އެންމެ އިސްކަންދީގެން ރ. ރަސްމާދޫގައި ހައުސިން ޔުނިޓު މަޝްރޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިއަހަރަށް ކަނޑައެޅި ބަޖެޓުގައި އެންމެ އިސްކަންދެނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށާއި ކުދި ތަންތަނުގައި އާއިލާތައް އުޅެން ޖެހުމުން ހީނުކުރާ ކަހަލަ މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.
"އެހެންވެގެން އެ މައްސަލަ ހައްލުކުރަން ވެގެން އަޅުގަނޑުގެ މެނިފެސްޓޯގައި އަދި ސިޔާސަތުގައި އެގޮތަށް ކަނޑައެޅީ، މިއަހަރަށް މި ފާސްކޮށްގެން ތަންފީޒުކުރާ ބަޖެޓުގައި ވެސް އެންމެ އިސްކަމެއް މިދެނީ އާ މަޝްރޫއުތަކުގެ ތެރޭގައި ހަމަ [ބޯހިޔާވަހިކަން] މި މައްސަލަ ހައްލުކުރަން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ރަސްމާދޫއަށް ވަޑައިގަތުން ---- ފޮޓޯ/ ރައީސް އޮފީސް
އަޅުގަނޑުމެން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މި ރަށުގައި އަޅުގަނޑުމެން އިސްކަންދީގެން ހައުސިން ޔުނިޓު މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނެ ކަން ހަމަ ވަރަށް ސާފުކޮށް ޔަގީންކަމާ އެއްކޮށް ދަންނަވާލަންރައީސް ޑރ. މުޙައްމަދު މުއިއްޒު
އެރަށުގައި ދެވަނަ އަށް އިސްކަންދޭނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ރަސްމާދޫ ރައްޔިތުންނާ ސަލަންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ރަސްމާދޫގައި އަޅާ ތިން ފަންގިފިލާގެ ސުކޫލު އިމާރާތުގެ މަސައްކަތް ނިމުމުން ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށާއި މިހާރަށް ވުރެ އަވަހަށް އެ މަޝްރޫއު ނިންމައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރަސްމާދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ހިމެނޭހެން ޖާގަ އިތުރުކޮށްދެވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ކުޑަ ކުއްޖަކާ އެއްކޮށް ރަސްމާދޫގައި ފޮޓޯ ނަންގަވަނީ ---- ފޮޓޯ/ ރައީސް އޮފީސް
މީގެއިތުރުން، ރަސްމާދޫގެ ތަރައްގީއަށް ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަންކަމަކީ:
- ފުޓުބޯޅަ ދަނޑުގެ މަސައްކަތްކޮށްދިނުން
- ޔޫތު ސެންޓަރުގެ މަސައްކަތް ނިންމައިދިނުން
- ފުލުހުން ތިބެގެން ޚިދުމަތް ދޭ ރަށަކަށް ވީއެންމެ އަވަހަށް ހެދުން
- ފެނުގެ ނިޒާމުގެ މަސައްކަތް ފަށައި، ނިންމައިދިނުން
ރައީސް ވަނީ ރަސްމާދޫ އެންޓަނާ މިހާރު ހުރި ތަނުން ބަދަލުކޮށް، އެކަމާ ގުޅިގެން ދޭން ޖެހޭ ފައިސާގެ ކަންކަން ބަލައި ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫއުތަކުގެ ތަކުގެ ސަބަބުން ރަސްމާދޫގެ ރައްޔިތުންނަށް ނަފާ ލިބުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމަށާއި ދެން އެރަށަށް ދާނީ މަޝްރޫއުތައް ނިންމާލައި، އެކަމުގެ ފާޅު ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.