އާރުޑީސީ ޚިޔާނާތް: ފައްޔާޒަށް މަންފާ ލިބިފައިވާ ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: -- ފޮޓޯ/ އެމްޑީޕީ

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މަންފާ ލިބިފައިވާ ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފުލުހަށް ހާޒިރުވާން އަންގައި ފޮނުވާފައިވާ ޗިޓު ހިއްސާކުރައްވައިފައެވެ.

އެ ޗިޓުގައި އޭނާއަށް ކުރެވޭ ތުހުމަތުގެ ގޮތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ޗިޓު ހިއްސާކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކުރުމުގެ ސިލްސިލާ ފެށުން ކަމަށެވެ. އަދި އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން،" ފައްޔާޒު ވިދާޅުވިއެވެ.

އާރްޑީސީގެ ޚިޔާނާތާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އާރްޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި، އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ ވަދެފައިވެއެވެ. އޭގެ ތެރޭގައި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހިނގާފައިވާ އިރު، އެއީ އެތައް ބަޔަކާ ގުޅުންހުރި ޓްރާންސެކްޝަންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ޓްރާންސެކްޝަންތައް ހިނގާފައިވަނީ 2018އިން ފެށިގެން 2022ގެ ސެޕްޓެންބަރުމަހާ ހަމަޔަށް ކަމަށެވެ.

comment ކޮމެންޓް