މުރަކަތައް އާންމު ހާލަތަށް އެޅެން ފެށީ އަދި ކިރިޔާ، މަޝްރޫއުތައް ފަށަން އަވަސް: ސޭވް ދަ ބީޗް

މިދިޔަ އަހަރު ބ. ފުޅަދޫ މުރަކަ ހުދުވުން: ސޭވް ދަ މޯލްޑިވްސްއިން ބުނި ގޮތުގައި ގާ ހުދުވުމުން ލިބުނު ގެއްލުމަށް ފަހު ފަރުތައް ހަމައަކަށް އެޅެން ފެށީ އަދި ކިރިޔާ -- ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމުގެ މައްސަލަ ރަނގަޅުވާން ފެށީ އަދި ކިރިޔާ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއުތައް މި ވަގުތަށް ރަނގަޅުވާނީ ހުއްޓާލަފައި އޮތުން ކަމަށް ސޭވް ދަ ބީޗް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ފަރުތަކުން ގާހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގީ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހެވެ. ނަމަވެސް އެ އެންގުން މިއަދު ވަނީ އުވާލައިފައެވެ.

https://sun.mv/193092

އެ ނިންމުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗްގެ ރައީސް ހަސަން އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ، ފަރުތަކުން ހުދުވަމުންދާ މުރަކަތައް ގެއްލުމުން އަރައިގަންނަން ފެށީ އަދި ކިރިޔާ ކަމަށާއި މި ދަނޑިވަޅުގައި ބިން ހިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މިކަހަލަ މައްސަލަތައް ހައްލު ކުރުމަށް ވަގުތު ބޭނުންވޭ،" ހަސަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަރެއްގެ މުރަކަތައް ހުދުވާން ފަށާފަ: މި ވަގުތަށް ރަނގަޅުވާނީ ބިން ހިއްކުމުގެ މަޝްރޫތައް ހުއްޓާލާފަ އޮތުން ކަމަށް ސޭވް ދަ ބީޗް އިން ބުނޭ --- ފޮޓޯ/ މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު

މި ފަދަ މައްސަލަތަކާ ގުޅޭ ގޮތުން ރާއްޖޭގައި ރަނގަޅު ދިރާސާތައް ނުކުރެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މައްސަލައާ ގުޅޭ ރަނގަޅު މައުލޫމާތު ނުހުންނަ ކަމަށާއި ސަރުކާރުގެ ނިންމުންތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

"އަސްލު މި ގަޑީގައި އަދިވެސް ކޮރަލްސްތައް ރިކާވާ ވޭއެބަ. ވަރަށް ބޮޑަށް ފާހަގަވޭ އެބަ ކުލަ އަރަމުން މަޑުމަޑުން އަންނަކަން. ކުރީގެ ބެކްޓު ނޯމަލް ސްޓޭޓަސްއަށް އަންނަކަން. އަދި ތަންކޮޅެއް އަވަސް ކަންނޭނގެ މަޝްރޫތައް ފައްޓަން. އެއްކޮށް ހުއްޓާލާފައި ބަހައްޓަން ރަނގަޅު ކަންނޭނގެ އަދި،" ހަސަން ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަހައްދު ހިއްކަނީ: މި ވަގުތަށް ރަނގަޅުވާނީ ބިން ހިއްކުމުގެ މަޝްރޫތައް ހުއްޓާލާފަ އޮތުން ކަމަށް ސޭވް ދަ ބީޗް އިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މި ދަނޑިވަޅުގައި ވެސް ބިން ހިއްކާނަމަ، އެ މަސައްކަތް ކުރަން ޖެހޭނީ ވަރަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކައުންސިލުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އެކަމަށް ހޭލުންތެރިވެ، ފަރުތަކަށް ގެއްލުންވާ ކަންތައްތައް ހުއްޓުވުމަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްތަކުގައި ތިބި މީހުންނާއި މާލެ ސަރަހައްދުގައި ތިބި މީހުން ވަރަށް މުހިންމު ކަންނޭނގެ، އެބަޔެއްގެ ފަރު ހިމާޔަތްކުރަން، އެބަޔެއް އެކަމަށް ހޭލުންތެރިވުމަށް އަމިއްލައަށް އެކަމާ ގުޅޭ މައުލޫމާތު ހޯދައި ބަލައި، ކިހިނެއްތޯ މި ވަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އީޕީއޭއިން މަޝްރޫއުތައް ހުއްޓާލަން އަންގާފައިވާ އެންގުން ބާތިލުކޮށް ނެރުނު އިއުލާނުގައިވަނީ، ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގައި، މި ވަގުތު މޫދާއި ފަރު ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އަންނަ އޯގަސްޓް މަހުގެ 31ގެ ފަހަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިދިނުމަށް އެދިފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ވަނަ އަހަރުގައެވެ.

comment ކޮމެންޓް