ޗައިނާ ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރުވާނެ: ފާތިމަތު ތައުފީގު

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި: ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ލަފާކޮށްފައި -- ފޮޓޯ/ މޯލްޑިވްސް ނެޓް

ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު މި އަހަރު 40 އިންސައްތަ އިތުުރުވާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ލަފާކުރައްވައިފިއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ފާތިމަތު ވިދާޅުވީ ޗައިނާއާ އެކު މި ސަރުކާރުން ހެދި އާ އެއްބަސްވުންތަކާ އެކު ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން ޗައިނާ މާކެޓު އޮތް ހިސާބަށް މި އަހަރު އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގެ ގޮތުގައި ދެމިއޮތް ގައުމެއް. ބޯޑަރުތައް ބަންދު ކުރުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އައީ އިތުރުވަމުން،" ފާތިމަތު ވިދާޅުވިއެވެ.

މީގެ އިތުރުން، "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕެއް" ގާއިމުކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. މި ޕްލޭންގެ އަމާޒަކީ 2024 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ ފަތުރުވެރިން އަންނަ މިންވަރު ޕެންޑެމިކްގެ ކުރިން އޮތް ހާލަތަށް ގެނައުމެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (މ) -- ފޮޓޯ/ އެމްއެމްޕީއާރުސީ

ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ފަސް ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އާ 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ ދަތުރުފުޅުގައި ޗައިނާގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 1،878،537 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، 209،198 މީހުންނާ އެކު އިންޑިއާއިންނެވެ. އެ ގައުމުން މިދިޔަ މަހުގެ ފަހުކޮޅު މާކެޓުގެ އެންމެ ބޮޑު ހިއްސާ ހޯދީ ރަޝިއާ ފަހަތަށް ޖައްސައިލުމަށް ފަހުގައެވެ. އެ ދެ ގައުމުގެ ފަތުރުވެރިންގެ މެދުގައި އޮތީ 52 މީހުންގެ ތަފާތެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ، ޗެކްރިޕަބްލިކްގެ ޑެނިއެލާ ކިލްނަރޯވާ --- ސަން ފޮޓީ/ މުޙައްމަދު ޙައްޔާން

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެއީ، 187،118 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ކްރިސްމަސްއާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް މިދިޔަ މަހުގެ ތެރޭގައެވެ. އެއީ، 194،690 ފަތުރުވެރިންނެވެ.

ކޮވިޑްގެ ސަބަބުން ހުއްޓުމަކަށް އައި ފަތުރުވެރިކަމުގެ ދާއިރާއަށް މިދިޔަ އަހަރު ލިބިފައިވަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން 2022 ގައި ރާއްޖެ އައިސްފައިވަނީ 1.67 މިލިއަން ފަތުރުވެރިން ކަމަށްވާއިރު 2021 ގައި އައިސްފައިވަނީ 1.32 މިލިއަން ފަތުރުވެރިންނެވެ.

comment ކޮމެންޓް