ރ. ހުޅުދުއްފާރު ގިރާތާ 20 ވަރަކަށް އަހަރު ވީއިރު ވެސް، އެކަމަށް އެދެވޭ ހައްލެއް ނުލިބި، ރަށުގެ ބޮޑުބައެއް ގިރާ ހުސްވަމުންދާތީ އެރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހުޅުދުއްފާރު ގިރަމުންދާ މައްސަލައާ ގުޅުން ހުރި މައުލޫމާތު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް ވަނީ "ސަން"އާ ހިއްސާ ކުރައްވާފައެވެ.
އާތިފް ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަޅިން ބަނދަރުން ފެށިގެން ވަރަށް ބޮޑު ސަރަހައްދެއް ގިރާފައިވާ ކަމަށެވެ.
މިއަހަރުގެ ހުޅަނގު މޫސުމުގައި ވެސް ރަށުގެ ވަރަށް ބޮޑު ސަރަހައްދެއް ގިރި ކަމަށާއި މިހާތަނަށް އައިއިރު އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރީގެ މިނަށް ބަލައިފިކަމަށް ވަންޏާ 150 އެއްހާ ފޫޓު ރަށުގެ ފުޅާމިނުން ގިރާލާފަ މިހާރު އޮތީ," އާތިފް ފާހަގަކުރެއްވިއެވެ.

ހުޅުދުއްފާރުގެ ރުއް ގަނޑު: އެރަށުގެ ބޮޑު ބައެއް ގިރަމުންދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ --- ފޮޓޯ/ މޯލްޑިވްސް ސްޓޭސް
ހުޅުދުއްފާރު ގިރަން ފެށީ އެ ރަށުގެ ފަޅު ހެދި ހިސާބުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރަށުގެ ބޮޑު ބައެއް ނުގިރާނަމަ އެ ބިންތައް ވެސް އެކި ކަންކަމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
"ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބަ އޮތް މިކަމާ ގުޅިގެން. މި މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވާ މައްސަލަ ދެން," އޭނާ ވިދާޅުވިއެވެ.
ރަށް ގިރާ މައްސަލައަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ގެނެވެން ޖެހޭނެ ކަމަށާއި ރަށް ގިރާ ހުސްވުމަކީ ރައްޔިތުންނަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށް އާތިފް ވިދާޅުވިއެވެ.
މީގެއިތުރުން، އާތިފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރަށް ގިރާ މައްސަލަ ހައްލު ކުރަން އެމްޓީސީސީއާ ހަވާލުކުރި ކަމަށެވެ.

ހުޅުދުއްފާރު: އެރަށުގެ ބޮޑު ބައެއް ގިރަމުންދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ --- ފޮޓޯ/ ސާންޑީ
ނަމަވެސް، އަބާދީގައި 1600 އެއްހާ މީހުން ދިރިއުޅޭ ހުޅުދުއްފާރު ގިރާ މައްސަލައަށް އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ސަރުކާރުގެ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށް އެމްޓީސީސީން ބުނެފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ރައްޔިތުންގެ ވަރަށް ކަންބޮޑުވުން އޮތް މައްސަލައެއް މީ. މިގޮތަށް ދިގުލާ ދާން ވެއްޖިއްޔާ ހެލިމަތި މުޅިން އެއްކޮށް ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.
މި މައްސަލައަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާއިރު، ސަރުކާރުން މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ގެނައުމަށް އެދޭ ކަމަށް އާތިފް ވިދާޅުވިއެވެ.