މިދިޔަ އެމްޑީޕީ ވެރިކަން ނިމުނުއިރު މާލޭގެ ތަރައްގީއަށް ކުރިކަމެއް ނެތް: ރައީސް

ރައީސް ކެމްޕޭން ހަރަކާތުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ވެރިރަށް ކަމަށްވާ، މާލޭގެ ތަރައްގީއަށް ކުރެވިފައިވާ އެއްވެސް މަސައްކަތެއް ނެތް ކަމަށާއި، އެއީ މާލޭގެ ރައްޔިތުން އެ ވެރިކަމާ ދެކޮޅުވީ ސަބަބުކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންސީ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން

"އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ވަނީ އެ ކަން ބަދަލުކޮށްފައި. އަޅުގަނޑު ދެއްކި ވާހަކައަށް ރައްޔިތުން އިތުބާރު ކުރެއްވެވީ. އެއީ މިހާރު އޮތް މަޖިލީހުގެ މެޖޯރިޓީ އޮވެ އަދި އެ ބޭފުޅުންނަށް ސަރުކާރު އޮވެ، ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވީމާ މާލޭގެ ރައްޔިތުންނަށް އެންމެ މުހިންމު މައްސަލައިގައި [ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭތޯ] އުޅުނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އެމްޑީޕީންވީ ވައުދަކީ ބޯހިޔާވަހިކަމަށް ގޯތި ދިނުމުގެ ވައުދު ކަމަށެވެ. އެއީ އެ ސަރުކާރު ހޮވި އެއް ސަބަބު ކަމަށް ވިދާޅުވިއެވެ.

ރައީސް ކެމްޕޭން ހަރަކާތުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ނަމަވެސް އެއް ކަމެއް ވެސް ނުވެ އޮއްވައި، މަޖިލިސް މެޖޯރިޓީ ދީގެން ވެސް އެ ކަމަށް އިސްކަން ނުދީ ދޫކޮށްލީ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެ ސަރުކާރަށް މާލޭ ރައްޔިތުންގެ އިތުބާރު ނެތުމުން ރައީސް ޑރ. މުއިއްޒު މޭޔަރުކަމަށް އިންތިޚާބުކުރީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ އެއްބާރުލުން ކައުންސިލަށް ދިނުމަށް އެދިވަޑައިގަތުމުން ވެސް ސަރުކާރުން އެ ކަން ނުކުރީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ ގުޅިފަޅުގައި ޕޯޓެއް އަޅައިގެންނެއް އެ ގެއްލޭ ބިން ގެއްލުވައިލުމުގެ ބަދަލުގައި އެ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްދޭށޭ. ތިލަފުއްޓަށް ބަދަލުކުރީމާ ގުޅިފަޅުން ވަރަށް ބޮޑު ޖާގައެއް އެބަ ލިބެޔޭ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން. އެ ކަމު ވިދާޅުވީ އެ ކަން ކުރެއްވޭކަށް ނެތޭ. އޭ ހަމަ ވިދާޅުވި ގޮތް. ތިލަފުއްޓަކީ ކުރިއަށް އޮތް 50 އަހަރު ދުވަހަށް މާލެއިން ނަގާ ކުނި ވަޅުލަން ފަޅެއް ގޮތުގައި ކުނި ވަޅުލައިގެން ހިއްކަން ބާއްވަން ޖެހޭ ތަނެކޭ،" ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެންނެވި ވާހަކައަކީ އެއީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

ނަމަވެސް ފަހުން ދެން އިވުނީ ތިލަފުށީ ހިއްކަން މަޝްރޫއު އިއުލާނުކުރި ޚަބަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން އިސްކަން ނުދިން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް އިސްކަންދީގެން ބޯހިޔާވަހިކަމާއި، ޕާކިން މައްސަލަ ހައްލުކުރުމާއި، މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އަދި އެ ކަންކަމުގައި މާލޭ ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގަތެވެ.

comment ކޮމެންޓް