ހާރުކާންވީ ވީހާ ވެސް ލަހުން، ކީއްވެކަން އެނގޭތަ؟

ހާރުކުއުން: އެއީ ރޯދަމަހުގެ މުހިއްމު ކެއުމެއް -- ފޮޓޯ/ޕިންޓަރެސްޓް

ރަމަޟާން މަހު ރޯދަވެރިޔާއަށް އެންމެ މުހިއްމު އެއް ކެއުމަކީ ހާރު ދަމުގައި ކާ ކެއުމެވެ. އިހުޒަމާނުއްސުރެ ދިވެހީން އަބަދުވެސް ހާރު ދަމަށް ވަރަށް ފުރިމަހައަށް ތައްޔާރުވަމުން އައެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެކު މިކަމަށް ވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ.

ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަކީ މާތް ނަބިއްޔާ ސައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު މިއީ މާތް ﷲގެ ހަޟުރަތުގައި ވެސް ނުހަނު ލޮބުވެތިވެގެންވާ ޢަމަލެކެވެ. ހާރު ކެއުމުގައި ބަރަކާތް ލެއްވިގެންވާކަން ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާއިރު މިއީ އެއްގޮތަކަށް ވެސް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ހާރުކެއުމަށް އެންމެ މޮޅު އިތުރުވެގެންވާ ވަގުތަކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންނެވެ.

އެހެންނަމަވެސް މިއަދު މަދުން ނަމަވެސް ފެންނަ މަންޒަރަކީ، ރޭގަނޑު ހޭލާ ތިބެން ބޭނުން ނުވާތީ ބައެއް މީހުން ތަންކޮޅެއް އިރާކޮޅު ހާރު ކެއުމަށް އާދަވެފައިވާ ކަމެވެ.

އާއިލާގެ މެމްބަރުންނާ އެކު ހާރު ދަމު ކެއުމަކީ އާއިލީ ގުޅުންތައް ވެސް އިތުރަށް ވަރުގަދަކޮށްދޭ ކަމެއް-- ފޮޓޯ/ޕިންޓަރެސްޓް
ހާރު ކެއުމަކީ ރޯދަ ވީއްލުމުގެ ވަގުތާ ހަމައަށް ހަށިގަނޑު ހަރަކާތްތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި މީހާ ބެހެއްޓުމަށް ގިނަ ޢަދަދެއްގެ މިނަރަލްސްއާއި ވިޓަމިންސް ސްޓޮކްކޮށްދޭ ނުހަނު މުހިއްމު ކެއުމެކެވެ. ވީހާ ވެސް ލަސްކޮށްފައި ހާރު ކެއުމުން ލިބޭ މުހިއްމު ފައިދާތަކުގެ ތެރޭ:

  1. ހަށިގަނޑުގެ ހަޖަމުގެ ނިޒާމު އެކްޓިވޭޓްކޮށް، ލޭގައި ހަކުރު ހުންނަ މިންވަރު ދަމަހައްޓައި ދިނުން
  2. ރޯދައަށް ހުރުމުން އިހުސާސްކުރެވޭ ވަރުބަލިކަމުން ދުރުކޮށްދީ، ދުވާލުގެ ވަގުތުގައި މަސައްކަތް ކުރުމަށާއި، ކިޔެވުމާއި އަޅުކަންކުރުމުގެ އިތުރުން ދުވާލުގެ ވަގުތު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހަކަތަ ހަށިގަނޑަށް ފޯރުކޮށްދިނުން
  3. ހާއްސަކޮށް ރޯދަވީއްލާ ވަގުތުތަކުގައި ހަށިގަނޑުގެ ޖުމްލަ ބެލެންސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުން
  4. ސިއްހަތަށް ފައިދާހުރި ކެއުމެއް ހާރު ދަމަށް ކެއުމުން ބަނޑުހައިހޫނުކަމާއި، ބަނޑުހައިހޫނުކަން ކޮންޓްރޯލްކޮށްދިނުމަށް އެހީތެރިވެދިނުން
  5. ފެން ނުވަތަ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދިމާވާ ކޮންމެ މައްސަލައެއްގައި ބޮލުގައި ރިއްސުމާ ބަނޑުހައިވުން ފަދަ މައްސަލަތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން

ހާރުދަމުގައި ކެއުމަށް އިންސާފުކުރާއިރު ވީހާ ވެސް ލުއި ސިއްހަތަށް ފައިދާހުރި ކެއުމެއް އިހުތިޔާރުކުރުން މުހިއްމެވެ. އެގޮތުން ލޮނުގަދަ ކާނާ، ތެޔޮ ކާނާ، ސޮފްޓް ޑްރިންކްސް އަދި މާސާލާ ނޫނީ ހަވާދުގެ ބާވަތްތައް ހިމެނޭ ކާނާއާ ދުރުހެލިވުން މުހިއްމެވެ.

comment ކޮމެންޓް