ދައުލަތުގެ ސިއްރު ހާމަނުކުރެވޭގޮތަށް ގާނޫނެއް ހަދަންޖެހޭ: ޣައްސާން

ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު މަޖިލީހުގައި -- ފޮޓޯ/ މަޖިލީސް

ދައުލަތުގެ ސިއްރުތައް ހާމަނުކުރެވޭ ގޮތަށް ސިއްރު ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވައިލަންޖެހޭ ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިން މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި މިއަދު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އެކަމަކު، އިތުރު ސުވާލުގެ ވަގުތުގައި މެންބަރުން ވަނީ މި ފަހުން އަސްކަރިއްޔާއަށް ގަތް ޑްރޯންތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

މި މަހުގެ 15 ގައި ދިވެހި އަސްކަރިއްޔާގައި ވަނީ އެއާ ފޯސްގެ ހިދުމަތް ތައާރަފުކޮށްފައެވެ. އެ ހިދުމަތުގެ ދަށުން ސިފައިންގެއަށް ވަނީ އަސްކަރީ ޑްރޯންތަކެއް ހޯދައިފައެވެ. އޭގެ ތެރެއިން ބައެއް ޑްރޯންތަކަކީ ސަރުކާރުން ގަތް އެއްޗެއްސެވެ. އަދި، ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑްރޯންތައް ގެނައިކަން ހާމަކުރީ ކީއްވެތޯ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ، ސިއްރުތައް ހިފަހައްޓަންޖެހޭ ކަމަށެވެ.

"ހަގީގަތުގައި ތި ވިދާޅުވި ގޮތަށް އިންފޮމޭޝަން ރައްޔިތުންނަށް މާނައަކީ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހާމަކުރުމަށްޓަކައި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވައިލަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ކްލެސިފިކޭޝަން ލެވެލްތަކެއް ލާފައި، ދައުލަތުގެ އެކިވަރުގެ ސިއްރުތައް ހިފެހެއްޓޭނެކަން ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެފަދަ ނިޒާމެއް ގާއިމުކުރެވުމުން ސަރުކާރުން އެފަދަ ކަންކަމުގައި ގެންގުޅޭ އެކިއެކި ސިޔާސަތުތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން ފަސޭހަވާނެ ކަމަށެވެ. އޭރުން ދައުލަތުގެ ސިއްރުތައް ސިޔާސީ ބޭނުމަށްޓަކައި ހާމަނުކުރާނެކަމުގެ ޔަގީންކަން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ނިޒާމުގެ ތެރެއިން ސިއްރުތައް ހާމަކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި އެ ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު މީހުންނާ ހަވާލުކުރަންޖެހޭ. އެކަހަލަ ނިޒާމެއް ކަށަވަރު ކުރުމަށްޓަކައި މިހާރު ވެސް 241 ކޮމިޓީއާއި އަޅުގަނޑުމެންނަށް ލިބުނު ފުރުސަތުތަކުގައި ވާނީ މަޝްވަރާކޮށްފައި،" ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ނިޒާމެއް އެކުލަވައިލެވުމުން އަބަދު ވެސް މަޖިލީހަށް މައުލޫމާތު ހިއްސާކުރެވި، ގާތުން މަސައްކަތްކުރަން ފަސޭހަވާނެ ކަމަށެވެ.

"އެއީ، އެއްވެސް ސިޔާސީ ބޭނުމެއްގައި އެކަހަލަ މައުލޫމާތުތައް ހާމަކުރުން ހުއްޓުވުމަށްޓަކައި. ދިވެހި ދައުލަތަކީ ހުރިހާ ރައްޔިތުންގެ ދައުލަތެއް،" ވަޒީރު ވިދާޅުވިއެވެ.

ޑްރޯންތައް ގެނައިކަން ހާމަކުރި ނަމަވެސް ރާއްޖެ ގެނައި ކިތައް ޑްރޯންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި، އަސްކަރީ ޑްރޯންތައް ގެންނަން ދައުލަތުގެ ބަޖެޓުން ކުރި ހޭދަ ވެސް ވަނީ ސިއްރުކޮށްފައެވެ.

އެކަމަކު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ [241 ކޮމިޓީ]ގެ ސިއްރު ބައްދަލުވުމެއްގައި އެ މައުލޫމާތު ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޣައްސާން ވިދާޅުވިއެވެ.

comment ކޮމެންޓް