އީރާނުގެ ގޭސް ހޮޅީގެ މައްސަލާގައި އެމެރިކާއަށް ބޯނުލަނބާނެކަމަށް ޕާކިސްތާން ބުނެފި

ތެހެރާން (25 މާޗް 2024): އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމަށްޓަކައި ދެގައުމުގެ ދެމެދުގައި އަޅަންފަށާފައިވާ ގޭސްހޮޅި އެޅުން ހުއްޓުވުމަށް އެމެރިކާ ކުރިމަތި ކުރަމުންގެންދާ ފިއްތުންތަކާއި ދައްކަމުންގެންދާ ބިރުތަކަށް ޕާކިސްތާނު ބޯނުލަނބާނަމަ އެމަޝްރޫއު ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވޭނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ރަސްމީ މީޑީއާ ބުނާގޮތުން މިއީ އީރާނާއި ޕާކިސްތާނަށް އިންތިހާއަށް ފައިދާބޮޑު ވިޔަފާރީގެ މަޝްރޫއަކަށްވިނަމަވެސް މިމަޝްރޫއު ހުއްޓިފައިވަނީ މިކަން ކުރިޔަނުދިނުމަށް އެމެރިކާ ކުރިމަތި ކުރަމުންގެންދާ ފިއްތުންތަކާއި ދައްކަމުންގެންދާ ބިރުތަކަށް ޕާކިސްތާނު ދީލާލުމުގެ ސަބަބުންނެވެ.

ނަމަވެސް މި ފިއްތުންތަކާއި ބިރުތަކަށް ބޯ ނުލަނބައި ކުރިޔަށްދާން ޕާކިސްތާން ނިންމައިފިނަމަ މި މަޝްރޫއުގެ ފައިދާ ދެގައުމުގެ ރައްޔިތުންނަށް ދާދިއަވަހަށް ކުރަން ފަށާނެކަމަށާއި ޕާކިސްތާނުން މިކަމުގައި ގެންގުޅޭ އައު ވިސްނުމުން އުންމީދު އައުވެއްޖެކަމަށް އީރާނުގެ ރަސްމީ މީޑީއާއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

އީރާނުގެ ރަސްމީ މީޑިއާގެ ރިޕޯޓެއްގައި މިހެން ބުނެފައިވަނީ އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމަށްޓަކައި ދެގައުމުގެ ދެމެދުގައި އަޅަންފަށާފައިވާ ގޭސްހޮޅީގެ މަޝްރޫއު ހުއްޓުވުމަކީ ދެން އެމެރިކާއަށް ކުރެވެނެކަމެއް ނޫންކަމަށާއި އެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް އެމެރިކާގެ ފަރާތުން ހުއްދަ ހޯދަން ނުޖެހޭނެކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މުމްތާޒް ޒަހްރާ ބޮލަޗް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ އީރާނުގެ ގޭސް، ދެގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ލިބޭގޮތްވުމަކީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލައިގެ ވަރަށް ބޮޑުބައެއް ހައްލުވެގެންދާނެ ކަމެއްކަމަށާއި މި މަޝްރޫއު ކުރިޔަށްގެންދިޔުމަށް އެމެރިކާގެ ރުހުން ޕާކިސްތާން ބޭނުންނުވާނެ ކަމުގައެވެ.

މިއީ އީރާނާއި ޕާކިސްތާނާދެމެދު ގޭހުގެ ވިޔަފާރި ކުރުމަށް އެމެރިކާ ޒަމާނުއްސުރެ އަޅަމުންގެންދާ ހުރަސްތަކަށް ދެން ޕާކިސްތާނު ދީލައި ނުލާނެކަމުގެ އިޝާރާތެއްކަމަށް އީރާން ދެކެއެވެ.

އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމަށްޓަކައި ދެގައުމުގެ ދެމެދުގައި ގޭސް ހޮޅިއެއް ބިނާކުރުމުގެ މަޝްރޫއަކީ ވަރަށް ޒަމާންވީ އެހެންނަމަވެސް ހަގީގަތަކަށް ނުވި މަޝްރޫއެކެވެ. މި މަޝްރޫއު ބިނާވެފައިވަނީ ޕާކިސްތާނުގެ އެތެރޭގައި ބިނާކުރާ ގޭސް ހޮޅީގެ ވިއުގައިގެ މައި ހޮޅިއާ އީރާނުން ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ހަމައަށް ގެންނަ މައިހޮޅި ގުޅާލުމުގެ މައްޗަށެވެ.

މިމަޝްރޫއުގެ މަޝްވަރާތައް ދެގައުމުން ފަށާފައިވަނީ 1990ގެ އަހަރުތަކުގައެވެ. އެއަށްފަހު މިކަމާބެހޭ އެއްބަސްވުމުގައި އީރާނާއި ޕާކިސްތާނުން ސޮއިކޮށްފައިވަނީ 2009 ވަނައަހަރުގައެވެ.

މިއެއްބަސްވުމުގެ ދަށުން 2010 ވަނަ އަހަރު އީރާނުންވަނީ އެގައުމުގެ އެތެރޭން މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިގޮތުން އީރާނުގެ ގޭސް ސްޓޭޝަންތަކުން ފެށިގެން ދެގައުމުގެ ސަރަހައްދީ ރޮނގާ ހަމައަށް ގޭސް ހޮޅި ބިނާކުރުމުގެ މަސައްކަތްތަކާއި ޕަންޕް ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް އީރާނުން މިހާރުވަނީ ނިންމާލާފައެވެ.

ޕާކިސްތާނުން މިމަސައްކަތް ފެށީ 2013 ވަނަ އަހަރުގެތެރޭގައެވެ. އެއީ އީރާނުގެ ސަރަހައްދީ ރޮނގުން ފެށިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ގޭސް ފޯރުކޮށްދިނުމަށް ބިނާކުރަންޖެގޭ ހޮޅީގެ ވިއުގަ ބިނާކުރުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ބޮޑުބައެއް ޕާކިސްތާނުން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް މިކަން ހުއްޓުވުމަށް އެމެރިކާ ކުރާ ފިއްތުންތަކުގެ ސަބަބުންނާއި އިގްތިސާދީ އެކި ސަބަބުތަކާ ގުޅިގެން މި ވިއުގައިގެ ޕާކިސްތާނުގެ ބައި ޕާކިސްތާނަށް އަދިވެސް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

މި މަޝްރޫއު ހުއްޓުވަން އެމެރިކާ ފިއްތުންތައް ކުރިމަތިކުރަނީ އީރާނަކީ އެމެރިކާގެ ބަސްނާހާ ގައުމަކަށް ވެފައި އީރާނަކީ އިސްރާއީލު ނައްތާލުމަށް ގޮވާލާ ގައުމަކަށް ވާތީއެވެ. އަދި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް އަދި އިސްލާމިކް ޖިހާދު ޖަމާއަތަށް އީރާނުން ތާއީދުކޮށް ހަތިޔާރާއި އަސްކަރީ ފަންނީ އެހީ އެފަރާތްތަކަށް އީރާނުން ފޯރުކޮށްދޭތީއެވެ.

މީގެއިތުރުން އީރާނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އެމެރިކާއަށް ގޮންޖެހުމަށްފަހު ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރާ ގައުމަކަށް ވުމަކީވެސް އެމެރިކާގެ ރުޅިވެރިކަމާއި ދަތިކުރުމުގެ ފިޔަވަޅުތައް އީރާނަށް އަމާޒުކުރާ މައިގަނޑު ސަބަބެކެވެ. މިކަންކަމާ ގުޅިގެން އެމެރިކާވަނީ އީރާނަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްކަމަށް ސިފަކޮށް އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ނަމަވެސް އީރާނަކީ މުއްސަނދި އަދި އިލްމީ ގޮތުން ކުރިއަރާފައިވާ ގައުމަކަށްވެފައި އަދި އީރާނުގެ ޒައާމަތަކީ ޖެހިލުންކުޑަ ޒަޢާމަތެއްކަމުން އީރާން އިނދަޖައްސާލުމަކީ އެމެރިކާއަށް ކުރެވޭވަރުގެ ކަމަކަށްވަނީ ނުވެފައެވެ.

އީރާނާ ޚިލާފަށް ޕާކިސްތާނަކީ އަސްކަރީ ކަންކަމުގައި އެމެރިކާއަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ގައުމަކަށްވެފައި އެމެރިކާގެ ފިއްތުންތަކާ ކުރިމަތިލެވޭވަރަށްވުރެ އިގްތިސާދީ ގޮތުން ފަގީރު ގައުމަކަށްވާތީ އެމެރިކާގެ ފިއްތުންތަކާއި ބިރުދެއްކުންތަކަށް ވަރަށް ފަސޭހައިން ޕާކިސްތާން ދީލާލައެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާގެ ތަރުޖަމާން މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ އީރާނާއި ޕާކިސްތާނުގެ ގޭސް މަޝްރޫއު ކުރިޔަށް ގެންދިޔުން ލަސްވެފައިވާކަމަށާއި މިކަމަށް އެމެރިކާގެ ހުއްދަ ހޯދަން ނުޖެހޭނެކަމުގައެވެ. ޕާކިސްތާނުގެ މިވާހަކަތަކާ ގުޅިގެން އެމެރިކާވަނީ ކަންބޮޑުވެފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން ކަންޓްރީސް ޑޮނާލްޑް ލޫ ވަނީ އިރާނަކީ "ޓެރިރިޒަމަށް" އެހީތެރިވާ ގައުމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އީރާނަކީ އެމެރިކާއިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ގައުމަކަށްވާތީ އީރާނާއެކު ކުރާ މިފަދަ މުއާމަލާތްތައް ވަރަށް ކައިރިން އެމެރިކާ ބަލަމުން ގެންދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިޔާވަނީ ނުސީދާ ގޮތެއްގައި ޕާކިސްތާނަށް އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް