މިއަދު އުފައްދަން ހުއްދަ ދިން ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އަކީ މިހާރުގެ ޕީއެންސީން 'ކަފުންކޮށްފައިވާ' ޕީޕީއެމްގެ މެމްބަރުންނަށް އޮތް އާ ޕްލެޓްފޯމްކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ މިއަދު އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޕީއެންއެފްގެ މެމްބަރުންނާއި ކުރިން ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނަވައި، ޕީއެންއެފް އުފައްދަން އެ ޕާޓީން އިސްތިއުފާ ދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ސިފަކުރައްވާ ގޮތުގައި ޕީއެންސީން މަސައްކަތްކުރަނީ ޕީޕީއެމް ބަލިކަށި ކުރާށެވެ. އަދި އެ ޕާޓީ ނައްތައިލާށެވެ.
އެ ވާހަކަތަކަށް ބާރުދެއްވައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
"މިކަމަށް އަޅުގަނޑު ދަންނަވާނީ މި އައީ ނިމުމެކޭ. މި ޕާޓީ އުފަންވުމާއެކީގައި މި ޕާޓީ ވެގެންދާނީ ތިޔަ ލޮބުވެތި، މި ވަޅު ޖައްސައި ކަފުންކުރި ޕީޕީއެމްގެ މެމްބަރުންގެ އާ ޕްލެޓްފޯމަކަށް ވެގެންދާނޭ މާތްﷲ ގެ ތަނަވަސް ރަހުމަތާއެކީގައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ޕީއެންއެފުން ކުރިއަށްދާނީ ރައީސް ޔާމީންގެ ފިކުރާއި ވިސްނުންފުޅުގެ ތެރެއިން ކަމަށެވެ. އަދި މި ޕާޓީ ވާނީ އެންމެ ބޮޑަށް ޑިމޮކްރަސީ ފެންނާނެ ޕާޓީކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތްކަމަށާއި ވަަރަށް އަވަހަށް ތާރިޚެއް އިއުލާނުކުރާނެކަމަށް ޕީއެންއެފުން ބުނެއެވެ.
ޕީއެންފް އުފެއްދުމަށް ހުށަހެޅި 3000 ފޯމު ސައްހަ ކަމަށް ބަލައި ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިއަދެވެ.