މޮސްކޯ: ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔުކްރެއިން ވާކަމަށް ރަޝިއާގެ އަމަނާބެހޭ ފެޑްރަލް އިދާރާގެ ރައީސް އެލެގްޒެންޑަ ބޯޓްނިކޯވް ތުހުމަތުކުރައްވައިފިއެވެ.
ކްރޮކަސް ސިޓީ ހޯލަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް 240 މީހުން މަރުވެފައިވާކަމަށް ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވާއިރު ރަޝިއާގެ އަމަނާބެހޭ ފެޑްރަލް އިދާރާގެ ރައީސް ވިދާޅުވީ މި ހަމަލާތަކާބެހޭ ތަހުގީގު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށާއި ހަމަލާތައް ކުރިއަށް ގެންދިޔަ ގޮތާ އަދި އެކަމަށް ސީދާގޮތުންނާއި ނުސީދާ ގޮތުން އެހީތެރިވި ފަރާތްތަކާބެހޭ މައުލޫމާތު ތަހުގީގުތަކުން ސާފުވެފައިވާ ކަމުގައެވެ.
ބޯޓްނިކޯވް ވިދާޅުވިގޮތުގައި ކްރޮކަސް ސިޓީ ހޯލަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔުކްރެއިންކަން ތަހުގީގުތަކުން ވަރަށް ރަނގަނޅަށް ހާމަވެއެވެ.
ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ އެ ގައުމުތަކުގެ ހަތިޔާރު ކަމަށާއި ހަމަލާދިން ޓެރަރިސްޓުންނަށް ތަމުރީން ދިފައިވަނީ ވެސް އެ ތިން ގައުމުތަކުގެ ޖާސޫސީ އިދާރާތަކުންކަން ތަހުގީގުތަކުން އެނގިފައިވާކަމަށް ބޯޓްނިކޯވް ވިދާޅުވިއެވެ.
ރަޝިއާއަށް ޓެރަރިސްޓް ހަމަލާތައް ދީފައި ސަލާމަތުން ނުތިބެވޭނެ ކަމަށާއި އެ ކަމުގެ ނަތީޖާ ހިތިވާނެކަން އެކަން ހިންގި މީހުންނާއި އެކަމަށް އެހީތެރިވި ފަރާތްތައް ދަންނަންޖެހޭނެ ކަމަށް ވެސް ބޯޓްނިކޯވް ވިދާޅުވިއެވެ.
މިދިޔަ ހަފުތާ ބަންދުގައި ރަޝިއާއަށް ދިން މި ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވެސް 100 އަށް އަރައެވެ. މީގެ ތެރެއިން 19 މީހެއްގެ ހާލަތުވަނީ ފުރާނައަށް ނުރައްކާވާ ހާލަތުގައި ކަމަށާއި އެހެންކަމުން މަރުވާ މީހުންގެ އަދަދު އަދި އިތުރުވުން އެކަށީގެންވާ ކަމަށް ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނެއެވެ.
މިހަމަލާތައް ދިނުމާއެކު އެމެރިކާވަނީ އެއީ އައިއެސް ޖަމާއަތުގެ ހަމަލާތަކެއް ކަމަށް ބުނެފައެވެ. އަދި ރަޝިއާއަށް ހަމަލާދޭން އައިއެސް ޖަމާއަތުން ރާވާފައިވާކަމުގެ މައުލޫމާތު ތަންކޮޅެއްކުރިން ރަޝިއާއާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެމެރިކާ ބުނެފައިވެއެވެ.
ނަމަވެސް ރަޝިއާގެ ޚާރިޖީ ވުޒާރާއިންވަނީ ޓެރަރިސްޓް ހަމަލާތަކެއްގެ މައުލޫމާތު އެމެރިކާއިން ހިއްސާ ނުކުރާކަމަށް ބުނެފައެވެ. އަދި، ޓެރަރިސްޓް ހަމަލާތައް ދޭއިރަށް އެއީ ކޮންބައެއްގެ ހަމަލާތަކެއްކަން އެމެރިކާއަށް އެނގުނު ގޮތަކާމެދު ވެސް ރަޝިއާއިން ވަނީ ސުވާލު އުފައްދާފައެވެ.
ރަޝިއާއިން މި ހަމަލާތަކަށް ބަދަލުހިފާނެކަމުގެ އިންޒާރު ބޯޓްނިކޯވް ދެއްވާފައިވާއިރު ރަޝިއާއިން މިކަމުގެ ބަދަލު ހިފާނެ ގޮތަކާމެދުވަނީ ސުވާލު އުފެދިފައެވެ. ބަދަލުހިފުމުގެ ގޮތުން ރަޝިއާއިން ޔުކްރެއިނަށް ހަމަލާތަކެއް ދީފާނެކަމަށް ބެލެވުނު ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތަށް ސީދާގޮތެއްގައި ހަމަލާދިނުމަކީ ރަޝިއާއަށް ކުރަންކެރޭނެ ކަމަކަށް ނުވާނެއެވެ. ހަމަ މިގޮތަށް، ސީދާގޮތެއްގައި ރަޝިއާއަށް ހަމަލާއެއް ދޭން އެމެރިކާއާއި އިނގިރޭސިވިލާތަށް ވެސް ނުކެރޭނެއެވެ.
އައިއެސް ޖަމާއަތަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން އަޑީގައި ތިބެގެން އެ ގައުމުތަކުގެ ޖިއޮޕޮލިޓިކަލް އެޖެންޑާ ތަންފީޒުކުރުމަށް އުފައްދާފައިވާ ޖަމާއަތެއް ކަމަށް ބައެއް މުހައްލިލުން ސިފަކުރެއެވެ. އައިއެސް ޖަމާއަތަކީ އެމެރިކާއާއި އިސްރައީލާ އަދި ހުޅަނގުގެ ބައެއް ޖާސޫސީ އިދާރާތައް އަޑީގައި ތިބެގެން ހިންގާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އީރާނާއި ސޫރިޔާއިން ތުހުމަތު ކުރެއެވެ.
އީރާނާއި ސޫރިޔާ ގެ މަސްއޫލުވެރިން ފާހަގަކުރައްވާފައިވާ ގޮތުގައި އައިއެސްގެ ހަމަލާތައް މުޅިން ވެސް އަމާޒުކުރަނީ އެމެރިކާއާ އިދިކޮޅު ގައުމުތަކަށެވެ. މީގެ ތެރޭގައި އިރާގު، ސޫރިޔާ، އަފްޣާނިސްތާން، އީރާން އަދި ރަޝިއާފަދަ ގައުމުތައް ހިމެނެއެވެ.
އެމެރިކާއާ އަދި އިސްރާއީލާ ދެކޮޅަށް އައިއެސްއިން ހަމަލާއެއް ނުދޭކަން މުހައްލިލުން ފާހަގަ ކުރެއެވެ. އެމެރިކާއަކީ އައިއެސް ޖަމާއަތާ ހަނގުރާމަކުރުމުގެ ނަމުގައި ގައުމުތަކަށް އަސްކަރީގޮތުން ވަދެގަތުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.