މުސްލިމުން ދަންނަގޮތުގައި ރަމަޟާންމަހަކީ ހިޖްރީ ކަލަންޑަރުގެ ނުވަވަނަ މަހެވެ. މި މަހަށް ރޯދަމަހޭ ވެސް ކިޔެއެވެ. މުސްލިމުންގެ ގާތުގައި މި މަސް ޚާއްޞަ މަހަކަށް ވީ މި މަހުގައި ރޯދަހިފުން ފަރްޟު ކުރެއްވުމުގެ އިތުރަށް މި މަހުގައި ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލައްވައިފައިވާތީއެވެ. އެއީ ލައިލަތުލް ޤަދްރިވިލޭރޭގެ މައްސަރު ކަމުގައިވާތީއެވެ.މި ރޭގެ މާތްކަމާއި ޝަރަފުވެރިކަމުގެ ވާހަކަތައް މިހާރު ވާނީ ދައްކައިފައެވެ.
ރަމަޟާން މަސް ފެށުމުން މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ތަހްނިޔާކިޔައި މި މަހަށް މަރްޙަބާކިޔައެވެ. މިމަހަށް މަރްޙަބާ ކިޔުމަށް ޓަކައި ދުނިޔޭގެ ގިނަ މުސްލިމުން އާދަވެފައިވަނީ (( رمضان كريم )) ކިޔުމަށެވެ. މި ޢިބާރާތް އައީ ކިހިނެއް ހެއްޔެވެ؟ ރޯދަވެރިން މި ޢިބާރާތް ތަކްރާރުކުރަނީ ކީއްވެގެން ހެއްޔެވެ؟
މުސްލިމުންގެ ގާތުގައި ރަމަޟާން މަހަކީ އިސްލާމީ ކަލަންޑަރުގައި ހިމެނޭ މުހިއްމު މަހެކެވެ. އެމީހުންގެ މައްޗަށް ފަރްޟުކުރައްވައިފައިވާ އަޅުކަމެއް އަދާކުރާ މަހަކަށްވާތީއެވެ. އެއީ އީމާންކަމާއި ތަޤްވާވެރިކަމާއި ހެޔޮކަމާއި ޞަދަޤާތްކުރުމާއި ހެޔޮފޯރުވުމާއި ގުޅުންތައް ވާޞިލްކުރުމާއި ދީލަތިވުމުގެ މަހެވެ. ރަމަޟާން ކަރީމުގެ ލަފުޒީ މާނައަކީ " ދީލަތި ރަމަޟާނެއް " އެވެ.
ރަމަޟަންމަހަކީ އީމާންކަން ހަރުދަނާކުރުމުގެ މޫސުމެވެ. އެއީ ﷲއާއެކު ގުޅުންތައް ވަރުގަދަކުރުމުގެ ފޯވައްސެވެ. އެއީ ކިޔަމަންގަތުމާއި ޠާޢަތްތައް އިތުރުކުރުމުގެ މަހެވެ. އެއީ ޚައިރާތުތައް ގިނަކޮށް ނަފުސުތައް ޠާހިރުކޮށް ރޫޙުތައް ބާއްޖަވެރިކުރުމުގެ ވަގުތުކޮޅެވެ.މިހެންވެ ރަމަޟަންމަސް އައުމުން މުސްލިމުން އުފާވެތެވެ. ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަނެތެވެ. ﷲގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުން ލިބޭތޯ އެއްބަޔަކު އަނެއްބަޔަކާ ވާދަކުރެތެވެ.
ރަމަޟާން އަކީ އިސްލާމްދީން އައުމުގެކުރިން ވެސް ޢަރަބިން ދަންނަ މަހެކެވެ. މި ލަފުޒުގެ އަޞްލަކީ (رمض ) އެވެ. އެއީ އެ މަހުގައި އާދަޔާ ޚިލާފަށް އަވިގަދަވެ ހޫނު މައްޗަށް ދާތީއެވެ. މުސްލިމުން ހިފާ ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ކަރުތެރެ ހިކި ހޫނުވާހޫނުވުމާ މި މަހުގެ ނަމާ ގުޅޭތީ ކަމަށް ވެސް ވެދާނެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި رمضان މި ލަފުޒުގައި ހިމެނެނީ ފަސް އަކުރެވެ. އެއީ
- الراء: رضا الله على الصائمين ( ރޯދަވެރިންނަށް ލިބޭ ﷲގެ ރުއްސެވުން)
- الميم: مغفرة الله لمن يتوب إليه (ތައުބާވާ މީހާއަށް ﷲގެ ފުއްސެވުން)
- الضاد: ضمان يقدمه الله للصائمين بدخول الجنة ( ރޯދަވެރިޔާ ސުވަރުގެ ވައްދަވާނެކަމުގެ ޖާމިނުވުން )
- الألف: آلفه الله لمن يتوكل عليه (ﷲއަށް ވަކީލުކުރާމީހާއާ ކުއްތަންވެވޮޑިގަތުން)
- النون: نوال الصائم تلبية لدعوته ( ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވުން)
ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ރަމަޟާން އައީ رمض އިންނެވެ. އެއީ ރޯދައިގެ ސަބަބުން ފާފަތައް އަނދައި ހުލިވެގެންދާތީއެވެ.
އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން އައިސްފައިވަނީ رميضއިންނެވެ. އެއީ ވާރޭ އެވެ. ރޯދައިގެ ސަބަބުން ފާފަތައް ދޮވެވިގެން ސާފުވެގެންދާތީއެވެ.
ރަމަޟާންމަހަކީ ވަރަށް ގިނަ ގޮތްގޮތުން ދީލަތި މަހެކެވެ. މިހެންވެ ރަމަޟަން މަހަށް ތަހްނިޔާ ކިޔުމަށް رمضان كريم ( ދީލަތި ރަމަޟާން ) ކިޔަނީއެވެ. ރަމަޟާން މަހުގައި ހިމެނޭ ދީލަތިކަން ވަރަށް ގިނައެވެ. ވަރަށް ގިނަ ގޮތްގޮތުންނެވެ. ތަފާތު ސިފަސިފައިގައެވެ. އޭގެތެރޭގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކަކީ:-
1- އެ މަހަށް އިސްތިޤްބާލުކުރުމުގެ އުފަލުގައި ހިމެނޭ ދީލަތިކަން .
2- ރޯދައިގެ މަތިވެރިކަމާއި އޭގެ ސަވާބު ބޮޑުކަން . ރަމާޟާންމަހަކީ ދެއްވުމުގައި ދީލަތި މަހެކެވެ. ރަސޫލުﷲ e ޙަދީސްކުރައްވައިފައިވާ ގޮތުގައި ރަމަޟާންމަހުގައި ރޯދަހިފައި އެކަމާވިދިގެން ޝައްވާލު މަހުގައި 6 ރޯދަ ހިފިމީހާ މުޅި އަހަރު ރޯދަހިފިފަދައެވެ. އޭނާއަށް މި ލިބެނީ ކިހާ ބޮޑު ސަވާބެއްތޯއެވެ. ރަމަޟާންމަސް ކިހާ ދީލަތިތޯއެވެ؟
3- ރަމަޟާން މަހުގައި މުސްލިމުންންގެ މައްޗަށް ފަރްޟުކުރައްވައިފައިވާ ރޯދައިގެ ސަވާބުގެ މަތިވެރިކަން. މި ރޯދައިގެ ސަވާބުގެ މިންވަރު ދެނެވޮޑިގަންނަވަނީ ހަމަ ﷲއެވެ. ޤުދްސީ ޙަދީސެއްގައި ވެއެވެ.(( كلُّ عملِ ابنِ آدمَ يُضَاعَفُ لَهُ الحسنةُ بعَشْرِ أمثالِها إلى سَبعِمائةِ ضِعفٍ قالَ اللَّهُ سبحانَهُ إلّا الصَّومَ فإنَّهُ لي وأَنا أجزي بِهِ[1] - އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއްގެ ސަވާބު ގިނަގުނަކުރައްވަތެވެ. ކޮންމެ ހެޔޮ ކަމަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބެވެ. މިމޭރުމުން ހަތް ސަތޭކަ ގުނައާ ހަމައަށެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެކަމަށް ޖަޒާދެއްވަނީ ތިމަންރަސްކަލާނގެއެވެ. ))
4- ރަމަޟާން މަހަކީ މިސްކިތްތަކުން ދީލަތި މަހެކެވެ. ރޯދަވެރިން އެ މަހުގައި އާދަޔާޚިލާފަށް ގިނައިން މިސްކިތަށް ގޮސް މިސްކިތްތައް ދިރުވަތެވެ.
5- ރަމަޟާން މަސް ދީލަތިވަނީ މާތްﷲ އެ މަހުގައި ކީރިތި ޤުރްއާން ބާވައިލައްވައިފައިވާތީއެވެ. ކީރިތި ޤުރްއާނަކީ މާތް ﷲ ބާވައިލެއްވި ސަމާވީ އެންމެ މާތް ފޮތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ [2]- رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ))
6- މި މަހުގައިވާ އެންމެ ބޮޑު ދީލަތި ކަމަކީ މާތް ﷲ މި މަހުގެ ބަނޑުތެރޭގައި ވަންހަނާކުރައްވައިފައިވާ ލައިލަތުލް ޤަދްރި ވިލޭރެއެވެ.އެއީ އެއްހާސް ރެއަށްވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެ ރޭގައި އަޅުކަންކުރި މީހާ މުޅި ޢުމުރުގައި އަޅުކަންކުރިފަދައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ [3]- ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ))
7- މާތްﷲ ރަމަޟާންމަހުގައި ލައްވައިފައިވާ ނަފްޙާތުތަކަކީ އެ މަހުގެ ދީލަތިކަން ފާޅުވެގެންދާ ކަމެކެވެ. މަހުގެ ފުރަތަމަ ދިހައިގައި އޮތީ ﷲގެ ރަޙްމަތެވެ. ދެވަނަ ދިހައިގައި އޮތީ ﷲގެ މަޣްފިރަތެވެ. ފުއްސެވުމެވެ. ތިންވަނަ ދިހައިގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ. ނަރަކައިން މުއްތި ކުރެވުނު މީހާއަށް މުޅި އާޚިރަތް ބާއްޖަވެރިކަމާއެކު ލިބުނީއެވެ.
8- ރަމަޟާން މަހަކީ ހެޔޮ ޢަމަލުތައް ކުރާމީހުންނަށް މިލިއަނުން ބިލިޔަނުން ސަވާބުތައް އޮއްސަވާދެއްވާ މަހެކެވެ. ކައު ރަސޫލާ ބަޔާންކޮށްދެއްވައިފައިވާފަދައިން އެއީ މާތް ﷲ އެ މަހުގައި މުއުމިނުން ފުދުންތެރިކުރައްވާނެ މަހެކެވެ. ރަޙްމަތް ބާވައިލައްވާނެ މަހެކެވެ. އެއީ ކުށްފާފަތައް ފުއްސަވާދެއްވާނެ މަހެކެވެ. އެއީ ދުޢާ އިޖާބަކުރައްވާނެ މަހެކެވެ. އެ މަހުގައި ﷲ ތަޢާލާ މުސްލިމުން ހެޔޮ ޢަމަލުތަކުގައި ވާދަކުރާގޮތަށް ބައްލަވައި މަލާއިކަތުންގެ މަޖިލިސްތަކުގައި ފަޚްރުވެރިވެވޮޑިގަންނަވާނެތެވެ. މިހެންވެ ރަސުލާ އަންގަވަނީ އަޅުގަނޑުމެންގެ ކިބައިން ﷲއަށް ހެޔޮ ޢަމަލުތައް ދެއްކުމަށެވެ. އެ މަހުގައި ކުރާ ސުންނަތް ކަންތައްތައް އެހެން މަސްމަހުގައި ކުރާ ފަރްޟު ކަންތައްތަކާ ސަވާބު ދެއްވުމުގައި އެއްވަރެވެ.
9- ރަމަޟަންމަހަކީ މީސްތަކުންގެ މެދުގައި ދިލަތި މަހެކެވެ. ޞަދަޤަތްކުރުމާއި ހެޔޮފޯރުވުން އިތުރުވެ ގިނަވުމުގެ ސަބަބުން މި މަހުގައި ފަޤިރުންނެއް ނުތިބޭނެތެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ ސަބަބުން އުޚުއްވަތްތެރިކަން ބަދަހިވެގެންދާނެއެވެ.
10- ކައު ރަސޫލާ އަކީ މި މަހުގައި އާދަޔާޚިލާފަށް ދީލަތި ބޭކަލެކެވެ. ޖިބްރީލުގެފާނާ ބައްދަލުވެވަޑައިގަންނަވާ ވަގުތު އެކަލޭގެފާނުގެ ދީލަތިފުޅުކަން އެތައްއެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ މިސާލަކީ ނަލަ ވައިރޯޅިއެއްގެ މިސާލެވެ.
ރަމަޟާންމަހުގެ ދީލަތިކަމަކީ ﷲގެ ދިލަތިވަންތަކަމުގެތެރެއިން އިސްލާމީ އުންމަތަށް ލިބޭ ދީލަތިކަމެކެވެ. އެކަލާނގެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި (ކަރީމު ) ވެއެވެ. މީސްތަކުން ރަމަޟާންމަސް އައުމުން ތަހްނިޔާ ކިޔުމުގެ ގޮތުން (رمضان كريم) ކިޔަނީ އެއްޗެއް ނުވަތަ ކަމެއް އެކަމުގެ ސަބަބަށް ނުވަތަ މަޞްދަރަށް ނިސްބަތްކުރުން އާދައަކަށް ވެފައިވާތީއެވެ. ﷲއަކީ ދީލަތިވަންތަ ރަސްކަލާނގެއެވެ. މީސްތަކުންނަށް ދީލަތިކަން ދެއްވަނީ އެކަލާނގެއެވެ. ކީރިތި ޤުރްއާނުގައި ލަފުޒު ( كريم ) ވަރަށް ގިނައިން ވާރިދުވެފައި ވެއެވެ. މިސާލަކަށް
ހ- قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ (النمل:29)
ށ- وَكُنُوزٍ وَمَقَامٍ كَرِيمٍ (الشعراء:58)
ނ- أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ (الشعراء:7)
ރ- وَظِلٍّ مِنْ يَحْمُومٍ * لا بَارِدٍ وَلا كَرِيمٍ (الواقعة:44)
ބ- فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ (الحج:50)
ޅ- إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَنَ بِالْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ (يّـس:11)
ކ- مَا هَذَا بَشَراً إِنْ هَذَا إِلَّا مَلَكٌ كَرِيمٌ (يوسف:31)
އ- وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ (الدخان:17)
ގިނަ ބޭކަލުންތަކެއް ވިދާޅުވާގޮތުގައި ( رمضان كريم) ގެ މާނައަކީ ރަމަޟާންމަސް ހުރިހާ ކަމެއްގައި ދީލަތި ވާހަކައެވެ. އެ މަހުގެ ހެޔޮކަން ހުސްވެގެންނުދާހާ ގިނަކަމުންނެވެ.
ތަހްނިޔާ ކިޔާނީ ކިހިނެއް
ރަމަޟާން މަސް އައުމުން ތަހްނިޔާކިޔާއިރު ކިޔާނީ (رمضان كريم) ހެއްޔެވެ؟ ނުވަތަ ( رمضان مبارك ) ހެއްޔެވެ؟ މި ދެ ޢިބާރާތުގެ މާނަގައި އޮތީ ކުޑަކުޑަ ތަފާތެކެވެ. މި ދެ ޢިބަރާތަކީ ވެސް ރަމަޟަންމަހަށް ތަހްނިޔާ ކިޔުމަށް ޓަކައި ބޭނުންކުރާ ދެ ޢިބާރާތެވެ. رمضان كريم ބުނުމުން ދޭހަވާ މާނައަކީ އޭނާ ތިބާއަށް ރަމަޟާން މަސް ދީލަތި މަހެއްކަމުގައި ލެއްވުމަށް އެދި ދުޢާ ކުރާކަމެވެ. ( رمضان مبارك ) ބުނުމުން އެނގެނީ އޭނާ ތިބާއަށް ރަމަޟާން މަސް ބަރަކާތްތެރި މަހެއްކަމުގައި ލެއްވުން އެދޭކަމެވެ.
ސުންނަތުން އެނގޭގޮތުގައި ރަމަޟާން މަސް އައުމުން އެކަމުގެ ހެޔޮ ޚަބަރު ކީރިތި ރަސޫލާ
صلى الله عليه وسلم އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީންނަށް ދެއްވިއެވެ. އެކަމުން އެނގެނީ ރަމަޟާން މަސް އައުމުން ތަހްނިޔާ ކިޔުމަކީ ދީނުގައި އޮތް ކަމެއްކަމެވެ. އިސްލާމީ ޤައުމުތަކުގެ ފަތުވާ ވިދާރާ[4]ތަކުން މި ކަން ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ.[5]
ރިފަރެންސް:
[1] - أخرجه البخاري (١٨٩٤) ومسلم (١١٥١)
[2] - البقرة : 185
[3] - القدر : 3
[4] - ވިދާރާ މާނައަކީ އެކަޑަމީ
[5] - މިޞްރުގެ ދާރުލްއިފްތާއާއި އިސްލާމް ވެބާނފަދަ ފަތުވާއާ އޮންލައިން ވެބް ޞަފްޙާތައް ބައްލަވާ!