ރާއްޖޭން ސުލްހަ މާނަކުރަނީ ތިމާވެށީގެ ރައްކާތެރިކަމަށް: އަސްލަމް

މަޖިލިސްގެ ރައީސް ޖެނީވާގައި ބޭއްވި 148 ވަނަ އައިޕީޔޫ އެސެމްބްލީގައި -- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭން ސުލްހަވެރިކަން މާނަކުރަނީ ތިމާވެށީގެ ރައްކާތެރިކަމާއި ސަލަމާތްތެރިކަމަށް ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ހިމެނޭ އިންޓަ ޕަލިމަންޓޭރިއަން ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުންނެވެ.

އެ އެސެންބްލީގައި ތަގުރީރު ކުރައްވަމުން އަސްލަމް ވިދާޅުވީ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކުގައި, ކުޑަ ގައުމެއް ނަމަވެސް ރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މޫސުމީ ގޮތުން ރެފިއުޖީންނަށްވާން ބޭނުންނުވާ ކަމަށާއި ފަސްލައްކައަށް ވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭ ކަމަށް ވިޔަސް ގެދޮރު ގެއްލެން ބޭނުން ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖެއަށް ސުލްހަވެރިކަމުގެ މާނަގައި ތިމާވެށިގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހިމެނޭ. އަޅުގަނޑުމެންގެ ސަގާފަތެއް އެބަ އޮތް. އަޅުގަނޑުމެންގެ ބަހެއް އެބަ އޮތް. އަޅުގަނޑުމެންގެ އައިޑެންޓިޓީއެއް އެބަ އޮތް. އަޅުގަނޑުމެން ބޭނުން ވަނީ އަބަދަށް މި ކަން ދަމަހައްޓަން" އަސްލަމް ވިދާޅުވިއެވެ.

މަޖިލިސްގެ ރައީސް ޖެނިވާގައި ބޭއްވި 148 ވަނަ އައިފީޔޫ އެސެންބްލީގައި ---- ފޮޓޯ/ މަޖިލިސް

އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ދާއިރާގައި ފައިދާ ހުރި ގޮތެއްގައި މަސައްކަތް ކުރުމަށް ހަމަހަމަ ކަމާއެކު ދެ ޖިންސަށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި އެ ދާއިރާގައި މަސައްކަތް ކުރަނީ ފަސް އިންސައްތަ އަންހެނުން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ ސިޔާސީ ދާއިރާގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ދެ ޖިންސުގެ މީހުންގެ ތަފާތު ކަމެއް ނެތި މަސައްކަތް ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މި ކަމަށް އަޅުގަނޑުމެން ޕްރޮއެކްޓިވް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް" އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެިއތުރުން، އަސްލަމް ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައާއި ޓެރަރިޒަމްގެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އަދި އޭނާ ވަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް މިހާރު މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް