ހަފުތާއެއް ފަހުން ވައިކަރަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ހަފްތާއެއް ފަހުން ހދ. ވައިކަރަދޫއިން ކަރަންޓު ކެނޑެންފެށިތާ ހަފްތާއެއް ފަހުން އެ މައްސަލަ ހައްލުކޮށް، މިއަދު ކަރަންޓުދޭން ފެށުން -- ފޮޓޯ/ ފެނަކަ

ހދ. ވައިކަރަދޫން ކަރަންޓު ކެނޑެންފެށިތާ ހަފުތާއެއް ފަހުން އެ މައްސަލަ ހައްލުކޮށް، މިއަދު އެ ރަށަށް ކަރަންޓުދޭން ފަށައިފިއެވެ.

ވައިކަރަދޫން ކަރަންޓު ކެނޑެން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ރަށުން ކަރަންޓު ކެނޑެންފެށީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވުމުންނެވެ.

ފެނަކައިން މިއަދު ކުރި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި، މިހާރު މުޅި ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު "ސަން"އާ ވާހަކަދައްކަމުން ވައިކަރަދޫ ކައުންސިލް މެންބަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ފުރަތަމަ ކަރަނޓު ކެނޑުނު ދެ ދުވަހު ކަރަންޓު ކެނޑެނީ ކުއްލިއަކަށް ކަމަށެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއް އިންޖީނުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭތީ ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތްދީފައިވަނީ ވަކިވަކިން ޝެޑިއުލް ހަދައިގެންނެވެ. އަދި، ރަށުގެ ކޮންމެ އަވަށަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން ކަރަންޓު ކެނޑެއެވެ.

https://sun.mv/190105

ޒީނިޔާ ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑެން ފެށީއްސުރެ އެންމެ ދުވަހަކު ވެސް ރޯދަ ވީއްލާ ވަގުތަކު ކަރަންޓެއް ނުލިބެއެވެ.

ވަކިން ހާއްސަކޮށް ރޯދަމަހަކީ ރޯދަވީއްލާ ވަގުތަށް ކާތަކެތި ތައްޔާރު ކުރަން ގިނަ މީހުން އަވަނެތި އުޅޭ ދުވަސްވަރަކަށްވީއިރު، ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

comment ކޮމެންޓް