ކުރީ ދުވަހެއްގައި ވާނީ ރަމަޟާން މަހުގެ ޤިޔާމަކީ ކޮބައިކަން ބަޔާންކޮށްފައެވެ. ޤިޔާމަކީ ތަރާވީޙު ނަމާދު ކަމުގައި ވާތީ އެ ނަމާދާ ބެހޭ ތަފްޞީލެއް ދިނުމަށް ކުރިމަތިލީއެވެ.
ތަރާވީޙު ނަމާދަކީ ސުންނަތް ނަމާދެކެވެ. މިކަމުގެ ދަލީލަކީ
1- އަބޫ ހުރައިރަތުގެފާނު އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީސެވެ. ރަމަޟާންމަހުގައި ޤިޔާމުކުރުމަށް ރަސޫލުﷲގެފާނު ބާރު އަޅުއްވާފައިވެއެވެ. އެކަމަކު އެކަމަށް މަޖްބޫރެއް ނުކުރައްވައެވެ. ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ. (( مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَلَهُ مَاتَقَدَّمَ مِنْ ذَنْبِهِ[1]- ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާންމަހު ޤިޔާމުކުރިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާނެތެވެ.)) ދަންނަ ބޭކަލުން އެއްބަސްވެވަޑައި ގަންނަވާ ގޮތުގައި [ރަމަޟާންމަހުގެ ޤިޔާމަކީ] ތަރާވީޙު ނަމާދެވެ.[2]
2- އައްނުޢުމާނު ބުނު ބަޝީރުގެ އަރިހުން އައްނަސާއީއާއި އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. (( އަހުރެމެން ރަސޫލުﷲގެފާނު އަރިހުގައި ރަމަޟާންމަހުގެ ތޭވީސްވިލޭރޭ ފުރަތަމަ ދަން ފާއިތުވަންދެން ނަމާދުކުރީމެވެ. ދެން ފަންސަވީސްވިލޭރޭ މެންދަން ވަންދެން ނަމާދުކުރީމެވެ. ދެން ހަތާވީސްވިލޭރޭ ނަމާދު ކުރީމެވެ. ނަމާދުކުރެއްވިލެއް ދިގުކަމުން އަހުރެމެންނަށް ހާރު ފާއިތުވެދާނެކަމަށް ހީވިއެވެ.)) [3]
3- މީގެއިތުރަށް އިސްވެ ބަޔާންކޮށްފައިވާ ޢާއިޝަތުގެފާނު އަރިހުން ވާރިދުވެފައިވާ ޙަދީސަކީވެސް އެނަމާދުގެ ސުންނަތްކަން ބަޔާންކޮށްދޭ ނައްޞެކެވެ.
ތަރާވީޙު ނަމާދުގެ ރަކްޢަތުގެ ޢަދަދު
ތަރާވީޙު ނަމާދުގެ ރަކްޢަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވެފައިވެއެވެ. މިކަމުގެ ސަބަބަކީ ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކުގައި ތަރާވީޙުނަމާދުގެ ރަކްޢަތުގެ ޢަދަދު ވާރިދުވެފައި ނެތުމެވެ. އުމަރުގެފާނުގެ ޒަމާނުގައި ތަރާވީޙު ނަމާދުގައި 23ރަކްޢަތް ކޮށްފައިވާކަމަށް މާލިކުގެފާނު ވިދާޅުވެފައިވެއެވެ. އިބްނު އަބީޝައިބާ ވިދާޅުވާގޮތުގައި ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ޒަމާނުގައި 36 ރަކްޢަތްކޮށްފައި އިތުރަށް ވިތުރީގެ 3ރަކްޢަތް ކޮށްފައިވެއެވެ. އިބްނުލް ޤާސިމު، މާލިކުގެފާނާ ޙަވާލާދެއްވާ ވިދާޅުވާގޮތުގައި އެއީ މީސްތަކުން ޢަމަލުކޮށްފައިވާ ޤަދީމީގޮތެވެ.[4] ތަރާވީޙު ނަމާދުގެ ރަކްޢަތުގެ ޢަދަދާ ބެހޭގޮތުން ޢިލްމުވެރިން ތިންބަޔަކަށް ބެހިގެންވެއެވެ.
1- ފުރަތަމަ މަޛްހަބު: ތަރާވީޙު ނަމާދު ނަމާދަކަށްވުމަށް ފުދިގެންވާ އެންމެ މަދު މިންވަރަކީ 11 ރަކްޢަތެވެ. އޭގެ ތެރޭގައި ވިތުރީގެ 3ރަކްޢަތް ވެސް ހިމެނެއެވެ. މިއީ އަލްކަމާލު ބުނުލްހުމާމުގެ ރައުޔެވެ. މާލިކުގެފާނުގެ ރައުޔުތަކުގެ ތެރޭގައިވެސް މިރައުޔު ހިމެނެއެވެ. އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރައްވަނީ މިގޮތެވެ.[5] މިބޭކަލުންގެ ޙުއްޖަތަކީ އައްސާއިބު ބުނު ޔަޒީދުގެ އަރިހުން މާލިކުގެފާނު ރިވާކުރައްވާފައިވާ އަޘަރެވެ. މިއަޘަރު ބުނާގޮތުގައި ޢުމަރުގެފާނު، އުބައްޔު ބުނު ކަޢުބަށާއި ތަމީމުއްދާރީއަށް އަމުރުކުރެއްވީ 11ރަކްޢަތް ކުރައްވާށެވެ. މިބޭކަލުންގެ ދެވަނަ ޙުއްޖަތަކީ ޢާއިޝަތުގެފާނު އަރިހުން ވާރިދުވެފައިވާ ޙަދީސެވެ. އެކަމަނާ ވިދާޅުވިއެވެ. (( ކީރިތިރަސޫލާ، ރަމަޟާންމަހުގައި ވެސް އަދި އެހެން މަހެއްގައި ވެސް 11ރަކްޢަތަށްވުރެ ގިނައިން ކުރައްވައި ފައެއް ނެތެވެ. ކުރައްވަނީ 4 ރަކްޢަތެވެ. އޭގެ ފުރިހަމަކަމާއި ދިގުކަމާމެދު ތިބާ ސުވާލުނުކުރާށެވެ. ދެން އަނެއްކާވެސް 4 ރަކްޢަތެވެ. އޭގެ ފުރިހަމަ ކަމާއި ދިގުކަމާމެދު ތިބާ ސުވާލުނުކުރާށެވެ. ދެން އެއަށްފަހު 3 ރަކްޢަތެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭﷲގެ ރަސޫލާއޭވެ! ވިތުރި ނުކުރައްވާ އަވަހާރަފުޅު ލައްޕަވަނީތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނުގެ ދެލޯފުޅު ނިދިޔަސް ހިތްޕުޅު ނުނިދާނެތެވެ.))[6] މިޙަދީސުން ރަކްޢަތުގެ ޢަދަދު ވަރަށް ސާފުކޮށް އެނގެއެވެ. މިޢަދަދު ރަމަޟާންމަހުގައި ވެސް އަދި އެހެނިހެން މަސްތަކުގައި ތަފާތެއްނެތެވެ. މިޙަދީސަށް ރައްދު ދެއްވާ ބޭކަލުން ވިދާޅުވާ ގޮތުގައި ޢާއިޝަތުގެފާނު އަރިހުން މިޙަދީސް ތަފާތު ގޮތްގޮތަށް ވާރިދުވެފައިވާތީ އެއީ [مضطرب] ޙަދީޘެކެވެ. މިކަމަށް ރައްދުދެއްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި 11ރަކްޢަތަށް ޢަމަލުކުރުން ވަނީ މަންސޫޚުވެފައެވެ. ޢުމަރުގެފާނު 20 ރަކްޢަތް ކުރަން އަންގަވައި ޞަޙާބީން އެގޮތަށް އިއްތިފާޤުވެވަޑައިގަންފައިވާތީއެވެ. އެކަލޭފެފާނަށް ތަބާވުމަކީ ސުންނަތަށް ތަބާވުމެވެ. އެހެނީ ރަސޫލުﷲގެފާނު -صلى الله عليه وسلم- ޙަދީސް ކުރެއްވިއެވެ. ((عَلَيْكُمْ بِسُنَّتِي وَسُنَّةِ الخلفاء الراشدين المَهْدِيِّيْنِ مِنَ بَعْدِي وَعَضُّوا عَلَيْها بِالنَوَاجِذِ[7]- ތިމަން ކަލޭގެފާނަށްފަހު ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިމަންކަލޭގެފާނުގެ ސުންނަތާއި ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. ފަހެ، ތިޔަބައިމީހުން އޭގައި ވަރުގަދައަށް ހިފަހައްޓާށެވެ.)) އަލްޤާޟީ އަލްބާޖީ ވެސް ވިދާޅުވަނީ މިގޮތަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢުމަރުގެފާނު، އެންމެފުރަތަމަ އެންގެވީ 11 ރަކްޢަތް ކުރާށެވެ. އަދި ޤިޔާމު ދިގުކުރާށެވެ. ނަމަވެސް މީސްތަކުންނަށް މިކަން ބުރަކަމަކަށްވުމުން 20 ރަކްޢަތަށް އިތުރު ކުރައްވައި، ޤިޔާމުގައި ކިޔެވުން ކުރުކުރެއްވީއެވެ.[8] އިބްނު ޙަބީބު ވިދާޅުވާގޮތުގައި11 ން 23ށް ޢުމަރުގެފާނު ބަދަލުކުރެއްވީއެވެ.[9]
2- ދެވަނަ މަޛްހަބު: މިބޭކަލުން ވިދާޅުވާގޮތުގައި ތަރާވީޙު ނަމާދު ޞައްޙަވާނީ 20 ރަކްޢަތުންނެވެ. އަދި އެއަށްފަހު ވިތުރީގެ 3 ރަކްޢަތްކުރަން ވާނެއެވެ. މިއީ ހަނަފީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. މާލިކީ މަޛްހަބުގެ ރައުޔުތަކުގެ ތެރޭގައި މި ރައުޔު ހިމެނެއެވެ.[10] މި ބޭކަލުންގެ ދަލީލުތަކުގެ ތެރޭގައި ޔަޒީދު ބުނު ރޫމާނުގެ އަރިހުން މާލިކުގެފާނު ރިވާކުރެއްވި ޙަދީސް ހިމެނެއެވެ. (( އެކަލޭގެފާނު ވިދާޅުވާގޮތުގައި ޢުމަރު ބުނުލް ޚައްޠާބުގެ ޒަމާނުގައި، މީސްތަކުން ރަމަޟާންމަހުގައި 23 ރަކްޢަތްކުރިއެވެ.))[11] އަލްބައިހަޤީ އާއި އަލްބާޖީ ވިދާޅުވާގޮތުގައި އެއީ ތަރާވީޙުގެ 20 ރަކްޢަތާއި ވިތުރީގެ 3 ރަކްޢަތެވެ.[12] މި މަޛްހަބުތަކުގެ ދެވަނަ ދަލީލަކީ އައްސާއިބު ބުނު ޔަޒީދުގެ އަރިހުން ބައިހަޤީ ރިވާކުރެއްވި ޙަދީސެވެ. ސާއިބު ވިދާޅުވިއެވެ. (( ޢުމަރުގެފާނުގެ ޒަމާނުގައި ރަމަޟާން މަހުގައި މީސްތަކުން 20 ރަކްޢަތް ކުރަމުންދިޔައެވެ. ޤިޔާމުގައި ކިޔަވަނީ ދިގު ސޫރަތްތަކެވެ. ޤިޔާމު ދިގުކަމުން ޢުޘްމާނު ބުނު ޢައްފާނުގެ ޒަމާނުގައި މީހުން އަސާ ވިއްދައިގެން ތިބޭތަން ފެނުނެވެ.))[13]
3- ތިންވަނަ މަޛްހަބު: މި މަޛްހަބު ބުނާގޮތުގައި ތަރާވީޙު ނަމާދުގެ ރަކްޢަތުގެ ޢަދަދަކީ 36 އެކެވެ. މިއީ މާލިކީ މަޛްހަބުގައި މަޝްހޫރުވެގެންވާ ގޮތެވެ. ޝަފީޢީން ވިދާޅުވާ ގޮތުގައި މަދީނާ މީހުންނަށް މިގޮތް ސުންނަތް ވެގެންވެއެވެ. މިބޭކަލުންގެ ދަލީލަކީ އެގޮތަށް މަދީނާ މީހުން ޢަމަލުކުރަމުން އައިސްފައިވާކަމެވެ. އަދި ޢުމަރު ބުނު ޢަބްދުލް ޢަޒީޒު މިގޮތަށް ޢަމަލުކުރައްވާފައި ވާތީއެވެ.
4- އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ޤިޔާމަށް ކަނޑައެޅިގެންވާ ޢަދަދެއްނެތެވެ. އުނިއިތުރު ނުކުރެވޭނެކަމަށް ބުނާ ބުނުމަކީ ކުށްބަހެކެވެ. އިމާމު އަޙްމަދުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވާ ގޮތުގައި (( ބައްޕަ ރަމަޟާން މަހުގައި، ޢަދަދުނުކުރެވޭހާ ގިނައިން ނަމާދުކުރެއްވިއެވެ.)) ޢަބްދުއްރަޙްމާނު ބުނުލް އަސްވަދު ތަރާވީޙުގައި 40 ރަކްޢަތް ކުރެއްވިއެވެ. އަދި އިތުރަށް ވިތުރީގައި 7ރަކްޢަތް ކުރެއްވިއެވެ.[14]
ތަރާވީޙު ނަމާދުކުރާގޮތް
ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތަރާވީޙު ނަމާދުކުރުމަށް އޮތް އެންމެ ފުރިހަމަގޮތަކީ ދެރަކްޢަތުން ދެރަކްޢަތުން ސަލާންދެމުން ނަމާދު ކުރުމެވެ. އެހެނީ އެއީ ރޭގަނޑުގައި ކުރެވޭ ނަމާދެކެވެ. ރަސޫލުﷲގެފާނު –صلى الله عليه وسلم– ޙަދީޘްކުރެއްވިއެވެ. (( صَلاةُ اللَّيْلِ مَثْنَى مَثْنَى[15]– ރޭގަނޑުގެނަމާދު (ކުރާނީ) ދެރަކްޢަތުން ދެރަކްޢަތުންނެވެ.)) އިބްނު ޢުމަރުގެ އަރިހުން މާލިކުގެފާނު ރިވާކުރެއްވި ޙަދީސް ބުނާގޮތުގައި ((ރޭގަނޑު ނަމާދުކުރާނީ ދެރަކްޢަތުން ދެ ރަކްޢަތުން ސަލާންދެމުންނެވެ.)) [16]
1- އަބޫޙަނީފާއާއި އަބޫ ޔޫސުފާއި މާލިކީން ވިދާޅުވާ ގޮތުގައި ކޮންމެ ހަތަރު ރަކްޢަތަކުން ހަތަރު ރަކްޢަތަކުން ސަލާންދެމުން ވެސް ތަރާވީޙު ނަމާދު ކުރެވިދާނެއެވެ. އަދި އެންމެ ސަލާންދިނުމަކުން ވެސް މި ނަމާދު ކުރެވިދާނެއެވެ. ނަމަވެސް އެއީ މަކްރޫހަކަމެކެވެ. [17]
2- ޝާފިޢީން ވިދާޅުވާ ގޮތުގައި ތަރާވީޙު ނަމާދު ކުރަން ޖެހޭނީ ދެ ރަކްޢަތުން ދެ ރަކްޢަތުން ސަލާންދެމުންނެވެ. ޙަނަފީންގެ ތެރެއިން މުޙައްމަދާއި ޙަންބަލީ މަޛްހަބުގައި މަޝްހޫރުވެގެންވަނީ މިގޮތެވެ. މިބޭކަލުން ވިދާޅުވާ ގޮތުގައި ދެ ރަކްޢަތުން ދެ ރަކްޢަތުން ގަސްތުގައި ސަލާން ނުދީފިނަމަ އެ ނަމާދު ބާޠިލުވާނެއެވެ. [18]
ތަރާވީޙު ނަމާދުގެ ވަގުތު
ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ތަރާވީޙު ނަމާދުގެ ވަގުތަކީ ޢީޝާނަމާދުގެ ފަހުން ވިތުރިކުރުމުގެ ކުރިންނެވެ. ރަސޫލުﷲގެފާނު –صلى الله عليه وسلم– ގެ އަޞްޙާބުން ޢަމަލުކުރައްވާފައިވަނީ މިގޮތަށް ކަމުގައި ވާތީއެވެ.
1- ޙަންބަލީން ވިދާޅުވާ ގޮތުގައި ރަނގަޅު ގޮތަކީ ރޭގަނޑުގެ ކުރީކޮޅުގައި ކުރުމެވެ. ޢުމަރުގެފާނުގެ ޒަމާނުގައި އެ ގޮތަށް މީސްތަކުން ޢަމަލުކޮށްފައި ވާތީއެވެ. އިމާމު އަޙްމަދަށް ދެންނެވުނެވެ. ތަރާވީޙު ނަމާދުކުރުން ރަނގަޅީ ރޭގަނޑުގެ ފަހުބައިގައި ތޯއެވެ؟ ނުވަތަ ކުރީބައިގައި ތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ (( އަހުރެންގެ ގާތުގައި ލޮބުވެތިކަން ބޮޑީ މުސްލިމުންގެ ސުންނަތެވެ. އެބަހީ އެމީހުން އުޅެން އާދަކޮށްފައިވާގޮތެވެ.))
2- ޙަނަފީން ވިދާޅުވާ ގޮތުގައި އިތުރުވެގެން ވަނީ ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ފާއިތުވަންދެން، ނުވަތަ މެންދަން ވަންދެން ފަސްކުރުމެވެ. ބައެއް ޙަނަފީން ވިދާޅުވާ ގޮތުގައި މެންދަމުގެ ފަހަށް ލަސްކުރުމަކީ މަކްރޫހަކަމެކެވެ.
3- މަޣްރިބު ނަމާދާ ޢިޝާނަމާދާ ދެމެދުގައި ތަރާވީޙު ނަމާދު ކޮށްފިނަމަ އެ ނަމާދު ތަރާވީޙަކަށް ނުވާނެކަމަށް ޖުމްހޫރުން ވިދާޅުވެއެވެ. އެކަމަކު ޙަނަފީ މަޛްހަބުގެ ރައުޔެއް ބުނާގޮތުގައި، ތަރާވީޙަކީ ރޭގަނޑުގެ ނަމާދަކަށް ވާތީ، އެވަގުތުގައި ކުރިއަސް ޞައްޙަ ވާނެއެވެ.
ރިފަރެންސް:
[1]- متفق عليه
[2]- الإقناع للشربينى : 1/ 107 ، نهاية المحتاج : 2/ 121
[3]- سنن النسائى : رقم 1606 ، المستدرك : 1/ 440
[4]- بداية المجتهد : 1 / 210
[5]- الفتاوى الكبرى لابن تيمية : 22/ 272 ، شرح فتح القدير : 1/ 233 ، شرح الزرقانى : 1/ 284
[6]- صحيح البخارى : رقم 1096 ، وصحيح مسلم : رقم 738
[7]- رواه ابن حبان: رقم 5 ، والترمذى فى سننه: 5/ 44، أبو داود : رقم 4607 ، وابن ماجه : رقم 43 ، وأحمد : رقم 17182
[8]- المنتقى : 2/ 208
[9]- حاشية العدوى على كفاية الطالب الربانى : 1/ 353
[10]- بدائع الصنائع وحاشية ابن عابدين وحاشية الدسوقى وبداية المجتهد و شرح الزرقانى والمجموع للنووى وكشاف القناع، ويرى الشافعية: أن هذا العدد لغير أهل المدينة ، أما هم فصلاتهم ستا وثلاثين لأن لأهل المدينة شرفا بهجرة النبى صلى الله عليه وسلم ودفنه
[11]- موطأ مالك : 1/ 151 ، وقال النووى : مرسل
[12]- الكبرى للبيهقى : 2/496 ، المنتقى : 1/ 209
[13]- الكبرى للبيهقى : رقم 4392
[14]- كشاف القناع : 1 / 426
[15]- رواه البخارى ومسلم والطبرانى والبيهقى وابن ماجه والنسائى وابن خزيمة وأحمد
[16]- الموطأ: رقم 261
[17]- بدائع الصنائع و حاشية ابن عابدين
[18]- حاشية القليوبى وحاشية ان عابدين ونهاية المحتاج وكشاف القناع و مطالب أولى النهى