ތިލަމާލެ ބުރިޖުގެ މަސައްކަތް ތާވަލަށްވުރެ އަވަސް: 35 އިންސައްތަ ނިމިއްޖެ

ތިލަމާލެ ބުރިޖުގެ މަސައްކަތް: މިނިސްޓަރު ވިދާޅުވީ 35 އިންސައްތަ ނިމިއްޖެ ކަމަށް -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ކުރީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ މަޝްރޫއު މިހާރު ކުރިއަށްދަނީ ތާވަލަށްވުރެ އަވަހަށް ކަމަށާއި އެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ފެށި ތިލަމާލެ ބުރިޖުގެ މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މިދިޔަ ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވިއެވެ.

މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތަފުސީލުތައް ހިއްސާކުރަން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ފަހުން އެކުލަވައިލި ތާވަލާ އަޅައިބަލާއިރު 1.11 އިންސައްތަ ކުރީގައި ކަމަށެވެ.

މިނިސްޓަރު މުއްތޮލިބް: އޭނާ ވިދާޅުވީ ބުރިޖުގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"އެހެންވީމާ އަޅުގަނޑުމެން ޝެޑިއުލަށްވުރެ ކުޑަ ތަންކޮޅެއް ކުރީގައި މަސައްކަތް ކުރަނީ... މި ވަގުތު އެންމެ މުހިއްމު މަސައްކަތަކީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވިއެވެ.

"ކޮންޓްރެކްޓަރަށް ކޮންފަޓޭބަލްވާ ހިސާބަށް މަސައްކަތް ކުރިއަށް ގެންދެވުނީމާ ދެން އަޅުގަނޑުމެން މަޝްވަރާކުރަން ފަށާނަން ކިހާ އަވަހަކަށްތޯ ނިންމައިލެވޭނީ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ބުރިޖުގެ މަސައްކަތުގެ 35.53 އިންސައްތަ މަސައްކަތް ވަނީ ނިންމައިލެވިފައެވެ. ޝެޑިއުލަށް ބަލާއިރު މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމައިލެވޭނެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ. ނަމަވެސް، އެ މަނިކުފާނު ބޭނުންފުޅުވަނީ އަންނަ އަހަރުގެ ކުރީކޮޅަށް އެ މަޝްރޫއު އެއްކޮށް ނިންމައިލަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ، ކޮޕް 28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވުމުން، ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދޭން އެދިވަޑައިގެންފައިވާނެ ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީޚު ފަސްކޮށްފައެވެ.

comment ކޮމެންޓް