މައްސަލަ ބަލަން އަންގަނީ މިނިސްޓަރު ކަމަށް ފުލުހުން ބުނޭ: ފައްޔާޒް

މިރޭ ބޭއްވި އެމްޑީޕީގެ ކެންޕޭން ހަރަކާތުގެ ތެރެއިން --- ފޮޓޯ/އެމްޑީޕީ

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލަ ބަލަނީ މިނިސްޓަރަކު ވިދާޅުވެގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ދިއްދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ވަޙީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާރުޑީސީގެ ޚިޔާނާތުން ފައްޔާޒަށް މަންފާއެއް ލިބިފައިވާ ކަމުގެ ތުހުމަތުގައި އޭނާ ފުލުހަށް ހާޒިރުވާން އެންގީ އިއްޔެވެ. މިއަދު އޭނާ ހާޒިރުވެފައިވާއިރު، އޭނާ ވަނީ ފުލުހަށް ހާޒިރުކުރީ އަނިޔާވެރިވާ މަންޒަރު ދައްކައިގެން ރައްޔިތުން ބިރުގަންނުވަން ކަމަށް ވިދާޅުވެފައެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ކެންޕޭން ހަރަކާތުގެ ތެރެއިން --- ފޮޓޯ/އެމްޑީޕީ

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރު ކުރިއިރު އޭނާއާ ވާހާކަދެއްކޭނެ ފުލުހުން ވެސް އެތާ ތިބި ކަމަށެވެ.

"އަޅުގަނޑަށް ފުލުހުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި ކީއްހޭ ކުރާނީ މިހާރު އޮތް ގޮތޭ. މިހާރު މިނިސްޓަރޭ އަންގަނީ ކޮން މައްސަލައެއްތޯ ބަލަންވީ ވެސް،" ފައްޔާޒް ވިދާޅުވިއެވެ.

އެއީ ކޮން މިނިސްޓަރެއްކަން ހާމަނުކުރައްވައި އޭނާ ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތުން މިނިސްޓަރަކަށް އެ ފަދަ އެންގުމެއް ނޭންގޭނެ ކަމަށާއި ގާނޫނަށް ކުޑަކޮށް ވެސް މި ސަރުކާރުން ނުބަލާ ކަމަށެވެ.

"ނުބަލާނެތާ ޑިމޮކްރެސީއާ ގާނޫނު ގަބޫލު ކުރާ ބައެއް ނޫން. ޚުދުމުހުތާރު ވެރިކަން އެކަނި ގަބޫލު ކުރާ ބައެއް ޕީއެންސީއަކީ. އެހެންވެ އެމީހުންގެ ހިތަށް ނުވެސް އަރާ ގާނޫނަކުން ތިމަންނަމެން ބަނދެވޭ ކަމެއް،" ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިދިޔަ ހަތަރު މަސް ތެރޭ މި ސަރުކާރުން ރާއްޖޭގެ ގާނުނުތައް 'މުގުރައި، ފުނޑުފުޑުކޮށް' ބޭނުން ގޮތަކަށް ކަންތައް ކުރަމުންދާ ކަމަށާއި މިއަދު އެކަމާ ދޭތެރޭ އޮތް ހަމައެކަނި އައްޑަނައަކީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ކަމަށެވެ.

ފުލުހަށް ހާޒިރުވާން ފައްޔާޒަށް ފޮނުވި ޗިޓުގައި އޭނާއަށް ކުރެވޭ ތުހުމަތުގެ ގޮތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

https://sun.mv/190344

ފުލުހަށް ހާޒިރުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އޭނާ ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

comment ކޮމެންޓް