ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ އާންމު މެމްބަރުންގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، ޕާޓީގެ ޓިކެޓު ހާސިލްކޮށްފައިވާ ކެންޑިޑޭޓު ހޮވައިދިނުމަށް ހުރިހާ އާންމު މެމްބަރުން ވެސް މަސައްކަތް ކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފިއެވެ.
މިރޭ އޮތް ވިލިނގިލީ ދާއިރާގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ވަގުތަކީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމަށާއި އަމިއްލަ މުޖުތަމައުއަށް އެންމެ ރަނގަޅު ގޮތް އިސްކުރަަންވީ ވަގުތު ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ވިލިނގިލީ ދާއިރާގައި ސަރުކާރުގެ ނަމުގައި އެ މަނިކުފާނުގެ ތާއީދު އޮތް ކަމަށް ބުނެ ދެ ކެންޑިޑޭޓަކު އުޅުއްވާ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ.
ނަމަވެސް މިރޭ ރައީސްވަނީ ވިލިނގިލީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓަކީ އަދި އެ މަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓަކީ ޓިކެޓު ހާސިލްކުރި ކެންޑިޑޭޓުކަން ފާހަގަކުރައްވައިފައެވެ.
"އެންމެން އެކަތިގަނޑަކަށް ވާންވީ މިހާރު. މި ވޭތުވެދިޔަ ތަން ދޫކޮށްލައްވާ،" ހުރިހާ ރައްޔިތުން އެކީގައި މަސައްކަތްކުރުމަކީ ވިލިނގިލީ ދާއިރާގެ ގޮނޑި ފަސޭހައިން ކާމިޔާބުވާނެ މަގުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިޔާލު ތަފާތުވުންތައް ހައްލުނުކުރާނަމަ އަނެއްކާ ވެސް އެ ގޮނޑި ލިބޭނީ އިދިކޮޅު އެމްޑީޕީއަށް ކަމަށާއި އިތުރު ފަސް އަހަރަށް އެ ގޮނޑި ގެއްލުމަކީ ތަރައްގީއަށް އެޅޭނެ ހުރަހެއް ކަމަށެވެ.
އަދި ނަމެއްގައި މެމްބަރަކު ބައިންދާ ގޮނޑިއަކަށް ނުހެދުމަށް އެދިވަޑައިގަތެވެ.
ހަމައެއާއެކު ރައީސްވަނީ މީގެ ދެ ދައުރުގައި ވެސް ޕީޕީއެމަށް ކާމިޔާބުކުރެވުނު ނައިފަރު ދާއިރާގައި އޮތް ޚިޔާލު ތަފާތުކުރުންތައް ހައްލުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
އެހެންނޫންނަމަ އެ ގޮނޑި ގެއްލުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވައުދުތައް ފުއްދަން އެންމެ މުހިންމީ މަޖިލިސް ކަމަށާއި، ތަރައްގީގެ ހުރިހާ ކަމެއް ކުރުމުގައި ވެސް މަޖިލީހުގެ ދައުރު މުހިންމު ކަމަށެވެ.
އެހެންވެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވާދަކުރާ މެމްބަރުން ހޮވުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެން. ރައްޔިތުންނަށް އަޅުގަނޑުވީ ވައުދަކީ ނަތީޖާ ނެރެދިނުމުގެ ވައުދު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަތީޖަ ނެރެނުދެވި އެއްވެސް ވަގުތެއް ހޭދަކުރައްވަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ.