ނިއުރަލިންކްގެ ބްރެއިން އިމްޕްލާންޓް ދިރާސާގައި އިތުރު ތިން މީހުން ބައިވެރި ކުރަނީ

އީލޮން މަސްކްގެ ކުންފުންޏެއް ކަމަށްވާ ނިއުރަލިންކްގެ ބްރެއިން އިމްޕްލާންޓް ޑިވައިސް ޓެސްޓް ކުރުމަށް ހަދާ ދިރާސާއެއްގައި އިތުރު ތިން މީހަކު ބައިވެރި ކުރަން ނިންމައިފިއެވެ.

ނިއުރަލިންކްގެ އިމްޕްލާންޓަކީ ޕެރަލައިޒްވެފައިވާ ބަލި މީހުންނަށް ހަމައެކަނި ވިސްނައިގެން ޑިޖިޓަލް ޑިވައިސްތައް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އިމްޕްލާންޓެކެވެ. މި އިމްޕްލާންޓް ހަރުކުރަނީ މީހާގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ސިކުނޑީގެ ސަރަހައްދެއްގައެވެ.

ކްލިނިކަލް ޓްރަޔަލް ފެށުމަށް އެންމެ ފުރަތަމަ އެޕްލައި ކުރިއިރު އެ ކުންފުނިން ބޭނުންވީ 10 މީހުން ދިރާސާގައި ބައިވެރި ކުރުމަށެވެ. ނަމަވެސް މި ހަފުތާގައި އާންމުކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި މިދިރާސާ އެކުންފުނިން ކުރިއަށް ގެންދަން ފަށާނީ އެންމެ ތިން ބައިވެރިންނާ އެކުއެވެ.

މި ދިރާސާގައި އުމުރުން 22 އަހަރާއި 75 އަހަރާ ދެމެދުގެ މީހުން ހިމެނޭއިރު، ސްޕައިނަލް ކޯޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނުވަތަ އޭއެލްއެސް ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިނގާބިނގާވެ އުޅުމުން މަހުރޫމް ވެފައިވާ މީހުން އޭގެ ތެރޭގައި ހިމެނެވެ. މިދިރާސާގައި ބައިވެރިކުރާ ބަލި މީހުންގެ އަތްފައިގެ ހަރަކާތް ކުރުމުގެ ގާބިލުކަން ނެތުމަކީ ކޮންމެހެން ވެސް ލާޒިމްކުރާ ކަމެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޑައިވިން އެކްސިޑެންޓެއްގައި ޕެރަލައިޒްވި މީހެއްގެ ސިކުނޑީގައި މީގެ ކުރިން ނިއުރަލިންކު އިމްޕްލާންޓްކޮށްފައިވެއެވެ. ވީޑިއޯތަކުން ދައްކާ ގޮތުގައި މިހާރު އޭނާއަށް ކޮމްޕިއުޓަރު ކަރސަރު ބޭނުންކޮށް، ހަމައެކަނި އޭނާގެ ސިކުނޑި ބޭނުންކޮށްގެން ވީޑިއޯ ގޭމް ކުޅެވެއެވެ.

އިންސާނުންގެ ސިކުނޑިން، އިތުރު އެއްވެސް ހަރަކާތެއް ނުކޮށް ޑިޖިޓަލް ޑިވައިސް ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން އިންސާނުންނަށް ހޯދައިދިނުމަށް އެލޮން މަސްކްގެ ނިއުރާ ލިންކް ކުންފުނިން ކުރިއަށް ގެންދާ މި ކްލިނިކަލް ދިރާސާ ރަސްމީކޮށް މިއަހަރުގެ ޖެނުއަރީ މަހު ފަށާފައިވާއިރު، މި ދިރާސާ މުޅިން ނިމޭނެ ކަމަށް ބެލެވެނީ 2031ގައެވެ.

މި ދިރާސާތަކާ ބެހޭގޮތުން މީގެ ކުރިން ނިއުރަލިންކުން މައުލޫމާތު ހާމަ ނުކުރާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ދާދި ފަހުން ވަނީ އިތުރު ތަފުސީލްތަކެއް އާންމުކޮށްފައެވެ.

comment ކޮމެންޓް