މިދިޔަ ފަސް އަހަރުގެ ވައުދު ފުއްދަން އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ދޭންޖެހޭތޯ ރައީސް ސުވާލު އުފައްދަވައިފި

ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ކުރިން ސަރުކާރުގައި އޮތް މިހާރުގެ އިދިކޮޅު އެމްޑީޕީން، މިދިޔަ ފަސް އަހަރު ރައްޔިތުންނަށް ކޮށްދޭން ބުނި ކަންތައްތައް ކޮށްދޭން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ދޭންޖެހޭތޯ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސުވާލު މިރޭ އުފައްދަވައިފިއެވެ.

އެމަނިކުފާނު މިފަދައިން ސުވާލު އުފައްދަވާފައިވަނީ ތ.ވިލުފުށީ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލެގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމުނު ސަރުކާރުގައި އެމްޑީޕީން ދޭން ބުނި ފްލެޓްތަކާއި ގޯތިތައް ދޭން ކަމަށް ބުނެ، އެ ޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް މެޖޯރިޓީ ދިނުމަށް އެދެމުންދާ އަޑު ވަރަށް ގަދައަށް އިވެމުންދާ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ އެބޭފުޅުން [އެމްޑީޕީ] އަތުގައި ނޫން ބާވައޭ މިހާރު ވެސް މެޖޯރިޓީ އޮތީ. އެ މެޖޯރިޓީ އަޅުގަނޑުމެން ވެރިކަން ފެށިގެން އައިއިރު ވެސް އޮތީ އެމްޑިޕީއަތުގައި،" ރައީސް ވިދާޅުވިއެވެ.

އެހެންވެ، ހަތަރު މަސް ވަންދެން އެ ޕާޓީ އަތުގައި ސުޕަމެޖޯރިޓީ އޮވެ އެ ޕާޓިން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އެ ބޭފުޅުން އެހާ އިޚްލާސްތެރި ބައެއްނަމަ ކޮންމެހެން އަނެއްކާ އިންތިޚާބަކުން މެޖޯރިޓީ ހަވާލު ކުރީމަތޯ އެ ވިދާޅުވާ ކަންތައް މިހާރު ނުކޮށް ކުރެވެން އަންނަނީ،" ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ރައްޔިތުން ވިސްނަންވެއްޖެ ކަމަށާއި އެކަމާ ވިސްނާލުމުން އެއީ އެއްވެސް އިޚްލާސްތެރިކަމެއްނެތި ދައްކާ ވާހަކައެއްކަން ފަހުމުވާ ކަމަށެވެ.

މީގެއިތުރުން، މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކާއި ގޯތިތައް މި ސަރުކާރުން ހަވާލުނުކޮށްގެން އުޅޭނަމަ އެކަން މެޖޯރިޓީ އޮތް އެމްޑިޕީއަށް ކުރެވެން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރުގައި އޮތް ސަރުކާރުން ހަމަ އެ ބޭފުޅުންނަށް އެއްކަލަ މަޖިލީހުގެ މެޖޯރިޓީ އޮވެ ފަސް އަހަރު ވެގެން ދިޔައިރު. ސަރުކާރު ވެސް އޮވޭ. މަޖިލިސް ވެސް އޮވޭ. އެ ފަސް އަހަރު ނިމެން ދެ ތިން މަހަށްވެ ދެތިން ހަފުތާއަކަށް ވީމަ ދިން ގޯތިތައް ނޫނީ ދޭން އިއުލާނު ކުރި ގޯތިތައް ކުރިން ނުދިން ސަބަބެއް ވެސް އޮންނަން ވާނެތާ. ހަމަ އެ މެޖޯރިޓީ އޮތް،" ރައީސް ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވަނީ މިދިޔަ ސަރުކާރު ނިމިގެން ދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ލޯންތައް ނަގައި 120 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައި އެ ލޯންތައް ދެއްކޭނެގޮތް ނުދައްކާ ކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް