ކޮންމެ އަހަރެއްގެ ފެށުމާއެކު އެތައް ބަޔަކު ތަފާތު މަސައްކަތާއެކު އާ އަހަރާ ކުރިމަތިލަނީ ގިނަ އުއްމީދު ތަކަކާއެކުގައެވެ.
ނަމަވެސް މަސް މެދު ތެރެއަށް ދާން ވާއިރު ހީވަނީ އަހަރުގެ ތިން މަސް ދުވަސް ހޭދަވެއްޖެ ހެނެވެ. ގޯލުތައް މަތީން ހަނދާން ނެތި މަސް ނިމޭތޯ އެންމެން އިންތިޒާރު ކުރަނީއެވެ. މިވާ ގޮތެއް އެނގޭ ހެއްޔެވެ؟
ސޯޝަލް މީޑިއާއިން މި ދުވަސްކޮޅު ފެންނަނީ ޖެނުއަރީ މަހާ މެދު ގިނަ ބަޔަކު ޝަކުވާ ކުރާތަނެވެ. އެކަކު ބުނާ ގޮތުގައި މިހާރު ޖެނުއަރީގައި 74 ދުވަސް ފަހަނަ އަޅައި ގޮސްފި ހެން ހީވެއްޖެއެވެ. އަނެއް ބަޔަކު ބުނަނީ ޖެނުއަރީ ވެފައިވަނީ އަހަރުގެ ގާތްގަނޑަކަށް ފަސް މަސް ހާ ދިގު މަހެއް ކަމަށެވެ.
ނަމަވެސް މިއީ ހަގީގަތުގައި އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކައެއް ނޫނެވެ. ޖެނުއަރީއަކީ ކަލަންޑަރަށް ބަލާއިރު ހާއްސަ މަހެއް ނޫނެވެ. އެކަމަކު ގިނަ ބަޔަކަށް ވެސް އިހުސާސު ކުރެވޭ ގޮތުގައި މިއީ ވަރަށް ދިގު މަހެކެވެ.
އެހެންވީއިރު ޖެނުއަރީ މަސް މިހާ ދިގު ވާ ސަބަބަކީ ކޮބާ ހެއްޔެވެ؟ ސައިންސުން މި ކަމަށް ޖަވާބެއް ލިބެން އެބައޮތެވެ.
ކެމްބްރިޖް ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ވިލިއަމް ސްކައިލާކް އަކީ ވަގުތާ ގުޅޭގޮތުން ދެކޭ ގޮތް ނޫނީ ޓައިމް ޕާސެޕްޝަނާ ގުޅޭގޮތުން ދިރާސާ ކުރާ ސައިންޓިސްޓެކެވެ.
އޭނާ ފާހަގަކުރާ ގޮތުގައި އެކި ކަހަލަ ކަންތައްތަކަކީ މީހާ، ވަގުތު ދެކޭ ގޮތަށް ބަދަލު ގެންނަ ކަންތައްތަކެވެ. އޭގެ ތެރޭގައި ކޮފީ އާންމުކޮށް ބޯ ނަމަ ވަގުތު ދާ މިންވަރު އަވަސް ކަމަށް އިހުސާސް ކުރެވިދާނެއެވެ.
އެގޮތުން ކުރާ ހިތް ނުވާ ކަންތައްތަކެއް ކުރާނަމަ ވަގުތު ހިނގާ މިންވަރު ލަސްވާނެ ކަމަށް އިހުސާސް ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއެވެ.
ލަންޑަން ގްލޯބަލް ޔުނިވާސިޓީ (ޔޫސީއެލް)ގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ޖެންގުއަންގް ކައި ބުނާގޮތުގައި އަހަރެއް ނިމި އާ އަހަރަށް ފަށާއިރު ވަރަށް ގިނަ ކަންތައްތައް ވެގެން ދެއެވެ. އަހަރުގެ ފަހުކޮޅަށް ދާއިރު ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްވަމުން އަންނަ އިރު ގިނަ ޗުއްޓީތަކާ ވެސް މި މުއްދަތު ދިމާވެއެވެ.
އެހެންވީމާ ބޮޑު ޗުއްޓީއެއް ލިބޭއިރު އަމިއްލަ ބޭނުންވާ ގިނަ ކަންތައްތަކެއް ކުރަން ވަގުތު ލިބޭ ކަމަށް އޭނާ ފާހަގަކުރެއެވެ. އެއާ ޚިލާފަށް ޖެނުއަރީ ފެށިގެން އަންނަނީ ގިނަ ޒިންމާތަކަކާއި އޮފީހަށް އަލުން ނުކުންނަންޖެހޭ ގޮތަށެވެ. އަދި ޖެނުއަރީ މަސް ގިނަ ފަހަރަށް ނިމިގެން ދަނީ ވެސް އިތުރު އެއްވެސް ޗުއްޓީއެއް ނުލިބި ކަމަށްވާތީ މަސް އިތުރަށް ދިގުވާ ހެން ގިނަ ބަޔަކަށް އިހުސާސް ކުރެވެނީ ކަމަށް އޭނާ ބުނެއެވެ.
ޖެނުއަރީ މަހުގައި މަޖާކޮށްލަން ވަގުތެއް ނުލިބި މަސް ނިމެންދާއިރު ޓައިމް ޕާސެޕްޝަނުން ފެންނަނީ މިއީ ފޫހި މަހެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ޖެނުއަރީ މަސް ދިގުވެއެވެ.