ހދ. ވައިކަރަދޫން ކަރަންޓު ކެނޑޭތާ ފަސް ދުވަސް ވެފައިވާއިރު، ކަރަންޓު ލިބޭނެ ދުވަހެއް ނޭންގޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަން ފަށައިފިއެވެ.
ވައިކަރަދޫން ކަރަންޓު ކެނޑެން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ރަށުން ކަރަންޓު ކެނޑެންފެށީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވުމުންނެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން އެ ރަށު ކައުންސިލް މެންބަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ފުރަތަމަ ކަރަނޓު ކެނޑުނު ދެ ދުވަހު ކަރަންޓު ކެނޑެނީ ކުއްލިއަކަށް ކަމަށެވެ. ނަމަވެސް، މިހާރު އެންމެ އިންޖީނަކުން ކަރަންޓު ފޯރުކޮށްދޭތީ ރަށުގެ އެކި ސަރަހައްދުތަކަށް ޝެޑިއުލެއް ހަދާ އެ ޝެޑިއުލާ އެއްގޮތަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ޝެޑިއުލްގެ ތިރީގައި ވެސް އިނދޭ އެންމެ އިންޖީނަކުން ކަރަންޓު ފޯރުކޮށްދޭތީ ކަރަންޓު ކެނޑިދާނެއޭ ކޮންމެ ވަގުތަކު ވެސް. ދެން ހަމަ ކެނޑޭ ޝެޑިއުލް ހަދާފައި އިނަސް ޝެޑިއުލްގެ ބޭރުން އެކި ގަޑިގަޑީގައި،" އޭނާ ވިދާޅުވިއެވެ.
މިއީ ރަމަޟާން މަސްކަމުން ކަރަންޓު ނެތުމުގެ އުނދަގޫ އިތުރުވާކަން ފާހަގަކޮށް ޒީނިޔާ ވިދާޅުވީ، ކަރަންޓު ކެނޑެން ފެށީއްސުރެ އެންމެ ދުވަހަކު ވެސް ރޯދަ ވީއްލާ ވަގުތު ކަރަންޓު ނުހުންނަ ކަމަށެވެ.
ވައިކަރަދޫ މީހަކު ފެންވަރަން ހުއްޓައި ރޭ ކަރަންޓު ކެނޑުމުން ސައިބޯނިތަކާ އެކު ތުވާލި އޮޅައިގެން ނުކުމެ އުޅޭ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އެ ގޭގައި ވަޅު ހުރީ އަޑީގައި ކަމުން ފެން ނެގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
ވައިކަރަދޫއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން މިދިޔަ ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ، އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރާކަމަށެވެ. ނަމަވެސް، ކަރަންޓު ލިބޭނެ ދުވަހެއް އަދި ނޭންގޭ ކަމަށް އެ ރަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ.
"އަޅުގަނޑުމެންނަކަށް ވަކި ތާރީޚެއް ފެނަކައަކުން ނުދޭ. މިހާރު ވަރަށް ގިނަ މީހުންގެ އެއްޗެހި ހަލާކު ވެއްޖެ. އެސީއާ އައިސް އަލަމާރި ކަހަލަ. މުޅި ރަށުން ވައިފައިގެ ޚިދުމަތް ވެސް މިހާރު ވަނީ ކަނޑައިލާފައި،" އެ ރަށު މީހަކު ބުންޏެވެ.