މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( قالَ اللَّهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ له إِلّا الصِّيامَ، فإنَّه لي وَأَنا أَجْزِي به، والصِّيامُ جُنَّةٌ، فَإِذا كانَ يَوْمُ صَوْمِ أَحَدِكُمْ، فلا يَرْفُثْ يَومَئذٍ وَلا يَسْخَبْ، فإنْ سابَّهُ أَحَدٌ، أَوْ قاتَلَهُ، فَلْيَقُلْ: إنِّي امْرُؤٌ صائِمٌ والَّذِي نَفْسُ مُحَمَّدٍ بيَدِهِ، لَخُلُوفُ فَمِ الصّائِمِ أَطْيَبُ عِنْدَ اللهِ، يَومَ القِيامَةِ، مِن رِيحِ المِسْكِ وَلِلصّائِمِ فَرْحَتانِ يَفْرَحُهُما: إِذا أَفْطَرَ فَرِحَ بفِطْرِهِ، وإذا لَقِيَ رَبَّهُ فَرِحَ بصَوْمِهِ [1] - الله عز وجل ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއްގެ ޖަޒާ އޭނާއަށް ލިބިގެންވެއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެ މިލްކުވެގެން ވަނީ ތިމަންރަސްކަލާނގެއަށެވެ.އަދި އެކަމަށް ޖަޒާދެއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނައިރު ހަޑިހުތުރުކަން ބޮޑު ބަސްތައް ނުބުނާށެވެ!އަދި އަޑުގަދަކޮށް ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ! ފަހެ މީހަކު ތިބާއާ ޒުވާބުކޮށް ފުރައްސާރަކޮށް ހަދައިފިނަމަ ބުނާށެވެ! ހަމަކަށަވަރުން މަށަކީ ރޯދަވެރިޔަކީމުއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގަވަސް ޤިޔާމަތްދުވަހުން ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވެގެން ވެއެވެ. އަދި ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. އޭނާ ރޯދަވީއްލާއިރު ރޯދަހިފުނީތީ ލިބޭ އުފަލެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެވެ. ))
1- މި ޙަދީސުގައި އައިސްފައިވާ ބަސްފުޅު (( إِلّا الصِّيامَ، فإنَّه لي - ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެ ލިބިގެންވަނީ ތިމަންރަސްކަލާނގެއަށެވެ. )) ޝަރަޙަކުރެއްވުމުގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ. އިބްނު ޙަޖަރުލް ޢަސްޤަލާނީ ވިދާޅުވާގޮތުގައި އިންސާނުން ކުރާ ހުރިހާ ޢަމަލުތަކަކަށް ވެސް ޖަޒާ ދެއްވަނީ ކީރިތި ﷲއެވެ. އެހެނަސް މާތްﷲ ރޯދައަށް ޖަޒާދެއްވުން އެކަލާނގެ ޒާތުފުޅަށް ޚާއްޞަކުރެއްވީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ރޯދައިގެ އަޅުކަމުގައި ކަންދެއްކުން ނުހިމެނޭތީއެވެ. އެއީ ހިތުގެ ޢަމަލެއް ކަމުގައިވާތީއެވެ. ކައިބޮއިގެން ރޯދައަށް ހުރިކަމަށް ހެދިގެން ހުރެވިދާނެއެވެ. މީހަކަށް ނޭނގޭނެތެވެ. އެހެނަސް ﷲ އެ ކަން ދެނެވޮޑިގަންނަވާނެތެވެ. ކީރިތި ރަސޫލާގެ އެހެން ބަސްފުޅަކުން މި ކަން އެނގެއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((الصِّيامُ لا رِياءَ فيه، قال اللهُ عزَّ وجلَّ: هو لي، وأنا أَجزي به، إنَّما يدَعُ طعامَه وشرابَه مِن أَجْلي[2] - ރޯދައިގައި ކަންދެއްކުމެއްނެތެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. އެ މިލްކުވެގެން ވަނީ ތިމަންރަސްކަލާނގެއަށެވެ. ހަމަކަށަވަރުން އޭނާ ކާތަކެއްޗާއި ބޯތަކެތި ދޫކޮށްލީ ތިމަންރަސްކަލާނގެ ވަޖްހުފުޅަށް ޓަކައެވެ. )) އިބްނުލް ޖައުޒީ ވިދާޅުވާގޮތުގައި ރޯދައާ ޚިލާފަށް އިންސާނާގެ އެހެން ކޮންމެ ޢަމަލަކުން ވެސް ކަންދެއްކުން ފެނިދާނެއެވެ.
2- ( وَأَنا أَجْزِي به - އަދި އެކަމަށް ޖަޒާދެއްވާނީ ތިމަންރަސްކަލާނގެއެވެ.) މި ބަސްފުޅުގެ މާނައަކީ ރޯދައިގެ ސަވާބުގެ މިންވަރު ދެނެވޮޑިގަންނަވަނީ ހަމައެކަނި ތިމަންރަސްކަލާނގެއެވެ. އެ ކަން އެހެން ފަރާތަކަށް އެނގިގެންނުވެތެވެ. އެހެނިހެން އަޅުކަންތައް އަދާކުރާއިރު އެހެން މީހުންނަށް އެ ކަންތައްތައް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަލްޤުރްޠުބީ ވިދާޅުވާގޮތުގައި މާތްﷲ ވަނީ ރޯދަނޫން އެހެން އަޅުކަންތަކުގެ މިންވަރު ހާމަކޮށްދެއްވައިފައެވެ. އެފަދަ ޢަމަލުތައް ދިހައަކުން އިތުރުކޮށްދެއްވަމުންގޮސް ހަތް ސަތޭކައާ ހަމައަށް އިތުރުކޮށްދެއްވައެވެ. އެހެނަސް ރޯދައިގެ ސަވާބުގެ މިންވަރެއް ނޭނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ - ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.)) މުފައްސިރުންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވާގޮތުގައި ވިދާޅުވެފައިވާ ގޮތުގައި ކެތްތެރިންނަކީ ރޯދަވެރި ކެތްތެރިންނެވެ.
3- (( الصوم لي - ރޯދަ ލިބިވޮޑިގެންވަނީ ތިމަންރަސްކަލާނގެއަށެވެ. )) މި ބަސްފުޅުގެ މާނައަކީ އެއީ (( ތިމަންރަސްކަލށާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަމެވެ.))
4- (( الصوم لي - ރޯދަ ލިބިވޮޑިގެންވަނީ ތިމަންރަސްކަލާނގެއަށެވެ.)) ރޯދަ އެކަލށާނގެ ޒާތުފުޅަށް ނިސްބަތްކުރެއްވުމުން އެނގެނީ އޭގެ މާތްކަމާއި ޝަރަފުވެރިކަމެވެ. ހުރިހާ މިސްކިތްތައް ﷲގެ ގެކޮޅުތަކެއް ކަމުގައި ވިޔަސް ގެފުޅަށް ނޫނީ بيت الله އެކޭ ނުކިޔައެވެ. ﷲއަށް ނިސްބަތެއް ނުކުރެތެވެ.
5- ރޯދައޭ ބުނުމުން އެއިން ދޭހަވާ ރޯދައަކީ ބަހާއި ޢަމަލުގެ އުރެދުންތަކުން ސަލާމަތްވެގެންވާ ރޯދައެވެ. ﷲއާއި ރަސުލާ އަންގަވައިފައިވާ ގޮތަށް ހިފާ ޞައްޙަ ރޯދައެވެ. ﷲގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ހިފާރޯދައެވެ. ރޯދައަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވިއްސުރެ އިރުއޮއްސެންދެން ނުކައިނުބޮއި ހުރުމެއް ނޫނެވެ. ޖިންސީ އެދުންތަކާ ދުރުހެލިވެ ހުރުމެއްނޫނެވެ. ﷲއަށް ޓަކައި ރޯދަހިފުމަށް ނިޔަތް ގަންނަން ޖެހޭނެއެވެ. އޭނާ ކުރާ ޢަމަލުތައް ވަކިކޮށްދޭ އެއްޗަކީ މި ނިޔަތެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( مَن قامَ رَمَضانَ إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِه [3] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅުއަދައިގެން ރަމަޟާންމަސް އިޙްޔާކޮށް ޤިޔާމުކުރި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެތެވެ. )) މި ބަސްފުޅުގައި ފާފަފުއްސަވާ ދެއްވުމަށް ދެ ޝަރްޠެއް އެބަ އޮތެވެ. ފުރަތަމަ ޝަރްޠަކީ މާތްﷲއަށް އިމާންވުމެވެ. މިއީ ޢަޤީދާގެ ބައެވެ. ރޯދަ މިހިފަނީ ﷲ ފަރްޟުކުރައްވައިގެން އެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ. ދެވަނަ ޝަރްޠަކީ ( احتساباً ) އެވެ. ﷲ ގެ ވަޖްހުފުޅު އަދއިގެންނެވެ. މާނައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދިގެންނެވެ. ﷲއަށް ޚާލިޞްކޮށްގެންނެވެ. އަލްމުބާރަކްފޫރީ ވިދާޅުވާގޮތުގައި މި ޙަދީސްބަސްފުޅުގެ މާނައަކީ ( ރަމަޟަންމަހު ފަރްޟުކުރެއްވި ރޯދަހިފައި އެ މަހު ޤިޔާމުކުރިމީހާގެ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. )
6- ރޯދަ ﷲ ތަޢާލާއަށް ލިބިވޮޑިގެންވާކަމާއި އެ ޢަމަލަށް ﷲ ޖަޒާދެއްވާދެއްވުމުން އެނގެނީ ރޯދައަކީ އެންމެ ވަންހަނާކަން ބޮޑު ޢަމަލުކަމެވެ. ﷲ ފިޔަވާ އެހެން ފަރާތަކަށް އެކަމުގެ ޙަޤީޤަތް ނޭނގޭކަމެވެ. މާތްﷲ މުސްލިމުންނަށް އަންގަވަނީ އިޚްލާޞްތެރިކަމާއެކު އެކަލާނގެއަށް އަޅުކަންކުރުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ [4] - ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ.)) ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( إنَّما الأعْمالُ بالنِّيّاتِ، وإنَّما لِكُلِّ امْرِئٍ ما نَوى[5]- ހަމަކަށަވަރުން ޢަމަލުތައް [6]އޮތީ ނިޔަތުގެ މަތީގައެވެ. ފަހެ ހަމަކަށަވަރުން ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ކަމެއް ލިބިގެންވެއެވެ. ))
ރިފަރެންސް:
[1] - أخرجه البخاري (١٩٠٤)، ومسلم (١١٥١)
[2] - أخرجه البيهقي في ((شعب الإيمان)) (٣٥٩٣)، والديلمي في ((الفردوس)) (٣٨١٨)
[3] - أخرجه البخاري (٣٧)، ومسلم (٧٥٩)
[4] - البينة : 5
[5] - صحيح البخاري (1 (
[6] އެބަހީ ޢަމަލުތައް ޤަބޫލުކުރެއްވުން އޮތީ