އިތުރުގަޑީގެ ފައިސާ ނުލިބި، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭތީ ސިއްހީ ޚިދުމަތްތެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާނޫނުގައި އޮންނަ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން މުސާރައިގެ 10 އިންސައްތަ ލިބޭއިރު، އެ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ނުކުރުވޭނެ ކަމަށް އޮންނަ ކަމަށެެވެ.
އެހެން ނަމަވެސް މިހާރު ދައުލަތުން ފަށައިފައިވާ އާ ޕޭ ފްރޭމްވޯކުގެ މި ގަވައިދާ ޚިލާފަށް ސިއްހީ ޚިދުމަތްތެރިން ނެރެ ފައިސާ ނުދީ މަސައްކަތް ކުރުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޔޫނިއަނުން ބުނީ ސިއްހީ ޚިދުމަތްތެރިންނާ އަޅައި ބަލާއިރު، ބަލިމީހުން އިތުރުވުމުން މިހާރުވެސް ޕޭފްރޭމްވޯކުގައި ކަނޑައަޅައިފައިވާ 10 އިންސައްތަ އަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެގޮތަށް މަސައްކަތް ނުކުރުވޭނެ ކަމަށް ޕޭ ފްރޭމްވޯކުގައި އޮތް ނަމަވެސް މިހާރުވެސް އެގޮތަށް މަސައްކަތް ކުރުވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރަށް އެ ޔޫނިއަނުން ބުނީ، އިތުރުގަޑީގެ ފައިސާ ނުދޭނަމަ ދައުލަތުގެ އާ ފްރޭމްވޯކުގައި މިހާރު ކަނޑައަޅައިފައިވާ 10 އިންސައްތައަށް ވުރެ އިތުރަށް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.
އަދި ރާއްޖެއިން ވަނީ އައިއެލްއޯގެ އަސާސީ އަށް މުއާހަދާއެއްގައި ސޮއި ކޮށްފައި ކަމަށާއި، އޭގެ ތެރޭގައި 'ފޯސްޑް ލޭބާ' ނައްތާލުމުގެ ކޮންވެންޝަން ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެހެން ކަމުން އެގޮތަށް ސިއްހީ މުވައްޒަފުން ލައްވާ މަސައްކަތް ނުކުރުވޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމަޖެއްސެވުމާ ގުޅިގެން އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ވަނީ ނިންމަވައިފައެވެ.