ދުނިޔޭގައި ކުޅޭ އެންމެ ފާހަގަކޮށްލެވޭ ޓީ ޓުވެންޓީ ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕާ ކިންގްސްއިން ކާމިޔާބުކޮށްފިއެވެ.
ޗެންނާއީގެ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސުޕާ ކިންގްސްއިން ކާމިޔާބު ކޮށްފައިވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ބައްދަލުކޮށް ހަ ވިކެޓުންނެވެ.
މެޗުގެ ޓޮސް ދިމާވުމުން ރޯޔަލް ޗެލެންޖާސްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 173 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 48 ލަނޑު ހަދައިދިން އަނޫޖް ރާވަތުއެވެ. މީގެ އިތުރުން، ޑިނޭޝް ކާތިކު 38 ލަނޑު ހަދައިދިންއިރު ކެޕްޓަން ފަފް ޑު ޕްލެސީސްއަށް ހެދުނީ 35 ލަނޑެވެ. މި އީނިންގްސްގައި ސުޕާ ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 29 ލަނޑަށް ހަތަރު ވިކެޓް ނަގައިދިން މުސްތަފިޒޫރު ރަހްމާނެވެ.
ޖަވާބުގައި ސުޕާ ކިންގްސްއިން ކުޅެން އަރައި 18 އޯވަރު ހަތަރު ބޯޅައަށް ހަތަރު ކުޅުންތެރިން ނުބައިވެގެން 176 ލަނޑު ހަދާ މެޗު ކަމިޔާބުކުރިއެވެ.
ސުޕާ ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ 37 ލަނޑު ހަދައިދިން ރަޗިން ރަވިންދްރާއެވެ. މީގެ އިތުރުން، ޝިވަމް ޑޫބޭވަނީ 34 ލަނޑު އަދި އަޖިންކްޔާ ރަހާނޭ 27 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ރޯޔަލް ޗެލެންޖާސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 27 ލަނޑަށް ދެ ވިކެޓް ނަގައިދިން ކެމެރޮން ގްރީންއެވެ.