އެޕަލް ވޮޗް އެންޑްރޮއިޑަށް ސަޕޯޓް ދިނުމަށް ކުރި މަސައްކަތް ނާކާމިޔާބު

އެޕަލްވޮޗް --

އެޕަލް ވޮޗް، އެންޑްރޮއިޑް ސްމާޓް ފޯނުތަކަށް ސަޕޯޓް ދިނުމަށް އެތައް އަހަރެއް ވަންދެން އެޕަލްއިން ކުރި މަސައްކަތް ފެއިލްވެފައިވާކަން އެޕަލް އިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)ގެ އެންޓިޓްރަސްޓް ދައުވާއަށް އެޕަލް އިން ދިން ޖަވާބަކުން ހާމަވެފައިވާ ގޮތުގައި އެޕަލް ވޮޗް އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ސަޕޯޓް ދިނުމަށް އެތައް އަހަރެއް ހޭދަކޮށްފައިވާއިރު، އެ ޕްލޭންތައް އެންމެ ފަހުން މިހާރުވަނީ ދޫކޮށްލައިފައެވެ.

އެޕަލްގެ 88 ސަފުހާގެ ފައިލިންގައި ބުނެފައި ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ އައިފޯން ބޭނުންކުރާ މީހުންގެ އިތުރުން އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް އެ ކުންފުނީގެ މަގުބޫލު ސްމާޓްވޮޗަށް ކަނެކްޓް ކުރެވޭނެ ގޮތްތައް ދެނެގަނެވިފައި ކަމަށެވެ.

ނަމަވެސް ޓެކްނިކަލް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހުމުން އެޕަލް އިން ނިންމީ އެޕަލް ވޮޗް އަމިއްލަ އައިއޯއެސް އިކޯސިސްޓަމަށް ހާއްސަކޮށް ބެހެއްޓުމަށެވެ.

ކޯޓްގައި ޖަވާބުދާރީ ވަމުން ބުނީ އެޕަލް އިން ވިސްނާފައި އޮތީ އެންޑްރޮއިޑް ހޭންޑްސެޓްތަކުގައި އެޕަލް ވޮޗަށް ސަޕޯޓް ކުރާނެގޮތް ހަދަން ކަމަށެވެ. ނަމަވެސް ތިން އަހަރު ދުވަހުގެ ތެރޭގައި ފެނުނު ޓެކްނިކަލް ލިމިޓޭޝަންތަކުގެ ސަބަބުން އެ ކުންފުނީގެ ޕްލޭންތައް ދޫކޮށްލަން ނިންމީކަމަށެވެ.

ބްލޫމްބާގްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި އެޕަލްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އައިފޯން ވިއްކުމަށް ބާރު އެޅުމުގެ ގޮތުން އެޕަލް އިންޖިނިއަރުން އެ މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވި ކަމަށެވެ.

"ޕްރޮޖެކްޓް ފެނެލް" ގެ ނަމުގައި އެޕަލް އިން އިސްނަގައިގެން އެންޑްރޮއިޑް ކޮމްޕެޓިބަލް އެޕަލް ވޮޗެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށް ބްލޫމްބާގް ގެ ރިޕޯޓްގައި ވުނެފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ޑީއޯޖޭއިން ހުށަހެޅި އެންޓިޓްރަސްޓް ދައުވާއާ ދެކޮޅަށް އެޕަލް އިން ވަރުގަދަ ދިފާއުގައި ވާހަކަ ދައްކަމުންދާއިރު ފެޑެރަލް ދައުވާގައި ބުނެފައިވަނީ ކްރޮސް ޕްލެޓްފޯމް މެސެޖިންއަށް ހުރަސް އެޅުމާއި، ތާޑް ޕާޓީ އެޕްގެ ގާބިލްކަން ލިމިޓްކުރުމާއި، އެޕަލް ޕޭގެ ޓެޕްޓުޕޭ ފަންކްޝަނަލިޓީ ހިފެހެއްޓުން ފަދަ ކަންކަމުގެ ސަބަބުން އެޕަލް ކުންފުނިން ވާދަވެރިކަމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

ޖަވާބުގައި އެޕަލް އިން ބުނީ މި ދައުވާގެ ސަބަބުން "އެޕަލްގެ އަމިއްލަ ވަންތަ ކަމަށް ބުރޫއަރާ ކަމަށާއި، އަދި އެޕަލްގެ އުފެއްދުންތައް ވަކިކޮށްދޭ އުސޫލުތަކަށް ނުރައްކާވާ ކަމަށެވެ. މިއީ ހަގީގަތާ ޚިލާފު ދައުވާއެއް ކަމަށާއި، އެފަދަ ދައުވާތަކާ ދެކޮޅަށް މަސައްކަތްކުރާނެކަމަށް އެޕަލްއިން ވަނީ ވައުދުވެފައެވެ.

އެޕަލްއަކީ އެކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގެ ޕްރޮޑަކްޓްތަކުގައި އަމިއްލަވަންތަ ގޮތްތަކެއް ގެންގުޅުމަށް ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ކުންފުންޏެކެވެ. އަދި އެކުންފުނީގެ ކުރިއެރުމަކީ ވެސް އެއީ ކަމުގައި އެ ކުންފުނިން ދެކެއެވެ.

comment ކޮމެންޓް