ރޯދައިގެ މަދުރަސާގެ ދަސްވެނިންނަށް އިނާމު ދެވޭ ދުވަސް

މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިޠުރުޢީދު ދުވަހަކީ ކޮންފަދަ ދުވަހެއް ހެއްޔެވެ؟ މާތްﷲ އެންގެވި ގޮތަށް ރަމަޟާން މަހު ރޯދަހިފި މީހުންނަށް މިއަދު ލިބޭ އުފަލަކީ ކޮބައިހެއްޔެވެ؟ ރޯދަވެރިން މާތްﷲގެ އަމުރުފުޅަށް ކިޔަމަންގަނެ ، ރޯދަ ހިފައި، އެކަލާނގެއަށް ޝުކްރު ދަންނަވައި، ތަކްބީރު ކިޔާ ، ޢީދު ނަމާދުކޮށްގެން، އެބައިމީހުން ގެއަށް ދާނީ ،މާތް ﷲ އެމީހުންނަށް ކަނޑައަޅުއްވައިފައިވާ އިނާމު ހިފައިގެންނެވެ. އެއީ މާތް ﷲ އެމީހުންނާ ކުރިމަތި ކުރެއްވި ރޯދައިގެ މަދުރަސާއިން ދަސްވެނިވުމުން ދެއްވާ އިނާމެވެ. ޢީދުދުވަހުގެ އިޙްތިފާލަކީ އެމީހުންގެ ދަސްވެނިވުމުގެ ބަރަކާތްތެރި އިޙްތިފާލެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ.(( إذا كانَ يومُ عيدِ الفطرِ وقفتِ الملائكةُ على أبوابِ الطَّريقِ فنادوا اُغْدُوا يَا مَعْشِرَ المـُسْلمينَ إلَى ربٍّ كريمٍ يَمنُّ بِالخَيرِ ثُمَّ يُثيبُ عَلَيْهِ الجزيلَ لقد أُمِرْتُم بقيامِ اللَّيلِ فَقُمْتم وَأُمِرْتم بِصِيامِ النَّهارِ فَصُمْتم وأَطَعْتُم ربَّكم فَاقْبِضُوا جَوَائزَكُم فَإِذَا صَلَّوا نادى منادٍ ألَا إنَّ ربَّكم قَدْ غَفَرَ لكُم فَارْجِعُوا رَاشِدِينَ إلى رِحَالِكم فَهُوَ يومُ الجائزةِ ويسمّى ذلكَ اليومُ في السَّماءِ يومَ الجائزةِ [1]- ފިޠުރު ޢީދު ދުވަހު މަލާއިކަތް ބޭކަލުން މަގުތަކުގެ ދޮރުތައް މަތީގައި ތިއްބަވާ ގޮވައިލައްވާނެތެވެ. އެންމެހާ މުސްލިމުންނޭވެ! ހެޔޮކަން ބައްސަވާ ދީލަތިވަންތަ ރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން އަވަހަށް އަންނާށެވެ! އެއަށްފަހު އެކަލާނގެ ދީލަތި ސަވާބު އެމީހުންގެ މައްޗަށް ލައްވާނެތެވެ. ތިޔަބައިމީހުންނަށް ޤިޔާމުއްލައިލު ކުރުމަށް އަމުރުކުރެވުމުން ތިޔަބައިމީހުން އެކަން ކޮށްފީމުއެވެ.ތިޔަބައިމީހުންނަށް ދުވާލު ރޯދަ ހިފުމަށް އަމުރުވެވުމުން ތިޔަބައިމީހުން ރޯދަ ހިފައިފީމުއެވެ. ތިޔަބައިމީހުން ވެރިރަސްކަލާނގެއަށް ކިޔަމަންގަތްފީމުއެވެ. ފަހެ ތިޔަބައިމީހުން ތިޔަބައިމީހުންގެ އިނާމުތަކުގައި ހިފާށެވެ! ފަހެ އެބައިމީހުން ނަމާދުކޮށްފިނަމަ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވައިފިކަން ދަންނާށެވެ! ފަހެ ތިޔަބައިމީހުން ތެދުމަގު ލިބިގެންވާ ޙާލު އެނބުރި ގެއަށް ދާށެވެ! ފަހެ މިއަދަކީ އިނާމުގެ ދުވަހެވެ. ތިޔަބައިމީހުންގެ މި ދުވަހަށް އުޑުގައި " ޔައުމުލް ޖާއިޒާ – އިނާމުގެ ދުވަސް " އޭ ކިޔާ ނަންދެވިފައިވެއެވެ. ))

އިޙްތިފާލުގެ ދަޢުވަތު

މި އިނާމު ދެވޭ އިޙްތިފާލަށް ޢީދު ނަމާދޭ ކިޔެއެވެ. މިހެންވެ މި އިޙްތިފާލަށް ރަށުގެ ކުދި ބޮޑު އެންމެންނަށް ދަޢުވަތު ދެވިފައިވެއެވެ. މިސްކިތަށް ނުދެވޭ ޙާލުގައި ތިބި އަންހެނުންނަށް ވެސް މި އިޙްތިފާލުގައި ބައިވެރިވުމަށް ރަސޫލާ r ގޮވައިލެއްވިއެވެ. މި އިޙްތިފާލު ތަނަވަސް ބިމެއްގައި ބޭއްވުމަށް ޝަރްޢު ބާރުއަޅައިފައި ވަނީ މިހެންވެގެންނެވެ.

އިޙްތިފާލަށް ޒީނަތްތެރިވުން

މި ފަދަ އިޙްތިފާލުތަކަށް ދިޔުމަށް ޓަކައި ޒީނަތްތެރިވުމަކީ ދުނިޔަވީ އާދައެއް ނޫންތޯއެވެ؟ ދަޢުވަތު ކާޑުގައި ލާންޖެހޭ ހެދުމުގެ ބާވަތްތައް ބަޔާންކޮށްފައި އޮވެއެވެ. ކީރިތި ރަސޫލާ r އަޅުގަނޑުމެންނަށް މި ދުވަހަށް ޓަކައި ޒީނަތްތެރިވުމަށާއި ހުވަދުލުމަށް އަންގަވައިފައިވެއެވެ. ޢީދުދުވަހަށް ޓަކައި ހިނައިގަތުން ސުންނަތެއްކަމުގައި ލެއްވިއެވެ. ޢީދު ނަމާދަށް ދާއިރު އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލައިގެން ދިޔުމަށް ރަސޫލާ r އެންގެވިއެވެ. އެކަލޭގެފާނު ޢީދު ދުވަހު ރޮނގު ދެމި ވަރަށް ރީތި ޖުއްބާކޮޅެއް ތުރުކުރައްވަން ގެންގުޅުއްވިއެވެ.

އިޙްތިފާލަށް ދިޔުމާއި އައުން

ދަސްވެނިވުމުގެ އިޙްތިފާލުތަކުގައި އިސްޓޭޖު މައްޗަށް އަޅުގަނޑުމެން ކުދިން އަރުވަނީ އިސްޓޭޖުގެ ވަކި ފަރާތަކުންނެވެ. އަދި އިނާމު ލިބިގަތުމަށްފަހު އެ ކުދިން ފައިބާނީ އެހެން ދިމާއަކުންނެވެ. ކީރިތި ރަސޫލާގެ އިރްޝާދަށް ނިކަން ބައްލަވާށެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވާ ބަސްފުޅު ބުނާގޮތުގައި އެކަލޭގެފާނު އަންގަވަނީ ޢީދު ނަމާދަށް ދާ މަގާއި ޢީދު ނަމާދުކޮށްގެން ގެއަށް އެނބުރި އަންނަ މަގު ތަފާތު ކުރުމަށެވެ. ސުންނަތް ގޮތަކީ އެއީއެވެ. މި ކަމުގެ ސިއްރަކީ އިސްވެ ބަޔާންކުރި ޙަދީސް ބުނާގޮތުގައި ތަފާތު މަގުތަކުގައި މަލާއިކަތް ބޭކަލުން އިނާމުވެރީންނަށް ތަހްނިޔާ ވިދާޅުވުމަށް ތިއްބަވާނެތީއެވެ. ތަފާތު މަގުތަކުން ގޮސް އައިސްވުމުން އިނާމުވެރީންނަށް ލިބޭ ތަހްނިޔާ އިތުރުވުމެވެ. މަލާއކަތް ބޭކަލުންގެ ތަހްނިޔާއަކީ ހެޔޮ ދުޢާއެވެ. ރަސޫލާ މި އެންގެވި ގޮތަށް އަމަލުކުރުމުން އިނާމުވެރީންނަށް ލިބޭ ހެޔޮ ދުޢާ އިތުރުވެގެން ދާނެ ނޫންތޯއެވެ؟ ތަހްނިޔާ ގިނަވާނެނޫންތޯއެވެ!

ވަފާތެރިވުން

ރަމަޟާން އައިސް ހިނގައްޖެއެވެ. ވިދުވަރެއްފަދަ ކަހަލަ ގޮތަކަށެވެ. އެ މަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެން އެ މަހުގައި ކުރި ޢަމަލުތަކުގެ ފައިލްތައް ހިފައިގެންނެވެ. އަޅުގަނޑުމެން ކުރި ނަމާދުތަކާއި ، ހިފި ރޯދަތަކާއި، ކުރި ޞަދާޤާތްތަކާއި ، ފޯރުވި ހެޔޮ ފޯރުވުންތަކާއި ، ކިޔެވި ޤުރްއާން ކިޔެވުންފަދަ ހެޔޮ އަމަލުތަކުގެ ފައިލްތައް ހިފައިގެންނެވެ. މި ފުރްޞަތުގެ ބޭނުން ހެޔޮކޮށް ކުރި މީހާއަށް ހުރި ބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހާއަށް ﷲގެ ޙަޟްރަތަށް ދެވޭއިރު ނަޖާވުން ލިބޭނެއެވެ.

ރަމަޟާން މަސް ދިޔުމުން އަޅުގަނޑުމެންގެ ގާތަށް ޢިއްޒަތްތެރި އެހެން މެހެމާނަކު އަތުވެއްޖެއެވެ. ރަމަޟާން މަހަށް ވަފާތެރި ޔާރަކަށް އަޅުގަނޑުމެން ނުވާނަން ހެއްޔެވެ؟ ވަފާތެރިކަމަކީ އިސްލާމްދީނުގެ މާތް ޚުލުޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަފާތެރިކަން ނެތް މީހެއްގެ ޚުލުޤުވެރިކަމެއް ނެތެވެ. މާތް ﷲ ރުއްސުންލެއްވި އަބީ އައްޔޫބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (( مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ[2] - ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން 6 ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ. )) މޮޅު އިތުރުވެގެންވަނީ މި 6 ރޯދަ ވަޅުޢީދު ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ. މުޅި އަހަރު ރޯދަހިފުމާ އެއްވަރުވަނީ ކިހިނެއްތޯއެވެ؟ އާދެ! ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަހު 30 ދުވަހު ރޯދަ ހިފާފައި އިތުރު 6 ދުވަހު ރޯދަ ހިފުމުން 36 ދުވަހު ރޯދަ ހިފުނީއެވެ. ކޮންމެ ރޯދައަކީ 10 ހެޔޮ ކަމެވެ. ވީމާ އޭނާއަށް 360 ހެޔޮކަން ލިބޭނެތެވެ. އެއީ މުޅި އަހަރުގެ ދުވަސްތަކާ އެއްވަރު ޢަދަދެކެވެ.

ރޯދަވެރިޔާއަށް ދެ އިނާމު

މާތް ﷲ ރޯދަވެރިޔާއަށް އިނާމު ދެއްވާއިރު ދެ އިނާމެއް ދެއްވައެވެ. އެއް އިނާމަކީ މި ދުނިޔެ މަތީގައި އޭނާއަށް ދެއްވާ އިނާމެކެވެ. ދެވަނަ އިނާމަކީ އޭނާގެ ހެޔޮ ޢަމަލުތަކުގެ އެކައުންޓަށް ޖަމާކޮށްދެއްވާ ވަރަށް ބޮޑު ޗެކެކެވެ.

މި ދެ އުފަލުގެ ސަބަބުން އޭނާގެ ޙަޔާތް ބާއްޖަވެރިވެއެވެ. މި ދެ އުފަލުގެ ސަބަބުން ﷲއަށް އަޅުކަން ކުރުމަށް މަގުފަހިވެގެންދާތީއެވެ. މި ދެ އުފަލުގެ ސަބަބުން އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވުމުގެ ޝަރަފު ލިބޭތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فِي جَنَّاتٍ وَنَهَرٍ فِي مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ[3] - ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( لِلصّائِمِ فَرْحَتانِ يَفْرَحُهُما: إذا أفْطَرَ فَرِحَ، وإذا لَقِيَ رَبَّهُ فَرِحَ بصَوْمِهِ [4]- ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަވީއްލައިފިނަމަ އެކަމަށް އޭނާ އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވެއްޖެނަމަ އޭނާ ހިފި ރޯދައިގެ ސަބަބުން އުފާވެއެވެ. ))

ރޯދަވެރިޔާއަށް ދެއްވާ ފުރަތަމަ އުފަލަކީ ކޮބައިތޯއެވެ؟ އެއީ މާތް ﷲ އޭނާ ރަމަޟާންމަހާ ހަމައަށް ފޯރުކޮށްދެއްވުމުން ލިބޭ އުފަލެވެ. މާތްﷲ އޭނާއަށް ދެއްވި ރޯދަ ހިފުމުގެ ޤާބިލުކަމުން ލިބުނު އުފަލެވެ. މާތް ﷲ މިވަނީ އޭނާއަށް މި ކަމުގައި ތައުފީޤު ދެއްވައިފައެވެ. ﷲ މިވަނީ އެކަލާނގެ ރަޙްމަތް އޭނާގެ މައްޗަށް ފުރިހަމަކޮށް ދެއްވައިފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި ﷲ މި ވަނީ އޭނާއަށް ރަޙްމަތް ލައްވައިފައެވެ. އެއަށްފަހު މި ވަނީ އޭނާގެ ފާފަތައް ފުއްސަވައި ދެއްވައިފައެވެ. ތިންވަނަ ދިހައިގައި މި ވަނީ އޭނާ ނަރަކައިން މުއްތިކޮށް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ.

ރޯދަވެރިޔާއަށް ލިބޭ ދެވަނަ އުފަލަކީ ޤިޔާމަތް ދުވަހު ، އިނާމު ބައްސަވާ ދުވަހު އޭނާއަށް ލިބޭނެ އުފަލެވެ. ރޯދަވެރިންނަށް އައްރައްޔާން ދޮރުކޮޅުން ސުވަރުގެ ވަނުމަށް ގޮވައިލުމުން ލިބޭނެ އުފަލެވެ. ހާސްކަމާއި ބިރުވެރިކަމުގެ ދުވަހުގައި ހާސްކަމާއި ބިރުވެރިކަން ނެތިގެންދާނެތީ ލިބޭނެ އުފަލެވެ. ރައްޔާން ދޮރުކޮޅުން ރޯދަވެރިން ވަދެ ނިމުމުން އެ ދޮރުކޮޅު ބަންދު ކުރައްވާނެތެވެ. އެހެން އެއްވެސް މީހަކު މި ދޮރުކޮޅުން ނުވަންނާނެތެވެ. ރޯދަވެރިން އެ ދޮރުކޮޅުން ސުވަރުގެ ވަނުމުން އެތަނުން ލިބޭނެ ނިޢުމަތުގެ ބޮޑުކަމާއި މަތިވެރިކަން ނިކަން ހިތަށް ތަޞައްވުރުކޮށް ބަލާށެވެ! ކޮން ކަހަލަ ނިޢުމަތެއްހެއްޔެވެ؟ އެއްވެސް މީހެއްގެ ލޮލަށް ދުވަހަކު ވެސް ފެނިފައިނުވާ ނިޢުމަތެކެވެ. އެއްވެސް މީހެއްގެ ކަންފަތަށް އިވިފައނުވާ ނިޢުމަތެކެވެ. މީހެއްގެ ހިތަށް ދުވަހަކުވެސް އަރައިފާނުވާ ނިޢުމަތެކެވެ. ސުވަރުގޭގެ އަހްލުވެރީންގެ މި މަޙްފަލުގެ ފޮނިކަމާއެވެ! އެތާނގައި ﷲ ތަޖައްލީވެ ވޮޑިގަންނަވާ މަންޒަރެވެ. ރަސްރަސްކަލުންގެ ރަސްގެފާނު ﷲ ތަޢާލާ އޭނާއާއެކު ވޮޑިގެންވާ ވޮޑިގެންވުމުން ލިބޭ ބަރަކާތްތެރި އިނާމެވެ. މިއީ ފަހަށް ރައްކައުކޮށް ދެއްވި އިނާމެވެ. އިނާމުދިނުމުގެ މިފަދަ އިޙްތިފާލެއް ބޭއްވޭނީ އެހެން ކޮން ފަރާތަކަށް ހެއްޔެވެ؟

ރިފަރެންސް:

[1] - أخرجه الطبراني (١/٢٢٦) (٦٢٠)
[2] - أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في «السنن الكبرى» (٢٨٦٢)، وابن ماجه (١٧١٦)، وأحمد (٢٣٥٦١)
[3] - القمر:55
[4] - صحيح البخاري ١٩٠٤

ގުޅޭ ޓެގު
comment ކޮމެންޓް