2025ގެ ފުރަތަމަ މަސް ނިމެނީ! އެއްވެސް ކަމެއް ފެށިއްޖެ؟

ދިގު ހަފުތާތަކަށް ފަހު އެންމެ ފަހުން 2025 ވަނަ އަހަރުގެ ފުރަތަމަ މަސް ނިމެން ގާތް ވީއެވެ. އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު ވަރަށް ކަންތައްތައް ހުންނާނީ ވެފައެވެ. އެހެންވީއިރު އެއްވެސް ގޯލެއްގެ މަސައްކަތް ފެށިއްޖެ ހެއްޔެވެ؟

އާ އަހަރާއެކު ތަފާތު ގިނަ ކަންތައް ކުރުމަށް ގޯލު ކަނޑައަޅައެވެ. އެގޮތުން ޖިމަށް ދިޔުމާއި ޑައިޓު ބަދަލު ކުރުން ފަދަ ބޮޑެތި ގޯލުތައް ކަނޑައަޅައެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް ގޯލުތަކަށް ވާސިލުވާން އުނދަގުވާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެއާއެކު ދެން މަސައްކަތްތައް ހުއްޓާލެވެއެވެ. ނަތީޖާއެއްގެ ގޮތުން ކަމެއް ނުވެ ދަނީއެވެ.

މިއަހަރުގެ ގޯލުތަކުގައި އެންމެ ގިނަ ބަޔަކު ކަނޑައަޅާފައިވަނީ ކެއުމުގެ އާދަ ރަނގަޅު ކުރުމަށާއި ގަވާއިދުން ޖިމަށް ދިޔުމަށެވެ. ނަމަވެސް ފުރަތަމަ މަސް ނިމުނު އިރު އެ ގޯލަށް ވާސިލުވާން މަސައްކަތް ކުރެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟

"ފުރަތަމަ ހަފުތާ ވަރަށް ގަވާއިދުން ދިޔައިން ޖިމަށް އެކަމު ދެން ދުވަސްކޮޅެއް ވީ. އާންމުކޮށް ދިޔައީ ހުކުރު ހޮނިހިރު ނޫން ހުރިހާ ދުވަހަކު. އެކަމު ދެވަނަ ހަފުތާއަށް ދިޔަ އިރު ދެދުވަހުން އެއް ދުވަހަށް ބަދަލު ވެއްޖެ،" އަލަށް މިއަހަރު ޖިމް ފެށި 25 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި މަޑު މަޑުން ގަވާއިދު ބަދަލު ކުރަން ފެށިވަރަކަށް ޖިމަށް ދާހިތްވާ މިންވަރު ވަނީ ކުޑަވެފައެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ދެވިފައިވަނީ އެންމެ ދެ ދުވަހު ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާގައި އާ ގޯލަކާ އެކު މަސައްކަތް އަލުން ފަށާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 27 އަހަރުގެ ޒުވާނަކު ގޯލަކަށް ކަނޑައަޅާފައިވަނީ މިއަހަރު ބޭރުން ކާ މިންވަރު މަދު ކުރުމަށެވެ. އަދި އެ ގޯލުގައި ވަރަށް ގަދައަށް ހިފަހައްޓައިގެން ހުރި ކަމަށްވެސް އޭނާ ބުނެއެވެ.

"އަސްލު ބަނޑުހައިވާއިރު ގެއަށް ގޮސް ކާން ވަރަށް އުނދަގޫ. ގިނަ ފަހަރަށް ބޭރުގައި އުޅެނީ. ގެއަށް ގޮސް ކައްކަން ޖެހެނީ. ވަގުތެއް ވެސް ނުވޭ. އެކަމު މި މަހު އަދި ނުދަން ބޭރުން ކާން އެންމެ ފަހަރަކު ނޫނީ،" އާންމުކޮށް ކޮންމެ ހަފުތާއަކު ދެ ފަހަރު މަދުވެގެން ކައި އުޅޭ އެ ޒުވާނާ ބުންޏެވެ.

ކެއުމުގެ އާދަ ބަދަލު ކުރުމަށް މިހާރު އޭނާ ކުރާ ކަމަކީ ހަފުތާ ބަންދުގައި ގޭގައި ކެއްކުމެވެ. އަދި ގެއިން ބޭރަށް ދާ ފަހަރަކު ވެއްޖެ ނަމަ ދަނީ ކާ އެއްޗެހި ގެއިން ހިފައިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިމެން ގާތްވި އިރު އަމިއްލަ ތަފާތު ގޯލުތަކަށް ވެސް ގިނަ ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. އަދި އަންނަނީ މަސައްކަތް ކުރަމުންނެވެ. އަމިއްލަ އެފަދަ ގޯލެއް ކަނޑައަޅާފައިވާނަމަ އެ ގޯލު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟

comment ކޮމެންޓް