އިސްލާމީ ތާރީޚުގައި ފަޚްރުވެރި ދުވަސްތަކެއްވެއެވެ. މަތިވެރި ޒިކުރާތަކެއް ވެއެވެ. ފާހަގަކުރަން ޖެހޭ މުނާސަބަތުތަކެއް ވެއެވެ. ޢިބްރަތްތައް ޙާޞިލު ކުރުމަށް ޓަކައެވެ. އުނގެނި އުގަންނާދިނުމަށް ޓަކައެވެ. އެއިން ހަކަތަ ހޯދައިގެން ކުރިއަށްދިޔުމަށް ޓަކައެވެ. މާޒީއާއި ޙާޒިރު ގުޅުވައި މުސްތަޤްބަލަށް ޓަކައި ވިސްނުމަށް ޓަކައެވެ.
މައްކާ ފަތަޙަ ކުރެއްވުމަކީ މިފަދަ އުފާވެރި މަތިވެރި ޙާދިސާއެކެވެ. މިއީ އެއްވެސް ކުށަކާއިނުލައި ގޮވަތިގެދޮރުން ފައްސާލެވުނު ބަޔަކު އެމީހުންގެ އަމިއްލަ ބިމަށް އެނބުރި އައި ދުވަހެވެ. ޝިރްކުގެ ހަޑިމުޑުދާރުކަމުން ނުތާހިރުކޮށް ވިސަޑުކޮށްފައިވާ ﷲގެ ޙުރްމަތްތެރި ރަށް ޠާހިރު ކުރެވުނު ދުވަހެވެ. ގެފުޅަށް އެ ތަނުގެ ޠާހިރުކަން އިޢާދަ ކުރެވުނު ދުވަހެވެ.
ހިޖްރައިން 6ވަނަ އަހަރު ކީރިތި ރަސޫލާ e، 1400 ޞަޙާބީންނާއެކު ، ޞުލްޙަވެރި ކަމާއެކު ޢުމްރާއެއް އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވަން ދަތުރުފުޅެއް ފެށްޓެވިއެވެ. ނަމަވެސް މައްކާގެ މުޝްރިކުން ރަސޫލާއަށާއި އެކަލޭގެފާނުންގެ ޞަޙާބީންނަށް ހުރަސްއަޅައި އެކަން މަނާކުރިއެވެ. ޤުރައިޝުންނާއެކު ވާހަކަފުޅު ދެއްކެވުމަށް ޓަކައި ރަސޫލާގެ މަންދޫބެއްގެ ގޮތުގައި ޢުޘްމާނުގެފާނު ފޮނުއްވިއެވެ. މި ދަތުރުފުޅު ނިމުނީ ރަސޫލާއާއި ޤުރައިޝުންނާ ދެމެދުގައި އެއްބަސްވެވުނު " ޞުލްޙުލް ޙުދައިބިއްޔާ " ނަމަކަށް ކިޔާ އެއްބަސްވުމުގައި ސޮއިކުރި ހިސާބުންނެވެ. މިއީ ދިހަ އަހަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލުމަށް އެއްބަސްވި އެއްބަސްވުމެކެވެ. ޞުލްޙަނާމާއެކެވެ. މި ޞުލްޙަނާމާއަށް ޙުދައިބިއްޔާ ޞުލްޙައޭ ކިޔުނީ މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޙުދައިބިއްޔާ ނަމަކަށް ކިޔާ ހިސާބެއްގައި ކަމަށް ވާތީއެވެ. އެއީ މައްކާގެ ޙަރަންފުޅާ ހުޅަނގު ފަރާތުން 24 ކީލޯމީޓަރު ދުރުގައިވާ ތަނެކެވެ.މި އެއްބަސްވުމުގެ ސަބަބުން މުސްލިމުން އުންމީދުކުރިގޮތަށް ޢުމްރާ އަދާކުރުމަށް ޓަކައި މައްކާއަކަށް ނުވަދެވުނެވެ.
މި މުޢާހަދާގައި ހިމެނޭ ބައެއް ޝަރްޠުތަކަކީ ބޭރުފުށުން ފެންނަގޮތުގައި ބޭއިންސާފު ޝަރްޠުތަކެކެވެ. މުސްލިމުން އެކަމާ ނުރުހުން ފާޅުކުރި ޝަރްޠުތަކެކެވެ. މި ކަމުގެ ސަބަބުން ޞަޙާބީންގެ ވެށި ކިލަބުވެ ނުތަނަވަސްވެގެން ދިޔައެވެ. މި އެއްބަސްވުމާ އެއްގޮތަށް މުސްލިމުން މަދީނާއަށް އެނބުރި ދިޔަ މަގުމަތީގައި ” الفتح ” ސޫރަތް ބާވައިލެއްވިއެވެ. މި ސޫރަތުގެ ފުރަތަމަ ދެ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا [1]- ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ. ))
އާދެ! ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އަންގަވަނީ ޞުލްޙުލް ޙުދައިބިއްޔާއަކީ ފަތަޙައެކެވެ. މިއީ އާދައިގެ ފަތަޙައެއް ނޫނެވެ. އެހެނަސް فتحا مبينا ( ބަޔާންވެގެންވާ ފަތަޙަ) އެކެވެ. މާނައަކީ އެއީ އޭގެ މަލަތައް ސާފުކޮށް އެނގެން އޮތް މާނަތައް ސާފު ފަތަޙައެކެވެ.މާތް ﷲ މި ފަތަޙަ އެކަލާނގެ ކީރިތި ރަސޫލާއަށް ދެއްވީ (( وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا [2] - އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ. )) މި ފަތަޙައާއި ނަޞްރާ ދެމެދުގައި އޮތީ ފުރިހަމަ ފާފަފުއްސަވާދެއްވުމެވެ. އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފައެވެ. އަދި ﷲގެ ނިޢުމަތް ފުރިހަމަކޮށްދެއްވުމެވެ.
ﷲ ތަޢާލާގެ ބަސްފުޅާމެދު ވިސްނާލަމާހިނގާށެވެ! މުސްލިމުންނަށް އެންމެ ފުރަތަމަ ލިބުނު ނަޞްރަކީ ޤުރައިޝުންނާއި ޤުރައިޝުންނާއެކު އެއްބާރުލުން ހަނދައިފައިވާ މީހުން މަދީނާ ޙިޞާރުކޮށްގެން އޮތްއޮތުމުގައި ބައުގަނޑު ހެދިގެންދިޔުމެވެ. އެ ޕާޓީތަކުގެ ސަބަބުން މަދީނާގައި މުސްލިމުން ތިބީ ޙިޞާރުކުރެވިފައެވެ. އެއްވެސް ބޭނުމެއް ފުއްދުމަށް ޓަކައި މުސްލިމުންނަށް މަދީނާއިން ބޭރަކަށް ނުދެވެއެވެ. އެހެނަސް މި އެއްބަސްވުމުގެ ސަބަބުން މަދީނާ މުސްތަޤިއްލު ކިޔާނަކަށް ( އެންޓިޓީއަކަށް ) ވިއެވެ. މިކަމުގެ ސަބަބުން މުސްލިމުންނާއި އިސްލާމްދީނުގެ ޤަދަރު އުފުލިގެންދިޔައެވެ. ބިރުފިލައިގެން ދިޔުމާއި ބިރުގެންނެވުން ހުއްޓުމަކަށް އައުމާއި ޤަބީލާތަކާއެކު ވާހަކަދައްކައި މަޝްވަރާކުރުމުގެ ދޮރުހުޅުވިގެންދިޔުމަކީ ކިހާ ބޮޑު ފަތަޙައެއް ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތްގޮތުގައި އެއީ ( فتح مبين ) އެކެވެ.
އިސްލާމީ ދަޢުވަތު ޢަރަބި ކަރައިން ބޭރަށް ނެރުއްވުމަށް ފުރްޞަތު ލިބިވަޑައިގަތުމަކީ ފަތަޙައެކެވެ. ކީރިތި ރަސޫލާ މި ޞުލްޙައަށް ފަހު އިސްލާމީ ދަޢުވަތު ބައިނަލްއަޤްވާމީ މަސްރަޙަށް ނެރުއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. އެކަލޭގެފާނު އޭރުގެ ބޮޑު ދެބާރުކަމުގައި ރޯމަނުންގެ ވެރިޔާ ޤައިޞަރު ( ސީޒަރު ) އަށާއި ފާރިސްކަރައިގެ ވެރިޔާ ކިސްރާއަށް އިސްލާމްދީން ހުށައަޅުއްވައި ފަތްކޮޅުތައް ފޮނުއްވިއެވެ.
ޞުލްޙުލް ޙުދައިބިއްޔާގެ ބަރަކާތުގެ ސަބަބުން ޤުރައިޝުންގެ އެންމެ ވަރުގަދަ ދެ އަސްވާރުން ކަމުގައިވާ ޚާލިދު ބުނުލް ވަލީދާއި ޢަމްރު ބުނުލް ޢާޞް އިސްލާމްވެ ވަޑައިގަތުންވެއެވެ. ﷲ ތަޢަލާގެ މަގުގައި އިސްލާމްދީނަށް މި ދެ ބޭކަލުން ކުރައްވައިފައިވާ ޚިދްމަތްތަކަކީ އެއްވެސް މީހަކަށް ވަންހަނާވެގެންވާނޭ ޚިދްމަތްތަކެއް ނޫނެވެ. ރޯމަން އިމްބަރާޠޫރިއްޔަތުގެ ބާރު ޢަރަބި ދުނިޔެއިން ނެތިގެން ދިޔައީ ޚާލިދުގެފާނުގެ އިސްވާރުކަމުގައި ކުރެވުނު ޖިހާދުތަކުގައި މުސްލިމުންނަށް ލިބުނު ފަތަޙައިގެ ސަބަބުންނެވެ. މިޞްރާއި އުތުރު އެފްރިކާގައި މުސްލިމުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ހުންނެވި އިސްވާރަކީ ޢަމްރު ބުނުލް ޢާޞެވެ.
މި ފަތަޙައިގެ ސަބަބުން ރަސޫލާ صلى الله عليه وسلم މަދީނާގެ އެތެރެ ޔަހޫދީންގެ މުއާމަރާތަކާއި ޖެއްސުންކުރުންތަކާއި ޚިޔާނަތްތަކުން ޠާހިރުކުރެއްވުމަށް ވަގުތު ލިބިވަޑައިގަތެވެ. ރަސޫލާއާ ޔަހޫދީންނާ ދެމެދުގައި އެއްބަސްވުމެއް އޮތްނަމަވެސް އެމީހުން ވަނީ އަޙްޒާބު ހަނގުރާމައިގައި މައްކާގެ މުޝްރިކުންނާއެކު ހަނގުރާމަކޮށް މަދީނާގެ އެތެރެ ހަލަބޮލިކޮށްފައެވެ. ކީރިތި ރަސޫލާ އެމީހުން ޚައިބަރުން ބޭރުކުރެއްވިއެވެ. މަދީނާގައި އޮތް ޔަހޫދީންގެ ބާރުކެނޑިގެންދިޔުމާ ވިދިގެން މުނާފިޤުންގެ އަޑުތައް މަޑުވިއެވެ. އެމީހުންނަށް ވާގިވެރިވާނެ ބަޔަކު ނެތުމުގެ ސަބަބުން އެ މީހުން މުސްލިމުންނަށް ގޯނާކުރުމާ ދުރަށްޖެހި ވަންހަނާވެގަތެވެ.
މާތްﷲގެ ބަސްފުޅުގައި ((إِنَّا فَتَحْنَا لَكَ فَتْحًا [3]- ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ )) އައިސްފައިވާ ފަތަޙައިގެ ސަބަބުން ޢަރަބިކަރައިގެ ދުރު ސަރަޙައްދުތަކަށް ޔަމަނަށާއި ނަޖިދަށާއި ބަޙްރައިންފަދަ ސަރަޙައްދުތަކަށް މަންދޫބުން ފޮނުއްވުމުގެ ފުރްޞަތު ކައު ރަސޫލާއަށް ތަނަވަސްވެގެން ދިޔައެވެ. ރަސޫލާގެ އަރިހަށް ޢަރަބި ރަށްރަށުގެ ތަފާތު ޤަބީލާތަކުގެ ވަފްދުތައް އައިސް އިސްލާމްދީން ޤަބޫލުކުރަން ފެށިއެވެ. މިއިން އެއްވެސް ކަމަކީ ޙުދައިބިއްޔާގެ ޞުލްޙަނާމާގެ ކުރިން ހުޅުވިފައިވާ ދޮރުތަކެއްނޫނެވެ.ވީމާ އެއީ ޙަޤީޤީ ބޮޑު ފަތަޙައެކެވެ. އެންމެ ބޮޑު ނަޞްރު މައްކާ ފަތަޙަކުރެއްވުމަށް ޓަކައި ހުޅުއްވާ ދެއްވި ދޮރުތަކެކެވެ. އެ ސޫރަތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ ފަތަޙައިގެ ވާހަކަ ތިންފަހަރު ތަކްރާރުކުރައްވައިފައި ވެއެވެ.
1- إِنَّا فَتَحْنَا لَكَ فَتْحًا - ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.
2- فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا [4]- ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ.
3- فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا [5]-ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާހުށްޓެވެ.
މި ( فتح ) އަކީ އިސްލާންދީނަށް ގޮވައިލާމީހުންނަށާއި ދިނީ މުދައްރިސުންނަށާއި ވާޢީޡުންނަށް ދާޢީންނަށް މާތްﷲ ބަޔާންކޮށްދެއްވައިފައިވާ ތަރްބަވީ މަންހަޖެކެވެ. އިސްލާމީ ފިޤްހުގެ އަދަބިއްޔާތާއި މާނަތައް ފެތުރުމަށް އަންގަވައިފައިވާ ބަސްފުޅުތަކެކެވެ. އޯގާވެރިކަމާއި ކުލުނާއި ލޯތްބާއެކު ދީނަށް ގޮވައިލުމަށް އޮތް އިރްޝާދެކެވެ. މުސްލިމުން ބައްރުތަކާއި ރަށްތައް ފަތަޙަކޮށްފައި ވަނީ ހިތްތައް ހުޅުވައިގެންނެވެ. ރަށްތައް ފަތަޙަކުރުމުގެ ކުރިން އެ ރަށްތަކުގެ އަހްލުވެރިންގެ ސިކުނޑިތަކާއި ވިސްނުން ހުޅުވައިލައިގެންނެވެ. ވާހަކަދައްކައިގެންނެވެ. މަޝްވަރާގެ ތެރެއިންނެވެ.
މިއިން އެނގެނީ މުސްލިމުންގެ މުހިއްމަތަކީ ހަނގުރާމަކުރުމެއް ނޫންކަމެވެ. ބޭނުމެއްނެތި އެހެންމީހުންގެ ނަފްސުތައް ހިރާސަށް ހާސަކުރުން ނޫންކަމެވެ.އިސްލާމްދީން އައީ އިންސާނިއްޔަތު ސަލާމަތްކުރުމަށެވެ. މީސްތަކުން ރިވެތި އަޚްލާޤުން އެއްބައިވަންތަކުރުވުމަށެވެ. އިސްލާމްދީނަކީ ސިޔާސީ އިންޤިލާބެއްނޫނެވެ. އެއީ ޢަސްކަރީ އިންޤިލާބެއްވެސް ނޫނެވެ. އެއީ ﷲގެ ދަޢުވަތެވެ. އަޅައިލުމުގެ ދަޢުވަތެކެވެ. މީހުންގެ ޢަޤީދާ ސާފު ޠާހިރުކުރުމުގެ ދަޢުވަތެވެ. އެއީ އިންސާނުންނަށް ހެވާއި ލާބައަށް އެދޭ ރިސާލަތެކެވެ.
މިއަދު މުސްލިމުންނަކީ ހުޅަނގުގެ ސިޔާސީ އަދި މީޑިއާ ނިޒާމުތަކުގެ ސަބަބުން ޝިކާރަކުރެވިފައިވާ ބައެކެވެ. އެމީހުން ބޭނުންވަނީ މުސްލިމުން އެމީހުންގެ ބަވަނަކުރުމުގެ ތާސްތެރެއަށް ލައި ވިރުވައިލާށެވެ. މުސްލިމުންނަށް އޮތީ އިސްލާމްދީނުގެ ރިވެތި ވަސީލަތްތަކުން މި ނިޒާމުތަކާ ކުރިމަތިލުމެވެ. އިސްލާމްދީނަކީ ފޯބިޔާއެއްނޫންކަން ހުޅަނގަށް ވިސްނައިދިނުމެވެ. އިސްލާމްދީނަކީ ނަފްރަތްތެރިކަމުގެ ދީނެއްނޫންކަން ވިސްނައިދިނުމެވެ.
ޙުދައިބިއްޔާގެ ޞުލްޙައިގެ ސަބަބުން ޝިރްކުގެ ވެރިރަށް ތައުޙީދުގެ ވެރިރަށަށް ބަދަލުވެގެން ދިޔައެވެ. އެއީ އެންމެ ބޮޑު ނަޞްރެވެ. އެއީ އެންމެ ބޮޑު ފަތަޙައެވެ. އެއީ ޙުދައިބިއްޔާ ފަތަޙައިގެ މޭވާއެވެ.
ރިފަރެންސް:
[1] - الفتح :1-2
[2] - الفتح : 3
[3] - الفتح :1
[4] - الفتح : 18
[5] - الفتح : 27