ދިވެހިބަހުގެ އެކެޑެމީއާއި ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފާރާއާ ގުޅިގެން ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ރޭ ފާހަގަކޮށްފިއެވެ.
ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް މުޙައްމަދު ފައްޔާޒު ގިލާނީ ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ގިލާނީ ވިދާޅުވީ ޅެންވެރިކަމަކީ ދުވަހުގެ ދިރިއުޅުމުގައި ވަރަށް ބޮޑު އަސަރެއް ކުރާ އެއްޗެއް ކަމަށާއި އެއީ އަހަރެމެންގެ އިހުސާސްތަކާއި ފިކުރާއި ޝުއޫރުތަކުގެ އިތުރުން ތަސައްވުރާ ގުޅިފައިވާ އެއްޗެއް ކަމަށެވެ.
އެހެންވެ، ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ޖަޒުބާތީވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ޖަޒުބާތުތައް ފާޅުކުރާނީ ވަރަށް މަޑުމައިތިރި އަދި އެހާމެ މާނަފުން ގޮތަކަށް. އަޅުގަނޑު ބުނާނީ އެއީ ފިނިފެންމަލަށް ވުރެ ރަނގަޅު ގޮތެއް ކަމަށް،" ފައްޔާޒު ގިލާނީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޅެންވެރިކަމަކީ އާދަޔާ ހިލާފު ޕްރެސެޕްޝަނެއް ކަމަށާއި އެއީ ހިތާ ގުޅިފައިވާ ބަހެއް ކަމަށް ފައްޔާޒު ގިލާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ޒަމާނުގައި ޅެންވެރިކަމަކީ ޒުވާންކަމުގެ ތެރޭގައި ރަނގަޅު އަގުތައް އާލާކޮށް އެ މީހުންގެ ހަގީގީ ތަޤުދީރު ޙަޤީޤަތަކަށް ހަދައިދޭ ފައިދާހުރި އެއް މެކޭނިޒަމް ކަމަށެވެ.
"އަހަރެމެން ޕާކިސްތާނުގައި މީގެ ކުރިން އުޅުނު ޅެންވެރިއެއް ކަމަށްވާ އައްލާމާ މުޙައްމަދު އިޤްބާލް އޭނާގެ ޅެންވެރިކަމާއި ފިލޯސަފީ މެދުވެރިކޮށް އެތައް މިލިއަން މުސްލިމުންނަށް ޒަމާނުގެ ހަގީގަތާއި މަޖުބޫރު ތަޤުދީރު އަމިއްލައަށް ހޭލައްވާލުމަށް އިންސްޕަޔާ ކޮށްދިން،" އެނާ ފަހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޝްރަފް ވަނީ ޅެންވެރިކަމުން އުފާ ހޯދޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށާއި އަދަބުން އުފާ ހޯދަން ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މަދު އެއްޗެއް މިއީ އަދަބުން އުފާ ލިބިގަތުން. އަޅުގަނޑުމެންނަށް އަދަބުން އަދަބު މި ލިބިގަނެވެނީ،" އަޝްރަފް ވިދާޅުވިއެވެ.
އެހެންވެ، އަދަބުން އަދަބު ލިބުމުގެ ބަދަލުގައި އެކަމާ މެދު ވިސްނާ ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޅެންވެރިންގެ ތެރޭގައި މަޝްހޫރު ބައެއް ޅެންވެރިންގެ ޅެންތަކާއި އެކިކަހަލަ މަދަހަތައް ހުށަހަޅައިދީފައެވެ.
ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަން އ.ދ އިން ނިންމީ 1999 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ ޅެންވެރިކަމުގެ ތެރެއިން ބަހަވީ ޢިލްމުތައް ސިންދަފާތުކުރުމަށާއި ނެތެމުންދާ ބަސްތަކުގެ އަޑު ގަދަކުރުމުގެ މަޤުޞަދުގައެވެ.