ރަސްމާލެ މަޝްރޫއު ފެށިއިރު ވެލި ނަގަން އެކަށީގެންވާ ސަރަހައްދެއް ދިރާސާ ނުކުރޭ: މުއްތަލިބު

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން: ރަސްމާލެ މަޝްރޫއު ފެށިއިރު ވެލި ނަގަން އެކަށީގެންވާ ސަރަހައްދެއް ދިރާސާ ނުކުރާ ކަމަށް މިއަދު މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރަސްމާލެ މަޝްރޫއު ފެށިއިރު, އެ މަސައްކަތާ ހަވާލުވި ކުންފުނިން ވެލި ނަގަން އެކަށީގެންވާ ސަރަހައްދެއް ދިރާސާ ނުކުރާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރަން ކޮންޓްރެކްޓް ކޮށްފައިވަނީ، ބިން ހިއްކާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ސީއެމްސީން، ގުޅީފަޅު ބިން ހިއްކާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި ރަސްމާލެ ބިން ހިއްކުން ހުއްޓިފައި އޮތީ މައިގަނޑު ދެ މައްސަލައަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް އިޝޫއަކީ ހަގީގަތުގައި ސޮއިކުރި ކޮންޓްރެކްޓަރާއި ބޮސްކާލިސްއާ އެރޭންޖްމަންޓުތަކެއް ހުރީ. ބޮސްކާލިސްއިން މިވަގުތު ގުޅިފަޅު ހިއްކަން ބޭނުންކުރާ ޑްރެޖަރު އެއީ އެންމެ ޑުރެޖަރެއް، އެ ޑްރެޖަރުން ގުޅީފަޅު ހިއްކާފައި އެ ޑުރެޖަރު މޫވް ކުރުމުގެ ވިސްނުމެއް އެ ބޭފުޅުން ގެންގުޅުއްވަނީ،" އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އާ ޑްރެޖަރެއް މިކޮޅަށް ގެނައުމަކީ ދައުލަތުން ހަރަދުކުރާނެ ކަމަކަށް ނުވުމުން، ރާއްޖޭގައި މިހާރު އޮތް ޑްރެޖަރު ބޭނުންކުރުމަކީ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މަޝްރޫއު ފެށިއިރު ބިން ހިއްކަން ވެލި ނެގުމަށް ޓަކައި އެކަށީގެންވާ ވަރުގެ ބޮޑު ސަރަހައްދެއް ދިރާސާކޮށްފައި ނެތުމެވެ. އެގޮތުން ކުންފުނިން ނިންމާފައި އޮތީ މަސައްކަތް ފެށުމަށް ފަހު އެ ދިރާސާ ކުރަން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"މިހާރު އެ ބޭފުޅުން ދެއްވާ މައުލޫމާތަކީ އެ ބޭފުޅުން ވެލި ނެގި ތަނުގައި ކުރިއަށް ގެންދާވަރަށް ވެލި ނެތީމާ އެ ބޭފުޅުން ބޭނުންވެޔޭ ތަންކޮޅެއް އެކްސްޓެންސިވްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަޝްރޫއު ކުރިއަށްގެންދެވޭތޯ ކަމަށާއި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި އޮތުމުން، ޑްރެޖަރު އަވަހަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/190039

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ އެއްކޮށް ނިންމައިލެވޭނެ ކަމަށް ވެސް މިއަދު މުއްތަލިބު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ސަރުކާރުގެ އަމާޒަކީ އެ މަސައްކަތް އަށް މަސް ތެރޭ ނިންމުމެވެ.

އެ މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ.

comment ކޮމެންޓް