ޓެސްލާގެ އިންޖިނިއަރުން އޯޕަންއޭއައިއަށް ގެންދާތީ މުސާރަ ބޮޑު ކުރަނީ

މަހުޖަނު އީލޮން މަސްކް --

މަހުޖަނު އީލޮން މަސްކްގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ އިންޖިނިއަރުންނާއި، ފަންނީ މީހުންގެ މުސާރަ ބޮޑުކުރަން ޓެސްލާގެ ސީއީއޯ އީލޮން މަސްކް ނިންމަވައިފިއެވެ.

މަސްކް ވިދާޅުވީ ޓެސްލާގެ އިންޖިނިއަރުންގެ މުސާރަ ބޮޑުކުރަނީ ސޭމް އޯލްޓްމަންގެ އޯޕަންއޭއައިއިން ޓެސްލާގެ ފަންނީ ހުނަރުވެރިންތަކެއް ގެންދަން މަސައްކަތްކުރަމުންދާތީ ކަމުގައެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް އޭނާގެ އަމިއްލަ އޮންލައިން ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯޕަންއޭއައިއިން އޭނާގެ އިންޖިނިއަރިން މުވައްޒަފުން ގެންދިއުން ހުއްޓުވުމަށްޓަކައި ބޮޑު ޕެކޭޖުތަކެއް ހުށަހެޅުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޯޕަން އޭއައިއަށް ގެންދަން މަސައްކަތްކުރަނީ ކޮން ބައެއްކަން ހާމަކުރައްވަމުން މަސްކް ވިދާޅުވީ އެއީ ޓެސްލާގެ ސޮފްޓްވެއާ އާއި ކޯޑް އެކްސްޕާޓްސް ކަމަށާއި، މިވަގުތަކީ އެމީހުންގެ ޑިމާންޑް ވަރަށް ބޮޑު ދުވަސްވަރެއް ކަމަށެވެ.

މަސްކް ވިދާޅުވީ އިންޖިނިއަރުންގެ ގޮތުގައި ތިބި މުވައްޒަފުންގެ މުސާރަ އެހެން އެއްވެސް ކުންފުޏަކަށް އެމީހުން ނުގެންދެވޭ މިންވަރަށް ބޮޑުކުރައްވާނެ ކަމަށެވެ.

ޓެސްލާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކުރުމަށް މަސްކު ވައުދުވެފައި މިވަނީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ ޒަމާނީ ބަހުގެ މޮޑެލްތައް ކުރިއަރަމުން އަންނަ ދަނޑިވަޅެއްގައި ޓެކް އިންޑަސްޓްރީގައި އޭއައިގެ ހުނަރުވެރިންނަށް ޓެސްލާގެ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ބޮޑެތި ޓެކް ކުންފުނިތަކުން އަންނަނީ އަމިއްލަ އޭއައި ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މައިކްރޮސޮފްޓްގެ އެހީގައި ހިންގާ އޯޕަން އޭއައި ރިސާޗް ފާމުން އެ ކުންފުނީގެ މަސައްކަތުގެ ބޮޑު މިންވަރެއް އޯޕަން ސޯސްކޮށްގެން "އަންޒިޕް ފައިލް އެންޑް ގޯ" ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެ، މަސްކް އަމިއްލަފުޅަށް ވެސް ވަނީ އޯޕަންއޭއައިއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދި އޯޕަންއޭއައިގެ 29 ބިލިއަން ޑޮލަރުގެ ވެލިއުއޭޝަނަށް ވެސް އޭނާ ފާޑު ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ސްޓްރެޓެޖީތައް ކުރިއަށް ގެންދިއުމަށް އިންޖިނިއަރުންނާއި ރިސާޗަރުން ހޯދުމަށް ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު، މި ނުތަނަވަސްކަމުގެ ސަބަބުން އެ ކުންފުނިތަކުގެ ހިއްސާގެ އަގަށް ވެސް ބަދަލުއާދެއެވެ.

ޓެސްލާގެ ވަރަށް ހުނަރުވެރި ސޮފްޓްވެއާ ޓީމްތައް ގެންދިޔުމުގެ ފުރުސަތު އޯޕަންއޭއައިއަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެސްލާއިން ވަނީ އެކުންފުނީގެ ޕްރޮޑަކްޝަން ލައިންތަކާއި ސެލްފް ޑްރައިވިން ސޮފްޓްވެއާތައް އޮޓޮމޭޓް ކުރުމަށް ބޭނުންވެފައެވެ. އެހެންކަމުން މިދަނޑިވަޅުގައި މަސްކްގެ އެންމެބޮޑު އަމާޒަކީ ކޮންމެ ފަދަ އަގެއް ދައްކައިގެން ނަމަވެސް ދުނިޔޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރިން މަސްކްގެ ޓެސްލާއަށް ހޯދުން ކަމުގައި ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް