سورة القدرގެ ތަފްސީރަށް ކުރުކޮށް ބަލައިލުން

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޤަދްރި ސޫރަތަށް (سورة القدر) މި ނަންދެވިފައިވަނީ މި ސޫރަތުގައި ލައިލަތުލްޤަދްރި ވިލޭރޭގެ ވާހަކައާއި ސިފަތައް އައިސްފައިވާތީއެވެ. މި ސޫރަތުގެ މުޅި ވަށަލައަކީ އެ ރޭކަމުގައި ވާތީއެވެ. ތަފްސީރު ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މަދީނާގައި އެންމެ ފުރަތަމަ ބާވައިލެއްވުނު ސޫރަތަކީ މި ސޫރަތެވެ. މި ސޫރަތް ބާވައިލެއްވުނީ މަދީނާއަށް ހިޖްރަކުރެއްވުމަށް ފަހު ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރެއްވުމާ އެކުގައެވެ. އެ ރޭ އިޙްޔާކޮށް ދިރުވުމަށް ޝައުޤުވެރިކުރެއްވުމަށް ޓަކައެވެ.

މުޞްޙަފުގެ ތަރްތީބަށް ބަލާއިރު މި ސޫރަތުގެ ކުރީގައި އޮތީ سورة العلق އެވެ. މި ސޫރަތް ފެށިފައިވަނީ (اقْرَأْ بِاسْمِ رَبّكَ[1] -ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!) މި ބަސްފުޅުންނެވެ. މުފައްސިރުން ވިދާޅުވިއެވެ. މާތް ﷲ ވަޙީކުރެއްވި ފަދައެެ. ( ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ މި ބާވައިލައްވައި ތިމަންރަސްކަލާނގެ ކަލާންފުޅު ކިޔަވާ ވިދާޅުވާށެވެ. އެއަށްފަހު ދެން އައި ބަސްފުޅަކީ ((إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ[2]-ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ( قرآن ) ބާވައިލެއްވީ ليلة القدر ވިލޭރޭގައެވެ. )) މި ބަސްފުޅުގައިވާ ( އެ ) ރައްދުވަނީ ޤުރްއާނަށެވެ. މާނައަކީ މިއީ ތިމަންރަސްކަލާނގެ ޢަލަޤު ސޫރަތުން ފަށްޓަވައިގެން ބާވައިލައްވާ ޤުރްއާނެވެ.

މި ސޫރަތުގައި ކީރިތި ޤުރްއާނުގެ މާތްކަން ބަޔާންކޮށްދޭ އެތައް އިޝާރާތްތަކެއް ވެއެވެ. އޭގެތެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުން އެކަލާނގެ މަތިވެރި ޒާތުފުޅަށް ނިސްބަތްކުރެއްވުމާއި ޤުރްއާން ބާވައިލެއްވި ރޭ މަލާއިކަތްބޭކަލުން ބިމަށް ފައިބާވަޑައިގަތުމާއި ޤުރްއާން ބާވައިލެއްވި ރޭ މާތް ރެއެއްކަމުގައި ލެއްވުމާއި އެ މުނާސަބަތު ފާހަގަކުރެއްވުމާއި އެ ރޭ އަމާން ރެއެއްކަމުގައި ލެއްވުން ވެއެވެ. ކީރިތި ޤުރްއާން މުޙައްމަދު ނަބީކަލޭގެފާނުންގެ ހިތްޕުޅަށް ބާވައިލެއްވިލެއްވުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާ އަދު ދުވަހަކުވެސް ނުދެކޭނެ މަތިވެރި ހާދިސާއެކެވެ.

މި ރެއަށް ﷲތަޢާލާ ލައިލަތުލް ޤަދްރީގެ ނަންދެއްވީ އެ ރޭގެ ޝަރަފުވެރިކަމާއި ދަރަޖަ މަތިވރިކަން އެންގެވުމަށް ޓަކައެވެ. މި ސޫރަތުގެ ދެވަނަ އާޔަތުގައި އެ ރެއާމެދު ސުވާލުކުރައްވައިފައި ވެއެވެ. (( وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ [3]- އަދި ليلة القدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟)) މި ގޮތަށް ސުވާލުކުރުމަކީ ވެސް އެކަމުގެ ނުވަތަ އެ އެއްޗެއްގެ މުހިއްމުކަން އަންގައިދޭ ކަމެކެވެ.

ދެން އައި އާޔަތުގައި ބަޔާންކޮށްދެއްވައިފައިވަނީ އެރޭގެ މަތިވެރިކަމެވެ. އެ ރޭގެ ދަރަޖަ މަތިވެރިކަމުގެ މިންވަރެވެ. (( لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ[4] - ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. )) މި ބަސްފުޅުން އެނގެނީ މި ރޭގައި ކުރާ ހެޔޮކަންތައްތަކަށް މާތް ﷲ ގުނައިތުރު ސަވާބުދެއްވާނޭ ކަމެވެ. އެއީ މުއުމިނުންނަށް ހެޔޮ ޢަމަލުތައް ކުރުން އިތުރުކުރުމަށް ގޮވައިލާ ބަސްފުޅެކެވެ. މި ރޭގެ ޚުޞޫޞިއްޔަތު ބަޔާންކުރެއްވުމަށްފަހު ދެން އަންގަވަނީ (( تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ[5] - ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ )) އެހެންކަމުން މި ރެއަކީ ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެންވާ ރެއެކެވެ. ﷲގެ އަމުރުފުޅުތަކާއިގެން އެ ބޭކަލުން މި ބިންމަތީގައި ފެތުރިވަޑައިގަންނަވާތީއެވެ. ﷲގެ އަޅުތަކުންނަށް މާތްﷲ އެ އަހަރަށް މިންވަރުކުރައްވައިފައިވާ ކަންތައްތަކާއިގެންނެވެ. މި ސޫރަތް ނިންމަވައިލައްވައިފައި ވަނީ މި ރެއަށް ޚާއްޞަވެގެންވާ މާތް ސިފައެއް ބަޔާންކުރައްވަމުންނެވެ. ((سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ[6]- އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ. ))އެއީ ޞުލްޙަމަސަލަސްކަމާއި ސަލާމަތްތެރިކަން މި ބިމަށް ޢާންމުވެގެންދާނެ ރެއެކެވެ. އެ ރޭ ފަތިސްވަންދެން އޮތީ ހެޔޮކަމާއި އަމާންކަމެވެ. އެ ރޭގެ ކޮންމެ ވަގުތަކީ މި ޚާއްޞަ ސިފަތައް އޮތް ވަގުތެކެވެ. ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަންވީ މި ރޭގެ ވަގުތުކޮޅެއް ގައި މި ސަވާބާއި ހެޔޮކަމާއި އަމާންކަމާއި ރައްކައުތެރިކަން ޙާޞިލްކުރެވޭތޯއެވެ.

މުފައްސިރުން ވިދާޅުވާ ގޮތުގައި الدخان ސޫރަތުގައި އައިސްފައިވާ ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( حم (1)وَالْكِتَابِ الْمُبِينِ (2) إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (4) أَمْرًا مِنْ عِنْدِنَا إِنَّا كُنَّا مُرْسِلِينَ (5) رَحْمَةً مِنْ رَبِّكَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ[7] - ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1) بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. (2) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. (3) އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ. (4) (އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. (5) (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވާ رحمة އެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. )) މި ރެއަކީ ރަމަޟާންމަހުގެ ރެއެއްކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْءَانُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ[8] - رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.))

ކީރިތި ޤުރްއާން ބާވައިލެއްވުނީ 23 އަހަރުގެ ތެރޭގައި ބައިބަޔަށް ވަކިވަކިން ނޫންހެއްޔެވެ؟ އެހެންވީމާ ލައިލަތުލްޤަދްރި ވިލޭރޭ ބާވައިލެއްވުނު ވާހަކައާ މި ވާހަކަ އަރާރުން ނުވޭ ހެއްޔެވެ؟ މި ސުވާލަށް ޢިލްމުވެރިން އެތައް ގޮތަކަށް ޖަވާބުދެއްވައިފައި ވެއެވެ. އެބޭކަލުން ވިދާޅުވާގޮތުގައި

1- ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވީ ލައިލަތުލް ޤަދްރިވިލޭރޭގައެވެ.

2- ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ އެއްފަހަރާ ލައިލަތުލް ޤަދްރިވިލޭރޭގައެވެ. އެއަށްފަހު ރަސޫލާގެ މައްޗަށް ބައިބަޔަށް ޤުރްއާން ބާވައިލެއްވުނީއެވެ.

3- ލައިލަތުލް ޤަދްރިވިލޭރޭ މާތްވީ އެ ރޭގައި ޤުރްއާން ބާވައިލެއްވީތީއެވެ.

4- އެކަލާނގެ ޤުރްއާން ބާވައިލެއްވުމަށް ޓަކައި މާތް ވަގުތެއް އިޚްތިޔާރު ކުރެއްވީއެވެ. ވަގުތުގެ މާތްކަމާއި މަތިވެރިކަމަކީ ﷲ ދެއްވާ ކަމެކެވެ. މާތް ވަގުތެއްގައި ޤުރްއާން ބާވައިލެއްވުމުން ޤުރްއާނުގެ މާތްކަން އެނގެއެވެ.

އަލްޤަދްރި ސޫރަތުން ޢިލްމުވެރިން ޚުލާޞާ ކުރައްވައިފައިވާ އިރްޝާދުތަކެއް ވެއެވެ. އޭގެ ތެރޭގައި

1- ﷲ މާތްކުރައްވައިފައިވާ ދުވަސްތަކަށް އަހައްމިއްޔަތުދިނުމަކީ ދީނުގައި ޝަރްޢުވެގެންވާ ކަމެކެވެ. އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރެއަކީ ޤުރްއާން ބާވައިލެއްވި ޢީދެވެ.

2- ހެޔޮ ޢަމަލުތައް ކުރުމުގައި ހެޔޮ ވަގުތުތަކަށް އިސްކަންދިނުން . މާތްﷲ ވަނީ ލައިލަތުލް ޤަދްރި ވިލޭރޭ ވަންހަނާކުރައްވައިފައެވެ. ﷲ ވަޖްހުފުޅު އަދައިގެން ކުރާ ހެޔޮ ކަމެއް ޤަބޫލު ކުރެއްވުން ވަންހަނާކުރައްވައިފައެވެ. އެއީ ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރުމަށް ޝައުޤުވެރި ކުރެއްވުމަށް ޓަކައެވެ. ހަމައެފަދައިން އެކަލާނގެ ވަނީ އުރެދުންތަކާމެދު އެކަލާނގެ ރުހިވޮޑިނުގަންނަވާ މިންވަރު ވަންހަނާކުރައްވައިފައެވެ. އެއީ ހުރިހާ ނުބައި ޢަމަލުތަކަކާ ދުރުހެލިކުރެއްވުމަށް ޓަކައެވެ. މުއުމިނު އަޅާ ﷲއަށް ކުރާ ދުޢާތައް އިޖާބްކުރައްވާކަން ވަނީ ވަންހަނާކުރައްވައިފައެވެ. އެކަމުގައި އޭނާ އާދޭސް ދެންނެވުން އިތުރުކުރެއްވުމަށް ޓަކައެވެ. އެކަލާނގެ ވަނީ މަރުވާނެ ވަގުތު ވަންހަނާ ކުރައްވައިފައެވެ. އޭނާ ﷲދެކެ ގަންނަ ބިރު އިތުރުކުރެއްވުމަށް ޓަކައެވެ. މިމޭރުމުން މާތް ﷲ ލައިލަތުލް ޤަދްރިވިލޭރޭ ވަންހަނާ ކުރެއްވީ ރަމަޟާންމަހުގެ ހުރިހާ ރޭތަކެއް އިޙްޔާކޮށް ދިރުވުމަށް ހިތްވަރުދެއްވުމަށް ޓަކައެވެ. މި ރެއާ ބެހޭގޮތުން ދަންނަބޭކަލުންގެ ބަސްފުޅުތައް ވަރަށް ގިނައެވެ. އެ ރޭ ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހުގައި ވާނެކަން ކަށަވަރެވެ. ޞައްޙަ ޙަދީސްފުޅުތަކުން އެނގޭގޮތުގައި އެ ރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައެވެ. ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( تَحَرَّوْا لَيْلَةَ القَدْرِ في الوِتْرِ مِنَ العَشْرِ الأواخِرِ مِن رَمَضانَ[9] -ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައި ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ))

3- ހެޔޮ ޢަމަލުތަކުގެ ސަވާބު ވަގުތުގެ ސަބަބުން އިތުރުވެގެންދެއެވެ. ބައެއްފަހަރަށް ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ދެ ގުނައަށް ސަވާބުދެއްވައެވެ. ބައެއް ފަހަރަށް ކޮންމެ ހެޔޮ ޢަމަލަކަށް ދިހަ ސަވާބު ދެއްވައެވެ. ތަނުގެ ސަބަބުންވެސް ސަވާބު އިތުރުވެއެވެ. މައްކާގެ ޙަރަންފުޅުގައި ކުރާ ކޮންމެ ނަމާދަކަށް އެއްލައްކަ ސަވާބު ދެއްވައެވެ. މަދީނާގެ ޙަރަންފުޅުގައި ކުރާ ކޮންމެ ނަމާދަކަށް އެއް ހާސް ސަވާބު ދެއްވައެވެ. އަޤްޞާ މިސްކިތުގައި ކުރާ ކޮންމެ ނަމާދަކަށް 500 ސަވާބު ދެއްވައެވެ.ރަމަޟަން މަސް އެހެން މައްސަރުތަކަށްވުރެ އިތުރުވެގެންވެއެވެ. ޢަރަފާތު ދުވަސް އެހެން ދުވަސްތަކަށްވުރެ މާތްވެގެންވެއެވެ. މި ހުރިހާ ކަންތައްތަކެއްގެ އަޞްލު މަޤްޞަދަކީ ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރުދެއްވުމެވެ.

ރިފަރެންސް:

[1] - العلق:1
[2] - القدر : 1
[3] - القدر : 2
[4] - القدر : 3
[5] - القدر : 4
[6] - القدر : 5
[7] - الدخان : 1-6
[8] - البقرة : 185
[9] - صحيح البخاري (٢٠١٧)

ގުޅޭ ޓެގު
comment ކޮމެންޓް