ޑިޒައިނަށް ގެނައި ބަދަލުތަކާއެކު ޓެސްލާގެ ރޮބޮޓެކްސީ ތަޢާރަފުކުރުން ލަސްކޮށްފި

ޓެސްލާ ކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ ހަލުވިކަމާއެކު ކުރިއަރަމުން ---

ޓެސްލާގެ ސީއީއޯ އެލޮން މަސްކް ކުންފުނިން ތައްޔާރުކުރަމުންދާ ރޮބޮޓެކްސީ ތަޢާރަފުކުރުން ލަސްކޮށްފިއެވެ.

މަސްކް ވިދާޅުވި ގޮތުގައި މި ލަސްކުރުމަކީ "ވެހިކަލްގެ ކުރިމަތީ ބަޔަށް މުހިންމު ބަދަލެއް ގެނައުމަށް" ކުރަންޖެހުނު ކަމެކެވެ.

އަސްލު ތާވަލުގައި އޮތް ގޮތުން ރޮބޮޓެކްސީ ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގައެވެ. ނަމަވެސް މިހާރު މި އިވެންޓް އޮކްޓޯބަރު މަހަށް ލަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

މި އިތުރު ވަގުތުގެ ސަބަބުން "އިތުރު ބައެއް ކަންތައްތައް ދައްކާލުމުގެ" ފުރުސަތު ލިބޭނެ ކަމަށް މަސްކް ވިދާޅުވިއެވެ.

ރޮބޮޓެކްސީ އާއި އޮޓޮނޮމަސް ޑްރައިވިންގ ސިސްޓަމްތައް ތަރައްގީކުރުމުގައި ހުރި ގޮންޖެހުންތަކަށް ބަލާއިރު، މި ލަސްކުރުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫން ކަމަށް ވޯލް ސްޓްރީޓްގެ އެނަލިސްޓުންނާއި އިންވެސްޓަރުން ދެކެއެވެ.

މަސްކް ވިދާޅުވެފައިވާ ގޮތުގައި ބައެއް ރޮބޮޓެކްސީތައް ހިންގާނީ ޓެސްލާއިންނެވެ. އަދި އަނެއްބައި ވެހިކަލްތަކަކީ އަމިއްލަ ފަރާތްތަކުގެ މިލްކިއްޔާތުގައި ހުރި، ނަމަވެސް ޓެސްލާގެ ނެޓްވޯކް މެދުވެރިކޮށް ކުއްޔަށް ދޫކުރެވޭނެ ވެހިކަލްތަކެކެވެ.

ކުރިން މަސްކް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރާ ހަމައަށް ސްޓިއަރިންގ ވީލް އަދި ޕެޑަލްތައް ނުހިމެނޭ ރޮބޮޓެކްސީއެއް މަސް ޕްރޮޑަކްޝަނަށް ނެރެވޭނެ ކަމަށެވެ. ނަމަވެސް އޮޓޮނޮމަސް ވެހިކަލްތައް ތަރައްގީކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގަވާއިދުތަކާ ގުޅޭ ހުރަސްތަކާ ހެދި މިކަން ލަސްވަމުންދާ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކްގެ ޓެސްލާ ކުންފުންޏަކީ އެމެރިކާގައި އުފެދިފައިވާ، އިލެކްޓްރިކް ވެހިކަލްތަކާއި ހަކަތައިގެ ޓެކްނޮލޮޖީ އުފައްދާ އެންމެ މަޝްހޫރު ކުންފުންޏެވެ. 2003 ވަނަ އަހަރު އުފެދުނު މި ކުންފުނީގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ހަކަތައަށް ބަރޯސާވާ މުސްތަޤްބަލެއް ބިނާކުރުމެވެ.

ޓެސްލާގެ އުފެއްދުންތަކުގެ ތެރޭގައި އިލެކްޓްރިކް ކާރުތަކާއި، ސޯލާ ޕެނަލްތަކާއި، ހަކަތަ ރައްކާކުރާ ބެޓެރީތައް ހިމެނެއެވެ.

ކުންފުނީގެ ސީއީއޯ އެލޮން މަސްކްގެ އިސްނެގުމާއެކު، ޓެސްލާ ވަނީ އޮޓޮމޮޓިވް އަދި ހަކަތައިގެ ދާއިރާގައި އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. މިހާރު ޓެސްލާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އޮޓޮމޯޓިވް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

comment ކޮމެންޓް