ރަމަޟާންމަހުގެ ޤިޔާމު

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަންނަ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، ރަމަޟާންމަހުގެ ޤިޔާމަކީ ތަރާވީޙު ނަމާދެވެ. އެއީ ދެ ރަކްޢަތުން ދެ ރަކްޢަތުން ކުރަންޖެހޭ ނަމާދެކެވެ. ރަމަޟާން މަހުގައި ނޫނީ ތަރާވީޙު ނަމާދެއް ނެތެވެ. މި ނަމާދަށް ތަރާވީޙޭ ކިޔުނީ ޤިޔާމުގެ ދިގުކަމުން ކޮންމެ ހަތަރު ރަކްޢަތެއް ކޮށްފައި، އަރާމު ކޮށްލުމަށްޓަކައި ނަމާދު ކުރުން އިރުކޮޅަކަށް މެދުކަނޑައިލާތީއެވެ. ތަރާވީޙު ނެގިފައި ވަނީ [ތަރްވީޙު] އިންނެވެ. ކޮންމެ ހަތަރު ރަކްޢަތަކަށް [ތަރްވީޙާ] އެކޭ ކިޔެއެވެ.

ބައެއްމީހުން ހީކުރާގޮތަށް އެއީ ތަފާތު ދެ ނަމާދެކެވެ. ކީރިތި ރަސޫލާ ވަނީ ރަމަޟާން މަހުގައި ޤިޔާމު ކުރުމަށް އަންގަވައިފަވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (( مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [1] - މާތް ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާންމަހު ޤިޔާމުކުރި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. ))

ތަރާވީޙު ނަމާދަކީ ފިރިހެނުންނަށާއި އަންހެނުންގެ މައްޗަށް ކުރުން ސުންނަތްވެގެންވާ ނަމާދެއްކަމަށް ޢިލްމުވެރިން އެއްބަސްވެވަޑައި ގަންނަވައެވެ. މި ނަމާދު ޝަރްޢު ކުރައްވައިފައިވަނީ ރަސޫލުﷲގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައެވެ. މިކަމުގެ ދަލީލަކީ، ޢާއިޝަތުގެފާނު އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީސެވެ. އެކަމަނާ ވިދާޅުވިއެވެ. (( ރަސޫލުﷲގެފާނު ރޭގަނޑެއްގެ ދަންވަރުގައި މިސްކިތަށް ނުކުމެވަޑައިގެން ނަމާދުކުރެއްވިއެވެ. އަދި މީސްތަކުން ވެސް ރަސޫލާ ނަމާދުފުޅު ކުރެއްވިގޮތަށް ނަމާދުކުރިއެވެ. ފަހެ، ހެނދުންވުމުން މިވާހަކަ އެބައިމީހުން ދެއްކިއެވެ. އަނެއްރޭ ނަމާދުކުރި މީހުންގެ ޢަދަދު މާ ގިނަވިއެވެ. ފަހެ، ހެނދުންވުމުން މިވާހަކަ ދެއްކިއެވެ. ދެން އަނެއްރޭ ނަމާދު ކުރިމީހުން މާ އިތުރުވެގެން ދިޔައެވެ. ހަތަރުވަނަރޭ މީހުން ގިނަވެގެންގޮސް މިސްކިތް ކުޑަވެގެން ދިޔައެވެ. އެކަމަކު ރަސޫލުﷲގެފާނު އެރޭ ނުކުމެވަޑައިގަތީ ފަތިސްވުމުން ފަތިސްނަމާދަށެވެ. ފަތިސް ނަމާދު ކުރައްވާފައި މީސްތަކުންނާ ކުރިމަތިލައްވައި ޙަދީސް ކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ އަރިހުގައި ތިޔަބައިމީހުންގެ މަޤާމު އޮޅިވަޑައެއް ނުގަންނަވައެވެ. އެކަމަކު އެ ނަމާދު ތިޔަބައިމީހުންގެ މައްޗަށް ފަރްޟުކުރައްވައިފާނޭތީ ބިރުފުޅުގަތީއެވެ. ތިޔަބައިމީހުން އެކަމަށް ކުޅަދާނަ ވެގެންވާ ބަޔަކު ކަމުގައި ނުވެދާނެތީއެވެ. )) ބުޚާރީގައި އައިސްފައިވެއެވެ. (( ރަސޫލުﷲގެފާނު ސުވަރުގެ ވަޑައިގަތްއިރު އެކަން އޮތީ އެގޮތުގެ މަތީގައެވެ. )) ޤަލްޔޫބީ ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު މި ނަމާދު ދެވަނަ ފަހަރަކަށް ނުކުރައްވައެވެ. އެކަމާމެދު ޞަޙާބީން ސުވާލު ކުރައްވާފައި ނުވަނީ މިހެންވެގެންނެވެ.[2] ރަސޫލުﷲގެފާނު ޖަމާޢަތުގައި މި ނަމާދު ކުރައްވާފައިވާތީ އެއީ ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވާ ނަމާދެއް ކަން އެނގެއެވެ.

އެކަލޭގެފާނުގެ ފަހުން ޢުމަރުގެފާނު ހިޖްރައިން ސާދަވަނަ އަހަރު، އެ ނަމާދު ޖަމާޢަތުގައި ކުރައްވަން ފެށްޓެވިއެވެ. އެއީ އެކަލޭގެފާނުގެ ޚިލާފަތުގެ ދެވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.[3] ޢުމަރުގެފާނު މީސްތަކުން އެއްކުރައްވައި އެއް އިމާމެއްގެ ފަހަތުގައި އެނަމާދު ކުރާގޮތަށް ހަމަޖެއްސެވިއެވެ. ޢަބްދުއްރަޙްމާނު އިބުނު ޢަބްދުލްޤާރީގެ އަރިހުން، ބުޚާރީ ރިވާ ކުރެއްވިއެވެ. (( ރަމަޟާންމަހުގެ ރެއެއްގައި އަހުރެން ޢުމަރުގެފާނުގެ އަރިހުގައި މިސްކިތަށް ދިޔައިމެވެ. އޭރު މީސްތަކުން ބައިބަޔަށް ނަމާދުކުރަމުން ދިޔައެވެ. އަދި ބައެއްމީހުން އެކަހެރިކޮށް ވެސް ނަމާދުކުރަމުން ދިޔައެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. މި އެންމެން އެކެއްގެ އިމާމަތުގެ ދަށުގައި ނަމާދުކުރުން މާރަނގަޅު ވާނެކަމަށް ފެނިވަޑައިގަންނަވައެވެ. މިކަން މިގޮތަށް ކުރައްވަން ނިންމަވައި އުބައްޔު ބުނު ކަޢުބު އިމާމަކަށް ލައްވައި އަނެއްރޭ ނަމާދު ކުރާގޮތަށް ހަމަޖެއްސެވިއެވެ. ދެން އެހެން ރެއަކު އަހުރެން ޢުމަރުގެފާނު އަރިހުގައި މިސްކިތަށް ދިޔައިމެވެ. މީސްތަކުން ޖަމާޢަތުގައި އެއް އިމާމެއްގެ ފަހަތުގައި ނަމާދު ކުރަމުންދާތަން ފެނިވަޑައިގެން ޢުމަރުގެފާނު ވިދާޅުވިއެވެ. މިއީ ހާދަ ރަނގަޅު ބިދްޢައެކެވެ.)) [4]

އަލްކަމާލު ބުނުލްހުމާމު ވިދާޅުވިއެވެ. އަބޫ ޔޫސުފުގެ އަރިހުން އަސަދު ބުނު ޢަމްރު ރިވާކުރެއްވިއެވެ. އަހުރެން ތަރާވީޙާ ބެހޭގޮތުން އަބޫޙަނީފާއާ ސުވާލުކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. ޢުމަރުގެފާނު އެގޮތަށް އެކަންތައް ކުރެއްވީ އަމިއްލަފުޅަކަށް ނޫނެވެ. އެއީ އެކަލޭގެފާނު އަލަށް ފެށްޓެވި ކަމެއް ނޫނެވެ. އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވާނީ ރަސޫލުﷲގެފާނު އަރިހުން އެނގިވަޑައިގެންފައިވާ އަޞްލެއްގެ މައްޗަށެވެ. މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އެއްވެސް ބޭކަލަކު ޢުމަރުގެފާނުގެ މި ޢަމަލުފުޅާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތެވެ. އެބޭކަލުން ޢުމަރުގެފާނަށް ތާއީދުކުރައްވާ އެކަމުގައި އެކަލޭގެފާނަށް އެއްބާރު ލެއްވުންވެސް ދެއްވާފައިވެއެވެ.))[5]

އެންމެ ރަގަނޅުގޮތަކީ އިމާމާއާއެކު ތަރާވީޙު ނަމާދު ކުރިމީހާ އިމާމާއާއެކު ވިތުރިވެސް ކުރުމެވެ.އެފަދަ މީހާއަށް މުޅި ރޭ އަޅުކަންކުރިކަމުގެ ސަވާބުދެއްވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ތަރާވީޙުގެ އިތުރަށް ޤިޔާމު ކުރަން އެދޭ މީހާ އިމާމާއާއެކު ވިތުރިކުރާއިރު އިމާމާ ވިތުރީގެ ފަހު ރަކްޢާތް ކޮށް ސަލާންދިނީމާ އޭނާ ސަލާންނުދީ ތެދުވެ އިތުރު ރަކްޢަތެއްކޮށް ކޭލި ހަމަކުރާނީއެވެ. އެއަށްފަހު ރޭގަނޑުގެ ފަހުބައިގައި ޤިޔާމުކުރުމަށް ފަހު ވިތުރީގެ އެއް ރަކްޢަތް ކޭލި ހަމަނުކޮށް ( ވިތުރި ކޮށް) ކުރާނީއެވެ. އެއް ރެއެއްގައި ދެ ވިތުރި ނޯންނާނެކަމަށް ކައު ރަސޫލާ صلى الله عليه وسلم ޙަދިސްކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((لَا وِتْرَانِ فِي لَيْلَةٍ[6] - އެއްރެއެއްގައި ދެ ވިތުރިއެއް ނުވެއެވެ. ))

ރިފަރެންސް:


[1] - رواه البخاري رقم 36
[2]- حاشية القليوبى وعميرة : 1 / 217
[3]- މިކަމާ އެއްވެސް ޞަޙާބީއަކު ދެކޮޅު ހައްދަވާފައި ނުވާތީ އެއީ އިޖްމާޢެކެވެ.
[4]- صحيح البخارى ك رقم 1905 ، مسلم : رقم 759
[5]- شرح فتح القدير : 1/ 333 ، المنتقى : 1/ 207
[6] - أخرجه أبو داود (١٤٣٩)، والنسائي (١٦٧٩) والترمذي (٤٧٠ )

ގުޅޭ ޓެގު
comment ކޮމެންޓް