ޑުރަގަށް ފަރުވާ ހޯދާ މީހުން ޖަލަށްނުލައި ފަރުވާއަށް ފުރުސަތު ދޭނަން: ރައީސް

ރައީސް މުއިއްޒު: ވިދާޅުވީ ޑުރަގުގެ ފަރުވާ ހޯދާ ކުދިންނަށް ފަރުވާ ހުއްޓާލަންނުޖެހޭ ގޮތެއް ހަދައިދޭނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދަމުން އަންނަ މީހުން ކުރީގެ މައްސަލަތަކުގައި ޖަލަށްދާންޖެހޭ ޖެހުން ބަދަލުކޮށް، ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ވަނީ މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ނުލިބޭ ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.

"ކުއްޖާ އަމިއްލަ ގޮތުން މެތަޑޯންގައި ބައިވެރިވެގެން އުޅެނިކޮށް ކުރީގެ މައްސަލައެއްގައި ޑުރަގު ކޯޓުން މި ހުކުމްކުރަނީ ރިހެބަށްދާން. ކުރީމާ އެއްކަލަ ކުއްޖާ ވަޒީފާގައި ހުރެފައި ވަޒީފާ ދޫކޮށްލާފައި އަނެއްކާ އެބަ ބުނޭ އެކޮޅަށް ދާން،" އޭނާ ބުންޏެވެ.

އެހެންވެ، އޭގެ ބަދަލުގައި ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މެތަޑޯން ޓްރީޓްމަންޓު ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށެވެ. އަދި، އެ ކަން މިހާރަށްވުރެ ހަރުދަނާކުރަން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ތި ވިދާޅުވި ކަންތައް މިހާރު އޮންނަ ގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ޓްރީޓްމަންޓު އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން [ދަންނަވާނަން]،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެ މައްސަލައަށް ހައްލެއް ހޯދަން އާ ސަރުކާރުން ވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރިހެބްލިޓޭޝަން ސެންޓަރުތައް ގާއިމުކުރަން ނިންމައިފައެވެ.

comment ކޮމެންޓް