ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއެކު އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ގޮތުން އޮތް ހުރަސް ނައްތާލުމަށްޓަކައި، ލާމާރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަކު، ގާނޫނު އޮތް ގޮތުން އެ ސިޓީގައި މިހާތަނަށް ވެސް އޮތީ ރަށު ކައުންސިލެކެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ފަހު، ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ.
ލާމަރުކަޒީ ކޮމިޓީން ނިންމި ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ށ. ނ. ރ. ބ. އަދި ކ އަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުން ވަނީ 42 މެންބަރުންގެ ވޯޓާއެކު އެ ބިލު ފާސްކޮށްފައެވެ. މިއަދު ރައީސް އެ ބިލު ތަސްދީގުކުރެއްވުމުން ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.
އެ ބިލުގައި ވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާފާވާއިރު ސިޓީއެއްގެ ދަރަޖަ ދޭ ކައުންސިލްގެ ދައުރު ހަމަވުމަށް އެެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ ސިޓީއެއްގެ ދަރަޖަ ލިބޭނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހު ކަމަށެވެ.
ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ އިސްލާހުގައި ވާގޮތަށް އެ ރަށް ސިޓީއަކަށް ބަދަލުވާނެކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
މި އިސްލާހުގެ 51 ވަނަ މާއްދާގެ ރ ގައިވާ ގޮތުން ރަށު ކައުންސިލު ސިޓީއެއްގެ ދަަރަޖައަށް ބަދަލުވެއްޖެނަމަ، އެ ކައުންސިލްގެ ރައީސައި ނައިބު ރައީސް އެ ސީޓިގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެއެވެ.
އެ އިސްލާހާއެކު މިގޮތަށް އެކުލެވޭ ކައުންސިލް ދެމިއޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެނެވެ.
ކުރީ ސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަަށް ވައުދުވެވަޑައިގަތް ފަހުންނެވެ.
ކުރީގެ ރައީސް ޞާލިޙު ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވުމުގެ ކުރީގައި އެ ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ އެދިފައެވެ.
ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީއެވެ.