ރޯދަ ކުރުކުރަން ވަގުތު ލިބޭތަ؟

ރޯދަ މަހު ހަވީރު ރޯދަ ކުރުކޮށްލުމަށް ކުދިބޮޑު ގިނަ ބަޔަކު ސައިކަލު ބުރު ޖެހުމަށް ނިކުމެލައި --- ސަން ފޮޓޯ

ރޯދަ މަހަކީ އެހެން މަސް ތަކާ ހިލާފަށް ދިވެހީންގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. އެގޮތުން ލިބޭ ގިނަ ވަގުތުތައް އެކި ކަންތައްތަކަށް ހޭދަ ކުރަން ޖެހެއެވެ. އެއާއެކު މުޅި ދުވަހުގެ 24 ގަޑިއިރު އޮންނަނީ ކުރުވެފައެވެ.

ރޯދަ މަހުގެ ބިޒީ ޝެޑިއުލްތަކުގެ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއް ވަގުތަކީ ރޯދަ ކުރުކޮށްލުމަށް ލިބޭ ވަގުތެވެ. ރޯދަ ވީއްލުމުގެ ކުރީން ހަވީރު ވަގުތު އާއިލާއާއި އެކުވެރިން އާންމުކޮށް ނުކުމެ އުޅޭނީ ރޯދަ ކުރު ކުރާށެވެ.

ސައިކަލު ބުރު ޖަހާލައި ޕާކަށް ގޮސްލައި ހެދުމަކީ ރޯދަ ކުރުކޮށްލުމަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ ކުރީން ވަރަށް އާންމު ކަމެކެވެ. މިހާރު މި އާދަ ކޮންމެ ވެސް ވަރަކަށް މަދުވެފައިވާކަން ފާހަގަކުރެއެވެ.

"މިދިޔަ އަހަރު ވެސް ކޮންމެ ހަފުތާ އަކު އާންމުކޮށް ރޯދަ މަހު ހަމަ ހަވީރު އެއްކޮށްހެން ފްރީ ވޭ. އެހެންވީމާ އަންހެނުންނާ ދެ މީހުން ދަނީ ބޭރަށް ފިނިކޮށްލަން. އެކަމު މި އަހަރު އަދި ނުދެވޭ،" އުމުރުން 28 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި މި އަހަރުގެ ރޯދަ މަހުން ހަފުތާއެއް ނިމިފައިވާއިރު އަދި އެންމެ ދުވަހަކު ވެސް ރޯދަ ކުރުކޮށްލަން ނުކުމެވޭ ގޮތް ނުވެއެވެ. ސަބަބެއް ކަމުގައި ވަނީ މާ ބޮޑަށް ބިޒީވުމެވެ.

ވަޒީފާއަށް ފަހު ރޯދަ މަހު ރޯދަ ވީއްލަން އެއްޗެއް ހަދަން ބޭނުންވާ ތަކެތި ގަންނަން ފިހާރައަށް ވެސް ދާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެއީ ވެސް މިދިޔަ އަހަރާ އެއްގޮތަށް ކުރަމުންދާ ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

ދެ މީހުން އެކީގައި ބަދިގޭގައި އުޅެ މަސައްކަތް ނިމޭ ފަހުން ވަރުބަލިވެފައި ތިބޭތީ ދެ މީހުން އަބަދު ވެސް މިހާރު ރެސްޓު ކުރާތީ ބޭރަށް ދާން ވަގުތު ނުލިބެއެވެ. ރޯދަ ކުރު ކުރަނީ ގޭގައެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި މި ދުވަސްކޮޅު ހޫނުގަދަކަމުން ވަޒީފާއަށް ފަހު ގެއަށް ގޮސް ރެސްޓު ކުރަނީއެވެ. އަދި ބަދިގެއަށް ވަންނަނީ ގިނަ ފަހަރަށް އަސުރު ނަމާދު ކޮށްގެންނެވެ. އެއާއެކު ރޯދަ ވީއްލުމަށް އެއްޗެހި ތައްޔާރުކޮށް ނިމޭއިރު ގިނަ ފަހަރު ހުންނަނީ ބަންގި ގޮވަން ގާތް ވެފައެވެ.

ހޫނު ގަދަ ވުމާ ގުޅިގެން ރޯދައިގެ ޝެޑިއުލްތަކަށް މި އޮތީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް އަދިވެސް ހަވީރަށް ރޯދަ ކުރުކޮށްލަން ނުކުންނަ މީހުން މަދެއް ނޫނެވެ. ރޯދަ ކުރު ކޮށްލަން ނުކުންނަ މީހުން އާންމުކޮށް މިހާރު ކޮށް އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ބޭރަށް ދަނީ ހެއްޔެވެ؟ ނުވަތަ ގޭގައި ކޮންމެ ވެސް އެއްޗެއް ބަލާލަނީ ނޫނީ އެއްޗެއް ކުޅެލަނީ ހެއްޔެވެ؟

comment ކޮމެންޓް