ޕްރައިމަރީގައި ވާދަނުކުރަން އަންގައި ސިޓީތައް ފޮނުވިކަން ރައީސަށް އެނގިވަޑައިގަންނަވާނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންސީގެ އޮފީހުން ނުކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީގައި ވާދަނުކުރަން އަންގައި ބައެއް ކެންޑިޑޭޓުންނަށް އެ ޕާޓީގެ ފަރާތުން ސިޓީތައް ފޮނުވިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީންގެ ތާއިދާއެެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާއެއްގައި ޔާމީން ފާހަގަކުރެއްވީ، ރައީސް ޕީއެންސީގެ ކެމްޕެއިނަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް މަގުމަތިން އަންހެނަކު ފާޅުކުރި ކަންބޮޑުވުންތަކެވެ.

މިދިޔަ ހޮނިހިރު ދުވަހު މެދު ހެންވޭރު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް ހަސަން ނާސިހުގެ ކެމްޕެއިންގައި ރައީސް ހެންވޭރުގެ ބައެއް ގޭގެއަށް ވަޑައިގަންނަވަނިކޮށް މަގުމަތިން އެމަނިކުފާން ހުއްޓުވި އަންހެނަކު ވަނީ ނާސިހަކީ މިފަހަކާ ޖެހެންދެން އެމްޑީޕީގެ މެންބަރެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން މަސައްކަތް ކުރި ހަސަން ޝިޔާމު ރައީސަށް ގިނަ ވޯޓުތަކެއް ހޯދައި ދިން ކަމަށާއި ނަމަވެސް އޭނާ ޕްރައިމަރީން ވަކިކުރަން ރައީސް ސިޓީއެއް ފޮނުއްވި ކަމަށް އެ މީހާ ތުހުމަތުކުރިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެ މަނިކުފާނަށް ނިސްބަތްކޮށްފައި ވަނީ ހުސް ދޮގު ކަމަށެވެ.

އެ ވާހަކަފުޅާ ގުޅުވައި ރޭ ޔާމީން ވިދާޅުވީ ޕީއެންސީން މަޖިލީހަށް ވާދަކުރަން އުޅުނު އެތައް ބަޔަކަށް އެފަދަ ސިޓީތައް ލިބުނު ކަމަށެވެ.

"އެ ސިޓީ ލިބުނު މީހުންގެ ތެރެއިން އެކަކު ހަސަން އެއީ އެކަމަކު ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ރޯދަޔަށޭ އެ މަނިކުފާނު ހުންނެވީ ވިދާޅުވެގެން ހުންނަވައިގެން މި ވިދާޅުވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އަދި އެ ސިޓީ ނުކުތް ކަމަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް މި ހައްދަވަނީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީން މަޖިލީހަށް ކުރިމަތިލާން ހުޅުވާލިއިރު އެންމެ ފުރަތަމަ ހިމަނާފައި އޮތް ޝަރުތަކީ ޕާޓީގައި ވަކި މުއްދަތެއްގައި ހުރުން ކަމަށްވާއިރު ދާދި ފަހުން އެމްޑީޕީން ޕީއެންސީއާ ގުޅުނު ކަމަށް ބެލެވޭ މީހަކަށް ކެންޑިޑެސީ ދިނުމާމެދު އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"އެހެންވީމަ ކޮންތާކަށްތޯ މިދިޔައީ. އަޅުގަނޑުމެން އަބަދުވެސް، މި ދެންނެވީ ޕީޕީއެމަކީ ފިކުރެކޭ އެކަމު ފިސާރި ވަރުގަދަ އުސޫލުތަކެއް ގެންގުޅު ތަނެކޭ. ފިކުރަކަށް މިހާރު ނުވިއޭ! އުސޫލުތަކެއް ނުގެންގުޅެވެޔޭ! އަޅުގަނޑު މިދަންނަވަނީ މިކަހަލަ ކަންތައްތައް ހުރީމަ ދަލީލާއެކީ މި ދައްކަނީ،" ޔާމީން ވިދާޅުވިއެވެ.

ޕީއެންސީން މަޖިލީހަށް ވާދަކުރަން މަސައްކަތް ކުރި ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލަ ހޫނުވިއެވެ.

އެ މައްސަލަ ބޮޑުވުމުން، ފޯމު ހުށަހެޅުއްވި ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެއްވޭނެކަން ރައީސް އިއުލާނުކުރެއްވިއެވެ.

އެ ޕްރައިމަރީ ކުރިއަށްދިޔައިރު ވެސް ހަމަނުޖެހުންތައް ހިނގިއިރު، ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުންގެ ބަދަލުގައި ބައެއް މިނިވަން ކެންޑިޑޭޓުންނަށް ރައީސް ތާއިދުކުރައްވާ ކަމަށް ބުނެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް