ރަމަޟާންމަހަކީ އީމާންކަމަށް އިންތިޤާލުވުމުގެ ފިޔަވައްސެއް

ހުކުރު މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ވަނީ ރަމަޟާން މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވައިފައެވެ. ނަރަކައިގެ ބިރުވެރި ދޮރުތައް ބަންދުކުރައްވައިފައެވެ.ޖިންނި ޝައިޠާނުންގެ ތެރެއިން ނުކިޔަމަންތެރި ޝައިޠާނުން ކަސްތަޅުއަޅުއްވައިފައެވެ. ﷲއަށް ކިޔަމަންގަތުމަށާއި އަޅުކަންކުރުމުގައި އެހީތެރިކަން ދެއްވުމަށް ޓަކައެވެ.އެކަލާނގެ ރުއްސެވުން ޙާޞިލުކުރެވޭތޯއެވެ.

މާތް ﷲ ރަޙްމަތްލެއްވި އިމާމު ބުޚާރީއާއި އިމާމު މުސްލިމު މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުންގެ އަރިހުން ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( إذا جاءَ رَمَضانُ فُتِّحَتْ أبْوابُ الجَنَّةِ، وغُلِّقَتْ أبْوابُ النّارِ، وصُفِّدَتِ الشَّياطِينُ [1] - ރަމަޟާންމަސް އަތުވެއްޖެނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވިދެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވިދެއެވެ.އަދި ޝައިޠާނުން ކަސްތަޅު އެޅުވިދެއެވެ. ))

މި ބަސްފުޅުން އެނގެނީ ރަމަޟާނަކީ ހެޔޮ ބަދަލުތައް ގެނައުމުގެ އިސްޓޭޝަނެއް ކަމެވެ. އެއީ އީމާންކަމަށް އިންތިޤާލުވުމުގެ ފިޔަވައްސެއް ކަމެވެ. ރަމަޟާންމަހަކީ ނުބައިކަންތައްތަކުގައި ހައްދުފަހަނަޅައިގޮސްފައިވާ ކޮންމެ މީހަކަށް އަދި ﷲއަށް ކިޔަމަންގަތުމުގައްޔާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރެވިފައިވާ ކޮންމެ މީހަކަށް އަދި މިސްކިތްތަކާ ދުރުހެލިވެ ނަމާދުތައް އެޅުމުގައި އިންފަހަނަޅައިފައިވާ ކޮންމެ މީހަކަށް އަދި ޤުރްއާނާ ދުރަށް ޖެހިލެވިފައިވާ ކޮންމެ މީހަކަށް ތައުބާވެ ﷲގެ ދަރުބާރަށް ރުޖޫޢަވުމަށް ލިބޭ ރަނުގެ ފުރްޞަތެކެވެ.

އާދެ! ރަމަޟާންމަސް އަޅުގަނޑުމެންގެ ގާތަށް އަލުން އަތުވެއްޖެއެވެ. މި މެހެމާނަށް ހޫނު މަރްޙަބާއެއް ކިޔާށެވެ! އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ހެވާއި ލާބަ ޙާޞިލުވުމުގެ ކުރިން އެ މަސް ބީވެގެންދިޔަ ނުދޭށެވެ.

އަހުރެމެން އަދި މި އުޅެނީ ރަމަޟާންމަހުގެ ކުރީކޮޅުގައެވެ. ދުވަސްތައް އަދި އެބައޮތެވެ. އަހުރެމެން ގާތަށް އައިގޮތަށް އަހުރެމެން ވެސް ރަމަޟާނާ ގާތްވަމާ ހިނގާށެވެ! އަހުރެމެންނާ ކުރިމަތިލި ގޮތަށް އަހުރެމެން ވެސް އެ މަހާ ކުރިމަތިލަމާ ހިނގާށެވެ!

ރޯދަމަހަކީ ކަންނެތްވުމުގެ މަހެއް ނޫނެވެ. އެއީ ނިދަން އޮންނަންވީ މަހެއް ވެސް ނޫނެވެ. އެއީ ކެއިންބުއިން ގިނަކުރަން އޮތް މަހެއް ވެސް ނޫނެވެ. އެއި މަޖާކުރަން އޮތް މަހެއް ނޫނެވެ. އެއީ މުނިފޫހިފިލުވުމުގެ މަހެއް ނޫނެވެ. އެއީ ހަލީސާނެގުމުގެ މަހެއްނޫނެވެ. ޗެޓުކުރަން އޮތް މަހެއްނޫނެވެ. އެއީ މުބާރާތްތަކުގެ މަހެއްނޫނެވެ.އެއީ ބާޒާރުކުރުމުގެ މަހެއް ވެސް ނޫނެވެ. އެއީ ސުފުރާތައް ތައްޔާރުކުރުމުގައި އެއް ޢާއިލާ އަނެއް ޢާއިލާއާ ވާދަކުރަންވީ މަހެއް ވެސް ނޫނެވެ. އެހަނަސް އެއީ ﷲއަށް ކިޔަމަންގަތުމުގައި ﷲގެ ޙަޟްރަތަށް ގޮސްތިބުމުގައި ވާދަކުރަންވީ މަހެކެވެ. އެއީ ރޯދަހިފުމާއި ތަރާވީޙު ނަމާދުކުރުމާއި ޤިޔާމާއި ތަހައްޖުދުކުރުމާއި ޤުރްއާންކިޔެވުމާއި ދީލަތިވުމާއި ހެޔޮފޯރުވުމާއި ރަޙިމުގެ ގުޅުންތައް ވާޞިލްކުރަންވީ މަހެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ރޮއިހަދަންވީ މަހެވެ. ދިންނަވާތޯއެވެ. ނަރަކައިން މުއްތިކުރައްވާތޯއެވެ. އެމަހުގައި މާތް ﷲ ލެއްވި ފުއްސެވުމާއި ރުއްސެވުމުން މަޙްރޫމުވި މީހަކީ ބަދު ނަސީބުވެރިއެކެވެ. އެއީ އޭނާއަށް ހަލާކު ހުރި މީހެކެވެ. ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((ޖިބްރީލުގެފާނު ވިދާޅުވިއެވެ. رغِمَ أنفُ مَن دخَل عليه رمضانُ ثمَّ لم يُغْفَرْ له[2] – އެ މީހެއްގެ ގާތަށް ރަމަޟާންމަސް އައިސް އޭނާއަށް ފާފަ ނުފޮއްސުވުނު މީހާއަށް ހަލާކު ހުއްޓެވެ!))

އަހުރެމެންގެ ގާތަށް ރަމަޟާންމަސް އައިސްފައި މިވަނީ އަމާންކަމާއި ސަލާމަތްތެރިކަމާއެކުގައެވެ. ދުޅަހެޔޮކަމާއި ހިތްހަމަޖެހުންމަތީގައި ތިއްބައެވެ. ލިބިފައިވާ މި މަދު ދުވަސްކޮޅުގައި ﷲއަށް ޚާލިޞްކޮށް އަޅުކަންކުރުމަށް އަތުކުރި އޮޅައިމާ ހިނގާށެވެ! އައު ހިތްވަރަކާއެކު ތެދުވަމާ ހިނގާށެވެ! އައު ހިންމަތަކާއެކު ރަމަޟާން މަހުގެ މުހިންމަތު [3]ތަންފީޒު ކުރެވޭތޯ ބަލަމާހިނގާށެވެ. މާތް ﷲ އަންގަވައިފައިވާ ފަދައިން ރަމަޟާންމަހަކީ މަދު ދުވަސްކޮޅެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (( أَيَّامًا مَعْدُودَاتٍ [4]- (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ))

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ އަޅުންގެ މައްޗަށް ފަރްޟުތަކާއި ވާޖިބުތައް ފަރްޟުކުރައްވަނީ ޙިކްމަތްތަކަކަށް ޓަކައެވެ. އެނގޭ ބަޔަކަށް އެނގޭނެތެވެ. ނޭނގޭ ބަޔަކަށް ނޭނގޭނެތެވެ.

މާތް ﷲ ރޯދަ ފަރްޟުކުރެއްވީ ގިނަގުނަ ޙިކްމަތްތަކަކަށް ޓަކައެވެ. އޭގެތެރޭގައި ހިމެނޭ އެންމެ ބޮޑު އެންމެ މުހިންމު ޙިކްމަތަކީ ތަޤްވާއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [5] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. )) الله عز وجل ރޯދަޔާބެހޭ އާޔަތްތައް ނިންމަވައިލައްވައިފައި ވަނީ ހަމަ ތަޤްވާއިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((كَذَلِكَ يُبَيِّنُ اللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ[6] -އެފަދައިން اللَّه، އެކަލާނގެ آية ތައް މީސްތަކުންނަށް بيان ކޮށް ދެއްވަނީ އެއުރެން تقوى ވެރި ވުމަށްޓަކައެވެ. ))

ރޯދަ ފަރްޟުކުރެއްވުމުގެ ޙިކްމަތްތަކުގެ ތެރޭގައި އިންސާނާގެ ނަފްސު ބޮޑާކަމާ ދުރުހެލިކޮށް ތަވާޟުޢު ކުރުވުން ވެއެވެ. ބަނޑުހައިހޫނުކަން އިޙްސާސްކުރަން ނުޖެހޭ މީހާ ހުންނާނީ ފޮނިކަމާއި ބޮޑާކަމުގެ މަތީގައެވެ. އެހެން މީހަކަށް އޭނާ ބޭނުންނުވާކަމަށް ހީކުރެވިގެންނެވެ.

ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ﷲ ހަދުމަކުރުމާއި ޒިކްރުކުރުންމަތީގައި އިންސާނާގެ ހިތް ދެމެހެއްޓުން ވެއެވެ. ބަނޑު ކާ އެއްޗެހިންނާއި ބޯއެއްޗެހިން ހުސްވުމަކީ ހިތުގެ އުޖަލާކަން އިތުރުވެގެންދާނެ ކަމެކެވެ. ހިތް ދިއްލި ހިތް މަޑުމޮޅިވެ ހިތުން ހަރުކަށިކަން ނެތިގެންދާނެ ކަމެކެވެ.

ރޯދައިގެ ސަބަބުން ޝައިޠާނާގެ ކުރިމަތީގައި އިންސާނާގެ ލޭ ހޮޅިތައް ހަނިވެގެންދިޔުން ވެއެވެ. ޝައިޠާނާއަކީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަދެ ލެއާއެކު ސިކުނޑިއަށާއި ހިތަށް ވާޞިލުވެ އިންސާނާއަށް ވަސްވާސްދޭ މަޚްލޫޤެކެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވައިފައިވާ ރޯދައަކީ ޝަހަވާތްތައް ކުޑަކޮށްދޭ ކަމެކެވެ، އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( يا مَعْشَرَ الشَّبابِ مَنِ اسْتَطاعَ الباءَةَ فَلْيَتَزَوَّجْ، فإنَّه أغَضُّ لِلْبَصَرِ، وأَحْصَنُ لِلْفَرْجِ، ومَن لَمْ يَسْتَطِعْ فَعليه بالصَّوْمِ، فإنَّه له وِجاءٌ[7] - އޭ ޒުވާނުންނޭވެ! ތިބައިމީހުންގެ ތެރެއިން ކާވެނިކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހާ ފަހެ ކާވެނި ކުރާހުށިކަމެވެ! ފަހެ ހަމަކަށަވަރުން އެ ކަމުގައި ލޮލުގެ ބެލުންތައް ތިރިކުރުމާއި ޢިއްފަތްތެރިކަން ރައްކައުތެރިކޮށްދިނުން ބޮޑުވެގެން ވެއެވެ. އަދި ކާވެނިކުރުމަށް ކުޅަދާނަވެގެންނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އެކަމަށް އޮތް ފަރުވާއެކެވެ. ))

ރޯދައިގެ ޙިކްމަތުގެ ތެރޭގައި މުއްސަނދިމީހާއަށް މާތް ﷲ ދެއްވި ނިޢުމަތުގެ މަތިން ކުޑައިރުކޮޅަކަށް ނަމަވެސް ހަނދާންކޮށްދެއްވުން ވެއެވެ. އޭނާއަށް އިޙްސާސް ކުރަންޖެހޭ ހައިހޫނުކަމާއި ކަރުހިއްކުމުގެ ސަބަބުން އެހެން މީހުންނަށް އޯގާވެރިވުމުގެ ޝުޢޫރުތައް އޭނާގެ ހިތުގައި އުފެދިގެން ދިޔުން ވެސް ވެއެވެ.ފަޤީރުކަމުގެ ސަބަބުން ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅެއް ނުލިބިގެން އުޅޭމީހުން ޙަޔާތުގެ ދުވަސްތައް ގުނަމުންދާގޮތް އޭނާގެ ހިތަށް ތަޞައްވުރު ކުރެވުމުން ދީލަތިވުމަށް އޭނާގެ ނަފްސު ގޮވައިލާނެކަން ކަށަވަރެވެ.

ރޯދައިގެ ސަބަބުން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ހާމަވެގެންދެއެވެ. އެއް މަހެއްގައި ހުރިހާ މުސްލިމުން އެއްގޮތަކަށް ރޯދަހިފާ މަންޒަރުން މި އުންމަތުގެ ވަޙްދަތު ފެނިގެންދެއެވެ.

މި ޒަމާނުގެ ޑަކްޓަރުންނާއި ސައެންސީ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ރޯދައަކީ ވަރަށް ގިނަ ބަލިތަކެއްގެ ފަރުވާއެކެވެ. ފަރަންސޭސިވިލާތްފަދަ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގައި ރޯދައިން ފަރުވާދޭ ޚާއްޞަ ކުލިނިކްތައް ހުރެއެވެ. އެ ތަންތާނގައި ((ރަމަޟާނީ ފަރުވާ)) ގެ ނަމުގައި މުސްލިމުން ރޯދަހިފާގޮތަށް ރޯދަހިއްޕުވައިގެން މިއަދު ފަރުވާ ދެއެވެ. ހިތުގެ ބަލިތަކަށާއި ހަޖަމުގެ ބަލިތަކަށާއި ލެއާއި މޭގަނޑާއި މަޢިދާގެ ބަލިތަކަށް ރޯދަފަރުވާ ދޭތަން ފެނެއެވެ.

ރިފަރެންސް:

[1] - أخرجه البخاري (٣٢٧٧)، ومسلم (١٠٧٩)
[2] - أخرجه الترمذي (٣٥٤٥)، وأحمد (٧٤٥١) والبخاري في ((الأدب المفرد)) (٦٤٦)
[3] - ރަދީފު ބުނާގޮތުގައި މުހިއްމަތުގެ މާނައަކީ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ރާވައި ހިންގަން ކަނޑައަޅަޅާ މައިގަނޑު ހަރަކާތް
[4] - البقرة: 184
[5] - البقرة: 183
[6] - البقرة: 187
[7] - أخرجه البخاري (٥٠٦٦)، ومسلم (١٤٠٠)

comment ކޮމެންޓް