ليلة القدر.. މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްވަރު ވަގުތުކޮޅެއް

ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވައިފައި ވެއެވެ. އެއީ މުއުމިނުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންކުރެއްވުމަށް ޓަކައި ﷲގެ ދަރުބާރަށް ވަނުމަށް ޝައުޤުވެރިކުރެއްވުމަށް ޓަކައެވެ. އެމީހުންގެ ނަފްސުތައް ރިވެތިކުރެއްވުމަށް ޓަކައެވެ. އެމީހުންގެ ހިތްތައް ޠާހިރުލުރެއްވުމަށް ޓަކައެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް ޓަކައެވެ.

ރޭގަނޑުގެ ފަހު ބަޔަކީ އެ ދުވަހުގެ އެންމެ ރަގަނޅު ބައެވެ. ހަފުތާގެ އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އަހަރުތެރޭގައި ރަމަޟާންމަހަކީ އަހަރުގެ އެންމެ މާތް މަހެވެ. މި މަހު މާތްﷲއަށް އީމާންވެގެން ހުރެ ﷲގެ ވަޖްހުފުޅު އަދައިގެން ރޯދަހިފިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެތެވެ. ޢަރަފާތު ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. ލައިލަތުލް ޤަދްރިވިލޭރެއަކީ އަހަރުގެ އެންމެ މާތް ރެއެވެ.ހައްޖަކީ ޢުމުރުން އެއްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ.މި ކަމުގެ ސަވާބުގެ މަތިވެރިކަން ބަޔާންކުރައްވައި ރަސޫލާ ޙަދީސްކުރައްވަނީ މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ.

ޢިލްމުވެރިން ލަފާކުރައްވާގޮތުގައި ރަމަޟާންމަހުގެ ރޭތަކުން އެންމެ މާތް ރެއަކީ ލައިލަތުލްޤަދްރި ވިލޭރެއެވެ. މި ރޭ ހޯދުމަށް ޓަކައި ފަހު ދިހައިގައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ އިރްޝާދު ދެއްވައިފައި ވެއެވެ. އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ ކީއްވެގެންތޯއެވެ. އެއީ މާތްﷲ ހުރިހާކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ.އެއީ ޝަރަފުވެރި މަތިވެރި ރެއަކަށް ވާތީއެވެ. މިރޭ ޝަރަފުވެރި ރެއަކަށްވީ އެރޭގައި ކީރިތި ޤުރްއާން ބާވައި ލައްވާފައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ[1] - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައިލެއްވީމެވެ.)) ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވާލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. މާތް ﷲ ދުނިޔޭގެ އުޑުގައިވާ އެކަލާނގެ ގެފުޅު ބައިތުލް ޢިއްޒާއަށް މުޅި ޤުރްއާން ބާވައިލެއްވީ އެއް ފަހަރާއެވެ. އެއަށް ފަހު ﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ޖިބްރީލުގެފާނު މި ޤުރްއާނުގެ އާޔަތްތަކާއިގެން ރަސޫލުﷲގެފާނުގެ އަރިހަށް ވަޑައިގަންނަވަމުން ދިޔައެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ބައިތުލް ޢިއްޒާއަށް ބާވައިލެއްވުމަށް ފަހު ކީރިތި ރަސޫލާގެ މައްޗަށް އެންމެ ފުރަތަމަ ބާވައިލެއްވީ އަލް ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޤުރްއާން ތަފާތު މުނާސަބާތަކާއި ޙާދިސާތަކާ ގުޅޭގޮތުން މަޑުމަޑުން ބާވައިލައްވަމުން ގެންދެވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ ވަޙީކުރެއްވިއެވެ. (( لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ [2]- ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. )) މި އިން އެނގެނީ އެރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެރޭގައި އަޅުކަން ކުރުމާ އެއްވަރު ކަމެވެ. ސަވާބާއި ދަރުމައިގެ ގޮތުންނެވެ.އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަސް ދުވަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްފަދައެވެ.

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ސަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާމެދު އަޅުގަނޑުމެން ޙައިރާން ވާންޖެހޭ ކަމެއްނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

ލައިލަތުލްޤަދްރި ވަނީ ވަންހަނާ ކުރައްވައިފައެވެ. އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ މަތިވެރި މޫސުމެކެވެ. އެއީ މި މޫސުމުގެ ފައިދާ ލިބިގަތުމަށް ޓަކައި އެންމެހާ މުސްލިމުން އަތުކުރި އޮޅާލަން ޖެހޭ މޫސުމެކެވެ. އެރޭގެ ބާޒާރަކީ އެންމެހާ މުއުމިނުންނަށް ތަނަވަސް ވެގެންވާ ބާޒާރެކެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައި ގަންނަވާނެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. (( ލައިލަތުލްޤަދްރި ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތުންގެ ޖަމާޢަތްތަކާއެކު ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲއަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި އަޅުކަން ކުރަން އިން ކޮންމެ މީހަކަށް އެބޭކަލުން ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ.))

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ވަޑައިގެންނެވުމުން އެނގެނީ މި ރެއަކީ އުޑުތަކާއި ބިމުގައި ވެސް މަތިވެރި ރެއެއް ކަމެވެ. މި އިޙްތިފާލުތަކުގައި ބައިވެރި ނުވާނީ މާތްﷲއަށް ޝަރީކުކުރާ މީހުންނާއި އުރެދޭ މީހުންނެވެ. އެމީހުންނަކީ އެރޭގެ ހެވާއި ސަވާބުން މާތްﷲ މަޙްރޫމް ކުރައްވާފައިވާ ބައެކެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. ޢަޒާބު ދެއްވުމެއް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. މިއަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ. މާތްﷲ ވަޙީކުރައްވަނީ އެއީ (( سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ[3]– އެއީ ފަތިސް ވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

މިފަދަ އަމާން ރެއަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ ސާފު ޠާހިރުކަމާ އެކުގައެވެ. އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް، ޢަދާވަތްތެރި ވުމެއް ނެތިއެވެ. ބަދަލުހިފުމުގެ ރޫޙާ ދުރުހެލިވެ ތިބެއެވެ. މާތްﷲގެ ވަޖްހުފުޅު އަދައިގެންނެވެ.ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (( مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [4] - މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކޮށް ދިރުވި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. "

ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަމެއް ނޭގެއެވެ. އެނގޭގޮތުގައި އެއީ ރަމަޟާން މަހުގެ ރެއެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އައްސަވާށެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ [5] - ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް މަސައްކަތް ކުރާށެވެ.)) އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ވިލޭރެއެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ ހާމަކުރައްވާފައިވާ ރެއެއް ނޫނެވެ.އެ ރޭ ވަނީ ރަމަޟާން މަހުގެ ތެރޭގައި ކަން ކަށަވަރެވެ. އެރޭ ވަނީ ފަހު ދިހާގައިކަން ވަރަށް ގިނަ ބަސްފުޅުތަކުން އެނގެއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ގަދައަޅުއްވާ ހިއްމަތް ކުރެއްވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމުވެގެންނެވެ. އެރޭތަކުގައި ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން ދުޢާކުރުން ގިނަކުރުން ހުއްޓެވެ. އެއީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي[6] އެވެ.މާނައީ : ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފު ދެއްވާ މާފުދެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މި އަޅާގެ ކުށްތަކަށް މާފު ދެއްވާނދޭވެ! "

މިއަދު މުއުމިނުންގެ ހިތްތައް ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ﷲގެ ނަފްޙާތުތަކުގެ ވަސްމީރު ޢަބީރުން ފުރިފައެވެ. މި މަހުގެ ދުވަސްތައް ރޯދަ ހިފުމާއި ޤިޔާމާއި އަޅުކަމުގެ ތެރޭގައި ހޭދަ ކުރަމުންދާ އިރު އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް މި ކަމުގައި ހެޔޮތައުފީޤު ދެއްވައި ، އަޅުގަނޑުމެންގެ މި ޞާލިޙު ޢަމަލުތައް އެކަލާނގެ ޙަޟްރަތުގައި މަޤބޫލުވަނިވި އަމަލުތަކެއް ކަމުގައި ލެއްވުމެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތި ކުރެއްވުން ލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅައިލަމާތޯއެވެ؟ އެކަމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ؟ ވިސްނުން ތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާޚިރަތަށް ޓަކައި ހިފާމީހާއެވެ. ދުރު ވިސްނޭ ވުނޭރަކީ އެންމެ މޭވާ ގިނައިން އަޅާ ވިޔަފާރިއެއް ބަލައި އެކަމަށް ވުނަކުރާ މީހާއެވެ. މި ގޮތުން ބަލާއިރު އެންމެ މޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުމެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ، تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ[7] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ."

ރޯދަވެރިން ވިޔަފާރި ކުރަނީ ވަރަށް އަގު ބޮޑު މުދަލަކަށް ޓަކައެވެ. އެއީ ސުވަރުގެއެވެ. ރަސޫލުﷲ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (( مَنْ خَافَ أدْلَجَ، وَمَنْ أدْلَجَ بَلَغَ المَنْزِلَ، أَلاَ إنَّ سِلعَةَ اللهِ غَالِيَةٌ، أَلاَ إنَّ سِلْعَةَ اللهِ الجنَّةُ[8] - ރޭގަނޑު ދަތުރުކުރާ އިރު ފޭރުމުގެ ބިރު އޮތްމީހާ ހިއްމަތާއެކު ބާރަށް ދަތުރު ކުރާނެތެވެ. ހިއްމަތާ އެކު ބާރަށް ދަތުރުކުރި މީހާ ރައްކައުތެރިކަމާއެކު މަންޒިލަށް ވާސިލު ވާނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ. ))

ރިފަރެންސް:

[1] - القدر : 1
[2] - القدر : 3
[3] - القدر :5
[4] - رواه البخارى والبيهقى والنسائى وأحمد
رواه البخارى وأحمد والبيهقى - [5]
[6]- رواه ابن ماجه وأحمد والنسائى والحاكم والبيهقى
[7] - الصف : 10-11
[8] - رواه الحاكم والترمذى وصححه الألبانى

comment ކޮމެންޓް