެސްޓްހައުސް ވިޔަފާރި ވެސް ކުރާ މީހެއް ކަމުން އޭނާ ވެސް ފުޅަދޫގައި އެ މަސައްކަތް ފަށައި، ފުޅަދޫގައި އުޅުމުގެ ތެރެއިން ދެ މީހުން ބައްދަލުވެ ރަހުމަތްތެރި ވީއެވެ. އެއީ މީގެ ތިން ހަތަރު އަހަރު ކުރިއެވެ.

ސެންޑިއާ ދިމާވެ އަނގަތަޅާލާ ކޮންމެ ފަހަރަކު ވެސް އޭނާ ދައްކަނީ ފުޅަދޫގެ ރީތި ކަމުގެ ވާހަކައެވެ. ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ ވާހަކައެވެ.

މި ވާހަކަތައް އަހާއަހާ ސައްދާމު ހަގީގަތުގައި ވެސް ފޫހިވީއެވެ. އޭނާއަކީ ހުވަދޫ އަތޮޅަށް ނިސްބަތްވާ މީހަކަށް ވެފައި، އޭނާގެ އުފަން އަތޮޅު ސެންޑިއަށް ދައްކާލާ ހިތް ބޮޑުވީ ސެންޑި ދައްކާ ވާހަކަތަކުންނާއި އޭނާއަށް ހުވަދޫ އަތޮޅު ފެނިފައި ވެސް ނުވުމުންނެވެ.

ސެންޑި ހުވަދޫ އަތޮޅު ބަލަން ކުރާ ދަތުރުގެ ތެރެއިން --

"އޭނާ މި ބުނަނީ ކީއްވެހޭ އަހަރުމެން އަތޮޅަށް ނުދަނީ ގެސްޓުން. ހަމަ ރީއްޗޭ އޭނާ މޫދަށް އެރި ބަލާއިރު. ހިނގާށޭ ދާން އޭނާގެ ރަށް ބަލާލަން. ކިޔާފަ ދެން ފެށީ "އެކްސްޕްލޯ ހުވަދޫ" ކިޔާފަ އޭނަ އަމިއްލައަށް. އަޅުގަނޑު ވެސް ވަރަށް ތަންތަން ބަލާހިތްވާ މީހެއް. މޫދު އަޑި ހާއްސަކޮށް،" ހުވަދޫ އަތޮޅު "އެކްސްޕްލޯ" ކުރަން ޚިޔާލު އައިގޮތް ހިއްސާކުރަމުން ސެންޑި ބުންޏެވެ.

ދެ މީހުންގެ ވެސް މައިގަނޑު އަމާޒަކަށް ވީ، ސައްދާމު ކުރި ސުވާލަށް ޖަވާބު ހޯދުމެވެ. ހުވަދު އަތޮޅަށް ގެސްޓުން ނުދާ ސަބަބު ހޯދުމެވެ.

ހުވަދޫ އަތޮޅު ސެންޑި އާޝޯހު ކޮށްލައިފި

މި ދަތުރުގައި މިހާތަނަށް ދެ މީހުންނަށް ދެވުނީ އަދި ހުވަދޫ އަތޮޅުގެ ފަސް ރަށަކަށެވެ. އެއީ ދެއްވަދޫ، ކޮނޑޭ، ކޮލަމާފުށި، ވާދޫ އަދި ރަތަފަންދުއަށެވެ. މި ރަށްތައް ފެނި ސެންޑި ހަގީގަތުގައި ވެސް އަޖައިބު ވެއްޖެއެވެ.

ސެންޑި ހުވަދޫ އަތޮޅު ބަލަން ކުރާ ދަތުރުގެ ތެރެއިން --

ފަށަމުން ވެސް ބުނި ފަދައިން އޭނާއަށް ފެނުނީ، ބިޔަ ޅޮސްގަސް ތަކާއި ނަލައިދޫގެ ހޯރަތަކެވެ. އަދި މަސްމަހާމެހިން މުއްސަނދި ވެފައިވާ ހައުސްރީފްތަކާއި އެ ދިރުންތަކެވެ.

"ވަރަށް އާދަޔާ ޚިލާފު އިނގޭތޯ. ވަރަށް ތަފާތު މޫދު އަޑި ވެސް، ވާގޮތަކީ މާލެ އަތޮޅު ބ. އަތޮޅު އަރި އަތޮޅު، މި އަތޮޅުތަކުގައި "ހިއުމަން އިމްޕެކްޓް"ގެ އަސަރު ވަރަށް ބޮޑަށް ފެނޭ. ސްނޯކލް ކުރިއަސް މާސްކް އަޅައިގެން ޑައިވިން ކުރިއަސް ކޮންމެ ކަމެއް ކުރިއަސް "ހިއުމަން އިމްޕެކްޓް" އެ ތަންތާކު (ހުވަދޫ އަތޮޅުގައި) ނެތް،"

ހުވަދު އަތޮޅުން ފުރަތަމަ ކަމަކަށް ފެނުނީ އިންސާނުންގެ އަސަރު ނުފޯރާ، އެ ތަކެތީގެ ހަގީގީ މާހައުލުގައި ދިރިއުޅުނު މަސްމަހާމެއްސެވެ. މޫދު ބަލާބަލާ ފޫހިނުވާ ސެންޑިއަށް މި މަންޒަރުވީ ހަމަ ގަބޫލުކުރަން ދަތި މަންޒަރަކަށެވެ.

ރަން ހާރެއްހެން ރަށްތައް ގަތައިލެވިފައިވާކަމަށް ބުނެ އެފަދަ ގޮތަކަށް ދިވެހިރާއްޖެ ސިފަކުރާ އަޑު އަހަރެމެން އަބަދު ވެސް އަހަމެވެ. ނަމަވެސް، އެ މަންޒަރު ހަމަލޮލަށް ފެނި. އެ ބުނާބުނުމުގެ ހަގީގަތެއް ވެސް އެނގެނީ ހުވަދޫ އަތޮޅުންނެވެ.

"...ވަށައިގެން ހުރި ފަޅުރަށްތައް ވަރަށް "ޔުނީކް". އެތާ އެބައިން ހޯރަ އަޅާ ފަޅުރަށެއް. އެތާ ހުރި ޅޮސް ގަސްތަކުގެ މިން އަޅާލި އިރު، 20 މީޓަރު އެބަހުރި ވަށައިގެން ޅޮސް ގަހެއްގައި. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ވަރަށް ތަފާތު ރާއްޖޭގެ މަންޒަރުތަކެއް. ހަމަ ކޮންމެ ރަށަކުން ވެސް،" މިތަންތަން ފެނުމުން ވީ އިހުސާސްތައް ހަނދާން ކުރަމުން ސެންޑި ކިޔައިދިނެވެ.

ކެޕްޝަން.. ސެންޑި ހުވަދޫ އަތޮޅު ބަލަން ކުރާ ދަތުރުގެ ތެރެއިން: ގއ. ދެއްވަލާބަދޫ، ދޫނި އަރަ ރަށެއް

ދެން އަނބުރާ ދާން މި ޖެހެނީ ދަތުރު ފެށިއިރު ސެންޑިއާއި ސައްދާމު އުފެއްދި ސުވާލަށެވެ.

ހުވަދޫ އަތޮޅަށް ފަތުރުވެރިން ގެނެވިދާނެ ހެއްޔެވެ؟

"ވަރަށް ބޮޑަށް އަޅުގަނޑު ހައިރާންވޭ ޓުއަރިޒަމް އެއްވެސް ވަރަކަށް ނެތް މި ދެވުނު ރަށްތަކުގައެއް،" ސެންޑި ބުންޏެވެ.

https://www.facebook.com/share/v/vYU3bZgg2KpRd5Hs/?mibextid=w8EBqM

ހުވަދޫ އަތޮޅަށް ގޮސް ގިނަ ބަޔަކާ ވާހަކަ ދެއްކުމުން ސެންޑިއަށް އެ މީހުންގެ ޝަކުވާތައް ވެސް ކޮންމެވެސް ވަރަކަށް އަޑު އިވިއްޖެއެވެ. ގިނަ މީހުންގެ ޝަކުވާއަކަށް ވަނީ، ހުވަދޫ އަތޮޅަށްދާން ޓިކެޓު އަގުބޮޑުވުމުންނެވެ.

ނަމަވެސް، ސެންޑި ދެކޭގޮތުގައި މިއީ މިހާރު މައްސަލައަކަށް ވެގެން ނުވާނެއެވެ.

"މިސާލަކަށް އެ ހިސާބަށް ދެވުނީމަ އެބަ އޮވޭ 250 ރަށް. ދެން އާރްޓީއެލްގައި އެބަ ދެވޭ މިހާރު. އެހެންވީމައި އަޅުގަނޑަކަށް ނުފެނޭ އެއީ އަސްލު މައްސަލައެއް ކަމަކަށް،"

ގުދުރަތީ ރީތިކަމުގެ އިތުރުން، ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ ތަފާތު ކަންކަން ހުރިކަމަށް ސެންޑި ވިދާޅުވިއެވެ. އަދި ގުދުރަތީ ރީތިކަމުގެ އިތުރަށް ފަތުރުވެރިންނަށް ވިއްކާނެ ސަގާފީ ތާރީޚީ ކަންކަން ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް