ސްޕޭސް އެކްސްގެ ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ސީދާ މޯބައިލް ފޯނުތަކަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަމާޒު ހިފައިފިއެވެ.
އީލޮން މަސްކްގެ ސްޓާލިންކުން ބުނީ އެ ކުންފުނީގެ އަމާޒަކީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ހުއްދަ ލިބެންދެން، އެ ކުންފުނީގެ ސެލިއުލާ ސްޓާލިންކްގެ ޚިދުމަތް މި އަހަރުގެ ފަހުކޮޅު އެމެރިކާގައި ތައާރަފް ކުރުން ކަމުގައެވެ.
ސްޓާލިންކުން ބުނީ މި އަހަރުގެ ފަހުކޮޅު އެމެރިކާގައި ކޮމާޝަލް ޑައިރެކްޓް ޓު ސެލިއުލާ (މޯބައިލް ފޯނުތަކަށް އެކުންފުނީގެ ޚިދުމަތް) ތައާރަފް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސްޓާލިންކްގެ "ޑައިރެކްޓް-ޓު-ސެލް" ސިސްޓަމްގެ ސަބަބުން އިންޓަނެޓްގެ ޑޭޓާ ސީދާ ބިންމަތީގައި ހުންނަ މޮޑިފައި ނުކުރާ ސްމާޓްފޯންތަކަށް ބީމްކޮށް، ސެލިއުލާ ކަވަރޭޖް މަދު ނުވަތަ ނެތް ރަށްފުށުގެ އަދި ދުރު ހިސާބުތަކުގައި ކަނެކްޓިވިޓީ އަށް މަގުފަހިވެގެންދާނެއެވެ.
ޓެރެސްޓްރިއަލް މޮބައިލް ނެޓްވޯކްތައް މުޅިން ބަދަލުކުރުމުގެ މަގްސަދުގައި ނޫން ނަމަވެސް ސްޕޭސް އެކްސް އިން ބުނީ މި ހިދުމަތުގެ ސަބަބުން "އެ ނެޓްވޯކްތައް ނެތް ތަންތަނުގައި ކަނެކްޓިވިޓީގެ އިތުރު ވަސީލަތެއް ލިބިގެންދާނެ" ކަމަށެވެ.
އެންމެ ފުރަތަމަ ސްޕޭސްއެކްސް އިން ވަނީ ސަޕްލިމެންޓްރީ ސެޓެލައިޓް ކަވަރޭޖް މެދުވެރިކޮށް ޓެކްސްޓް މެސެޖިން، ވޮއިސް ކޯލް އަދި ވެބް ބްރައުޒިންގެ ހިދުމަތް ދިނުމަށް ނިންމާފައެވެ.
އެހެން ނަމަވެސް، "މުސްތަގުބަލުގައި ކުރެވޭ އުފެއްދުންތަކުގެ ސަބަބުން މިއަށްވުރެ ހަރުދަނާ ސަޕްލިމެންޓްރީ ކަވަރޭޖް ގެ ހިދުމަތާއި ފީޗާތައް އިތުރުކުރެވިދާނެ" ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޕޭސް އެކްސް އިން އެފްސީސީގެ ކިބައިން އެދިފައިވަނީ ރޭޑިއޯ ފްރިކުއެންސީގެ ބައެއް ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ކަމަށްވާއިރު، މިހާރު ކަނޑައަޅާފައިވާ އެގްރިގޭޓް ލިމިޓްތަކުގެ ސަބަބުން "އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ކަވަރޭޖެއް ފޯރުކޮށްދިނުމުގެ އަމާޒަށް ބުރޫ އަރާފާނެ" ކަމަށާއި މުސްތަގުބަލުގައި ޓެކްނޮލޮޖީގެ ކުރިއެރުމަށް ހުރަސް އެޅޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސެލިއުލާ ސްޓާލިންކް ޓެކްނޮލޮޖީ ބޭނުންކުރި އެމެރިކާގެ ފުރަތަމަ ކުންފުނި ޓީ-މޮބައިލް އިން ވަނީ ސްޕޭސް އެކްސްއާ އެކު ޕާޓްނާޝިޕް ހަދާފައެވެ. ނަމަވެސް އޭޓީ އެންޑް ޓީ، ވެރިޒޮން އަދި ޑިޝް ނެޓްވޯކް ފަދަ ވާދަވެރިން ވަނީ ރޭޑިއޯ ފްރިކުއެންސީ ލިމިޓްތައް ހަރުކަށިކޮށް ހިފެހެއްޓުމަށް ލޮބީކޮށްފައެވެ.
ސްޕޭސް އެކްސްގެ ސެޓެލައިޓް ކޮންސްޓަލޭޝަންގެ ސަބަބުން ރޭޑިއޯ އިންޓަފެރެންސް އިތުރުވެ، ރޭޑިއޯ އެސްޓްރޮނޮމީ ގެ ދިރާސާތަކަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ.
ނަމަވެސް ސްޕޭސް އެކްސް އިން ބުނީ މިފަދަ ނުރައްކާތައް ކުޑަކުރުމަށް އެސްޓްރޮނޮމީ ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނޭޝަނަލް ސައިންސް ފައުންޑޭޝަނާ އެކު ކޯޑިނޭޝަން ރިކުއާމަންޓްތައް ހުށަހަޅާފައިވާ ކަމަށެވެ.
ސްޕޭސް އެކްސް އިން ސެލިއުލާ ސްޓާލިންކް ރޯލްއައުޓަށް ތައްޔާރުވަމުން އަންނައިރު، އެފްސީސީން އަންނަނީ އެމެރިކާގައި ސެޓެލައިޓް-ޓު-ފޯން ކަނެކްޓިވިޓީ ގާއިމުކުރުމުގެ އޮނިގަނޑާ ގުޅޭ ގޮތުން އެކި ފަރާތްތަކުގެ ހިޔާލުތައް ދިރާސާ ކުރަމުންނެވެ.