ގުޅިފަޅުން 127 ހެކްޓަރު ހިއްކައިފި، ފުރަތަމަ ބައި މަހެއްތެރޭ ނިމޭނެ: މިނިސްޓަރު

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބް: ވިދާޅުވީ މަހެއް ތެރޭ ގުޅިފަޅު ހިއްކައި ނިމެނޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކުރި މަޝްރޫއު ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ އެއްކޮށް ނިންމައިލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފުސީލުހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރު ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ހަވާލުކޮށްފައި އޮތް ބިން ހިއްކުމުގެ ބައިގެ މަސައްކަތް ކުރިއަށް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއު 17 މާޗުގެ ނިޔަލަށް 16.7 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވޭ. ބާކީ 1.3 މިލިއަން ކިއުބިކް މީޓަރުގެ ވެލި ކުރިއަށް އޮތް މަސް ދުވަހެއްގައި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޮސްކާލިސްއާ މިހާރު ހަވާލުކޮށްފައި އޮތް މިންވަރަށް ބިން ހިއްކައި ނިންމައިލެވޭނެ،" މުއްތޮލިބް ވިދާޅުވިއެވެ.

ގުޅިފަޅު ބިން ހިއްކަނީ. މަހެއް ތެރޭ ފުރަތަމަ ބައި އެއްކޮށް ނިންމައިލެވޭނެ -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

އޭނާ ވިދާޅުވީ، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނީ މިހާރު ކުރިއަށްދާ ބައި ނިންމައިލެވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައި، ބޮޑުހިލަ ޖެހުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ. އަދި، ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ނިންމައިލެވުމުން ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަގުހަދަން ދޫކުރަންޖެހޭ ބިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ މަސައްކަތް ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ގުޅިފަޅުން މާލޭ މީހުންނަށް ގޯތިދޭން ކުރީގެ އެމްޑީޕީ ސަރުކާރުން އޮތީ ނިންމާފައެވެ.

comment ކޮމެންޓް