ގއ. މާޅެންދޫގައި އެއާޕޯޓު އަޅާކަމަށް ލިޔެވިފައިވަނީ އިމްލާ ކުށަކުން: ރައީސް އޮފީސް

ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކުރި ރައީސްގެ ގަރާރުގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ގއ. މާޅެންދޫ ލިޔެވިފައި ވަނީ ލިޔުމުގެ އިމްލާ ކުށަކުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސްގެ ގަރާރެވެ. އެ ގަރާރުގައިވާ ގޮތުން ރާއްޖޭގައި އިތުރު ނުވަ އެއާޕޯޓެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި:

  • ހއ. ދިއްދޫ
  • ށ. މިލަންދޫ
  • ށ. ދިގުވެލި
  • ނ. ވިހަފަރު
  • ރ. ފައިނު
  • އއ. މަތިވެރި
  • ފ. ނިލަންދޫ
  • ގއ.މާޅެންދޫ
  • ތ. ގުރައިދޫ

ނަމަވެސް ގއ. އަތޮޅުގައި މާޅެންދޫ ކިޔާ ރަށެއް ނޯވެއެވެ. މާޅެންދޫ އޮންނަނީ ނ. އަތޮޅުގައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ މާޅެންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ލިޔެވިފައިވާ އިމްލާ ކުށް ރަނގަޅު ކުރާނެ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ވަނީ ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ށ. ބިލެތްފަހި، ބ. ތުޅާދޫގެ އިތުރުން ތ. ވިލުފުށީގައި ތަރައްގީ ކުރަން ފަށާފައިވާ އެއާޕޯޓުތައް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އެއާޕޯޓުތައް ނިންމަން ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރަކީ ހަތަރު މިލިއަން އެމެރިކާ ޑޮލަރެވެ.

މީގެ އިތުރުން ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެއާޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސްގެ ގަރާރުގައިވެއެވެ.

މިހާރުވެސް ޚިދުމަތް ދެމުން އަންނަ އައްޑޫ ސިޓީ ގަން އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި ކުޅުއްދުށްފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގެ އިތުރުން ފުވައްމުލައް ސިޓީގެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އޭގެ ތެރެއިން ކޮންމެ އެއާޕޯޓެއް ތަރައްގީ ކުރުމަށް އެންމެ މަދުވެގެން ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ ހަތަރު މިލިއަން އެމެރިކާ ޑޮލަރެވެ.

އިތުރަށް ރައީސްގެ ގަރާރުގައި ވަނީ ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުމަށް ހަތް މިލިއަން ޑޮލަރު ހިމެނުމަށާއި ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ކަނޑައަޅާފައެވެ.

އައްޑޫ ސިޓީގައި ހިންގާ އައްސޭރި ޓޫރިޒަމް މަޝްރޫއަށް 10 މިލިއަން ޑޮލަރު ޚަރަދު ކުރާއިރު ލ. ގަމުގައި އެ މަޝްރޫއު ހިންގުމަށް ޚަރަދުވަނީ ހަތް މިލިއަން ޑޮލަރު ކަމަށް ގަރާރުގައިވެއެވެ.

comment ކޮމެންޓް