ރޯދަ ނުހިފުން ހުއްދަކުރާ ބައެއް ޢުޛްރުތައް

އުމުރުން ދުވަސްވީ މީހެއްގެ ގައިން ލޭ ނަގަނީ -- ފޮޓޯ/ އައިޖީއެމްއެޗް

ރަމަޟާންމަހުގައި ރޯދަހިފުން ދޫކޮށްލެވިދާނެ ޢުޒްރުތަކެއް ވެއެވެ.

1- ދަތުރު: މާތްﷲ ވަޙީކުރެއްވިއެވެ. (( فَمَن كَانَ مِنكُم مَّرِ‌يضًا أَوْ عَلَىٰ سَفَرٍ‌ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ[1]- ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭމީހާ ނުވަތަ ދަތުރެއް މަތީގައިވާމީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.)) ޖުމްހޫރުން ވިދާޅުވާގޮތުގައި ރޯދަހިފުން ދޫކޮށްލުން ހުއްދަވާނީ ނަމާދު ޤަޞްރުކުރުން ހުއްދަވާ ދިގު ދަތުރުމަތީގައެވެ. އެއީ ގާތްގަނޑަކަށް 81 ކީލޯމީޓަރުގެ ދިގު ދަތުރެވެ. އެރޭ ފަތިސްވުމުގެ ކުރިން މި ދަތުރުފަށައިގެން ރަށުގެ ސަރަޙައްދުން ބޭރަށް ނުކުންނަން ޖެހޭނެއެވެ.

ރޯދައަށްހުރެ ފަތިސްވުމަށްފަހު ފަށާ ދަތުރުގައި އެދުވަހުގެ ރޯދަދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. އެކަމަކު ޙަންބަލީންގެ ރައުޔުގައި ދުވާލު ދަތުރަށް ފެށިކަމުގައިވިޔަސް އެ ރޯދަދޫކޮށްލުން ހުއްދަވެގެން ވެއެވެ. މިމަޛްހަބު ބުނާގޮތުގައި ރަސޫލުﷲގެފާނު މައްކާ ފަތަޙަ ކުރައްވަން ކުރެއްވި ދަތުރުފުޅުގައި ކުރާޢުލްޣަމީމު[2] ނަމަކަށްކިޔާ ހިސާބަށް ވަޑައިގަންނަވަންދެން ރޯދަފުޅު ހިއްޕެވިއެވެ. ނަމަވެސް މީސްތަކުންނަށް ރޯދަހިފުން ބުރަކަމަކަށް ވެގެން އުޅޭތަން ފެނިވަޑައިގަތުމުން ރޯދަފުޅު ވީއްލެވިއެވެ. ޖުމްހޫރުން ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު ރޯދަފުޅު ދޫކޮށްލެއްވީ އެކަން ބުރަކަމަކަށް ވެގެންނެވެ.

ޝާފިޢީން ވިދާޅުވާގޮތުގައި އެމީހެއްގެ މަސައްކަތަކީ ދަތުރުކުރުން ކަމުގައިވާ މީހާއަށް (މިސާލަކަށް ބޯޓު ދަތުރުކުރާ މީހާއަށް، ނުވަތަ ޓެކްސީކުރާމީހާއަށް) ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ.

ޖުމްހޫރުން ވިދާޅޫވާގޮތުގައި އެކުރާ ދަތުރުގައި ދާތަނަކަށްގޮސް 4ދުވަހަށްވުރެ ދިގުމުއްދަތަކަށް އެތަނުގައި ޤާއިމުވުމަށް ނިޔަތްގަނެގެން ދަތުރުކުރާ މީހާއަށް ރޯދަހިފުން ދޫކޮށެއް ނުލެވޭނެއެވެ.

މާލިކީން ވިދާޅުވާގޮތުގައި ދަތުރަށް ފަށާދުވަހު ފަތިސްވުމުގެ ކުރިން ރޯދައަށް ނުހުރުމަށް ނިޔަތް ގަންނަން ޖެހޭނެއެވެ.

ޙަނަފީންނާއި މާލިކީންނާއި ޝާފިޢީން ވިދާޅުވާގޮތުގައި ދަތުރުވެރިއާއަށް ގެއްލުމެއް ނުލިބޭނެނަމަ ބޮޑަށް ރަނގަޅީ ރޯދަ ހިފުމެވެ. ގެއްލުމެއްލިބޭނެނަމަ ރަނގަޅީ ރޯދަ ދޫކޮށްލުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( وَأَن تَصُومُوا خَيْرٌ‌ لَّكُمْ[3]- އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ.)) އެހެނަސް ޙަންބަލީން ވިދާޅުވާގޮތުގައި ދަތުރުވެރިއާއަށް ސުންނަތްވެގެން ވަނީ ރޯދަ ނުހިފުމެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. (( لَيْسَ مِنَ الْبِرِّ الصَّوْمُ فِي السَّفَرِ[4]- ދަތުރުމަތީގައި ރޯދަހިފުމަކީ ރަނގަޅު ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫނެވެ.))

2- ބަލިމަޑުކަން: ރޯދަ ހިފުން ދޫކޮށްލުން ހުއްދަވާ ބަލިމަޑުކަމަކީ އެބަލީގެ ސަބަބުން ރޯދަހިފުން ބޮޑުބުރައަކަށްވާ ބަލިތަކާއި، ރޯދަހިފުމުގެ ސަބަބުން އެބަލި ބޮޑުވެދާނެ ބަލިތަކާއި، ރޯދަހިފުމުގެ ސަބަބުން ބަލި ފަސޭހަވުން ލަސްވެދާނެ ބަލިތަކާއި، ރޯދަހިފުމުގެ ސަބަބުން އެމީހާ ހަލާކުވެދާނެ ބަލިތަކެވެ. ޙަނަފީން ވިދާޅުވާގޮތުގައި ރޯދަހިފުމުގެ ސަބަބުން ބަލިވެދާނެކަމަށް ހީވާ މީހުންނަށްވެސް ރޯދަހިފުން ދޫކޮށްލެވިދާނެއެވެ. ބަލިމީހާ ހިފާ ރޯދަ ޞައްޙަވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ޙަނަފީންނާއި ޝާފިޢީން ވިދާޅުވާ ގޮތުގައި ބަލިމީހާއަށް ރޯދަހިފުން ދޫކޮށްލުމަކީ ހުއްދަކަމެކެވެ. އެކަމަކު ޙަންބަލީން ވިދާޅުވާ ގޮތުގައި ސުންނަތްވެގެންވަނީ ބަލިމީހާ ރޯދަ ނުހިފުމެވެ. މާލިކީން ވިދާޅުވާ ގޮތުގައި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ ބަލިމީހާއާއި، ރޯދަހިފުމުގެ ސަބަބުން ހަލާކު ވެދާނެކަމުގެ ބިރުއޮތް ބަލިމީހާގެ މައްޗަށް ރޯދަނުހިފުން ވާޖިބުވާނެއެވެ.

3- މާބަނޑު މީހާއާއި ކިރުމައިމީހާ: މާބަނޑު މީހާއަށާއި ކިރުމައިމީހާއަށް، ރޯދަހިފުމުގެ ސަބަބުން އޭނާގެ ނަފްސަށް ނުވަތަ އޭނާގެ ދަރިއަށް ނުވަތަ އޭނާގެ ނަފްސަށާއި ދަރިއަށް ގެއްލުމެއް ލިބޭނަމަ ރޯދަހިފުން ދޫކޮށްލުން ހުއްދަވާނެއެވެ. މިކަމާބެހޭ ތަފްޞީލު ފިދްޔަބެހޭ ބައިގައިވާނީ ބަޔާންކޮށްފައެވެ.

4- ރޯދަހިފުމަށް ނުކުޅެދުންތެރިވެފައިވާ މުސްކުޅިން: މިފަދަ މީހުންނަށް ރޯދަހިފާކަށް ނުޖެހޭނެއެވެ. އެމީހުންނަށް ޖެހޭނީ ފިދްޔަދޭށެވެ. މާތްﷲ ވަޙީކުރެއްވިއެވެ.(( وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ[5] އިބްނު ޢައްބާސް ވިދާޅުވާގޮތުގައި މިއާޔަތުގައިވާ ޙުކުން މަންސޫޚެއް ނުކުރައްވައެވެ. އެއީ ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނާ ބެހޭގޮތުން އޮތް ޙުކްމެކެވެ. އިބްނު ޢައްބާސް ވިދާޅުވާގޮތުގައި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މުސްކުޅިންނަށް ރޯދަނުހިފުމުގެ ލުއިކަންވަނީ ދެއްވައިފައެވެ. އެމީހުންނަށް އަންގަވާފައިވަނީ ފިދްޔަ ދިނުމަށެވެ.[6] މާލިކުގެފާނު ވިދާޅުވާ ގޮތުގައި ފިދްޔަ ދިނުމަކީ މުސްތަޙައްބު ކަމެކެވެ. ފަސޭހަ ނުވާނެކަމަށް ބެލެވޭބަލިތަކުން ބައްޔެއް ޖެހިފައިވާ މީހުންނަކީ މިގިންތީގައި ހިމެނޭބަޔެކެވެ. ރަމަޟާންމަހުގައި ރޯދަހިފުމަށް ނުކުޅެދުންތެރި ވުމަށްފަހު، އެހެންމަހެއްގައި ރޯދަހިފުމުގެ ކުޅަދާނަކަން ލިބުނުމީހާއަށް ޖެހޭނީ ރޯދަތައް ޤަޟާކުރާށެވެ. އޭނާގެ މައްޗަށް ފިދްޔަ ދިނުމެއް ނެތެވެ.

5- ރޯދައަށް ހުރުމުގެ ސަބަބުން މާބޮޑަށް ބަނޑުހައިވުން ނުވަތަ ކަރުހިއްކުން: ރޯދަހިފުމުގެ ސަބަބުން މާބޮޑަށް ބަނޑުހައިވެ ހަކަތަ ހުސްވެ ހަށިގަނޑަށް ގެއްލުންލިބޭނަމަ، ނުވަތަ ކަރުހިއްކުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންލިބޭ ހިސާބަށް ހިގައްޖެނަމަ، އޭނާގެ މައްޗަށް ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. މާތްﷲވަޙީކުރެއްވިއެވެ. (( وَلاَ تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ [7]- އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ.))

6- ބުރަ މަސައްކަތްކުރަން ޖެހިފައިވާ މީހުން: އަބޫބަކްރުލް އާޖިރީ[8] ވިދާޅުވާގޮތުގައި ދިރިއުޅުމަށްޓަކައި ބުރަމަސައްކަތެއް ކުރަން ޖެހިފައިވާ މީހާ (މިސާލަކަށް: ފާރޮށި އުނދުނެއް ކައިރީގައި މަސައްކަތް ކުރަންޖެހިފައިވާމީހާ، ނުވަތަ ކަބުރުވެރިއާ، ނުވަތަ ބޯޓުދެލި ވަޅެއްގައި މަސައްކަތްކުރާމީހާ) އެމަސައްކަތުގެ ސަބަބުން އޭނާއަށް ކެތްކުރަން ދަތި ބުރަތަކެއް އުފުއްލަންޖެހިފައިވާނަމަ ރޯދަދޫކޮށްލުން ހުއްދަވާނެއެވެ. ޖުމްހޫރުން ވިދާޅުވާގޮތުގައި ކޮންމެ ރެއަކުވެސް ހާރުކައިގެން ރޯދައަށް ހުރުމަށް ނިޔަތްގަނެގެން ރޯދަހިފޭތޯ ބަލަންވާނެއެވެ. އޭނާ ރޯދައަށް ހުއްޓާ ކެތްނުކުރެވޭ ވަރަށް ކަރުހިއްކައިގަންފިނަމަ، ނުވަތަ ބަނޑުހައި ވެއްޖެނަމަ ރޯދަ ދޫކޮށްލާނީއެވެ. އޭނާގެ މައްޗަށް އޮތީ މިރޯދަ ފަހުން ޤަޟާ ކުރުމެވެ.[9]

7- ޣަރަޤުވަމުންދާ މީހަކު ނުވަތަ އެފަދަ މީހަކު ސަލާމަތްކުރުން: ޙަންބަލީން ވިދާޅޫވާގޮތުގައި ޣަރަޤުވަމުންދާ މީހަކު ސަލާމަތް ކުރުމަށްޓަކައި ރޯދަދޫކޮށްލަން ޖެހިއްޖެނަމަ، ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. އެފަދަ މީހާއަށް ފިދްޔަދޭކަށް ނުޖެހޭނެއެވެ.[10] ރޯދަ ދޫކޮށްނުލައި އެކަން ކުރެވެން އޮތްނަމަ ރޯދަދޫކޮށްލައިގެން ނުވާނެއެވެ. ޣަރަޤުވެގެން އުޅޭމީހާ ސަލާމަތްކުރުމުގެ ތެރޭގައި ކަރުތެރެއަށް ލޮނުއެޅުނުސް ރޯދައެއް ނުގެއްލޭނެއެވެ.

ރޯދަ ދޫކޮށްލުމަށްފަހު އިމްސާކުގައި ހުރުން

1- ހަނަފީން ވިދާޅުވާ ގޮތުގައި[11] ޢުޛްރަކާލައިގެން ރޯދަ ފާސިދުވި މީހާއަށާއި ފަތިސްވި ފަހުން ޙައިޟު ނިފާސްކަމުގެ ލޭކެޑުނު މީހާއަށާއި ބަލިފަސޭހަވި މީހާއަށާއި ޤާއިމުވި ދަތުރުވެރިއާއަށާއި ބާލިޣުވި ކުޑަ ކުއްޖާއަށާއި އިސްލާމްވި ކާފަރުމީހާއަށް އެ ދުވަހުން ބާކީއޮތްބައިގައި އިމްސާކުވެ ހުރުން ވާޖިބުވާނެއެވެ. ބާލިޣުވި ކުޑަކުއްޖާއާއި އިސްލާމްވި މީހާ ފިޔަވައި އެހެންމީހުން އެދުވަހުގެ ރޯދަ ޤަޟާވެސް ކުރަން ޖެހޭނެއެވެ.

2- މާލިކީން ވިދާޅުވާ ގޮތުގައި[12] ގަސްތުގައި ނުވަތަ މަޖްބޫރުވެގެން ނުވަތަ ހަނދާންނެތިގެން ރަމަޟާންމަހުގެ ރޯދައެއް ނުވަތަ ނަދުރު ރޯދައެއް ނުވަތަ ވާޖިބު ރޯދައެއް ހިފަމުންދާއިރު، އެރޯދަ ދޫކޮށްލައިފިނަމަ އެދުވަހުން ބާކީ އޮތްބައިގައި އިމްސާކަށް ހުރުން ވާޖިބުވާނެއެވެ. އެކަމަކު ޢުޛްރަކާ ލައިގެން ރޯދަދޫކޮށްލި މީހާއަށް އިމްސާކުގައި ހުރުން ލާޒިމުވެގެން ނުވެއެވެ.

3- ޝާފިޢީން ވިދާޅުވާ ގޮތުގައި[13] ކެއުންފަދަ ކަމަކުން ރޯދަ ނަގައިލި މީހާއަށާއި ނިޔަތްގަންނަން ހަނދާންނެތުނު މީހާއަށް، އެ ދުވަހުން ބާކީ އޮތްބައިގައި އިމްސާކުގައި ހުރުން ވާޖިބުވާނެއެވެ. އެކަމަކު ޢުޛްރަކާލައިގެން ރޯދަނުހިފާމީހާގެ ޢުޛްރުފިލައިގެން ދިޔުމުން އެދުވަހުން ބާކީއޮތްބައިގައި އިމްސާކުގައި ހުންނާކަށް ނުޖެހޭނެއެވެ.

4- ޙަންބަލީން ވިދާޅުވާ ގޮތުގައި[14] ޢުޛްރަކާނުލައި ރޯދަދޫކޮށްލި މީހާއަށް އެދުވަހުގެ ބާކީއޮތްބައިގައި އިމްސާކަށް ހުރުން ލާޒިމު ވާނެއެވެ. މިމަޛްހަބުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ޢުޛްރަކާލައިގެން ރޯދަދޫކޮށްލި މީހާއަށްވެސް އިމްސާކަށް ހުރުމަކީ ލާޒިމުވެގެންވާ ކަމެކެވެ.

ރިފަރެންސް:

[1]- البقرة: ١٨٤
[2]- ކުރާޢުލް ޣަމީމަކީ ވާދީއެކެވެ. އެއީ މަދީނާގެ އުސްފަރާތުގެ ބިމެކެވެ.
[3]- البقرة: ١٨٤
[4]- رواه البيهقى والطبرانى والترمذى والنسائى وابن خزيمة والبخارى ومسلم وأحمد وابن حبان وأبو داود وأبو يعلى
[5]- البقرة: ١٨٤
[6]- رواه البيهقى والطبرانى والدار قطنى والحاكم
[7] - البقرة : 195
[8]- كشاف القناع : 2/ 361 ، غاية المنتهى : 1 / 323
[9]- الفقه الإسلامى وأدلته : 2 ، 1702
[10]- غاية المنتهى : 1 / 324
[11]- مراقى الفلاح : ص 114 ، البدائع : 2 / 102
[12]- حاشية الدسوقى ك 1/ 514 ، حاشية الصاوى : 1/ 705
[13]- مغنى المحتاج : 1/ 438
[14]- المغنى : 3 / 134

comment ކޮމެންޓް